އުމުރުން 33 އަހަރުގެ ޖަރުމަނު މިޑްފީލްޑަރު އިލްކާއި ގުންޑޮގަން، ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

އެންމެފަހުން ޔޫރޯ 2024 ގައި ޖަރުމަނު ޓީމުގައި މުހިއްމު ރޯލެއް އަދާކޮށް، ޓީމުގެ ކެޕްޓަންކަންވެސް ކުރި ގުންޑޮގަން ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރީ އިއްޔެއެވެ. އޭނާ ވަނީ 2011 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް 82 މެޗު ކުޅެފައެވެ.

ގައުމީ ޓީމުން ރިޓަޔާކުރިކަން އިއުލާނުކުރަމުން ގުންޑޮގަން ބުނީ ޔޫރޯ ކުރިންވެސް އޭނާއަށް ވަރުބަލިކަން އިހުސާސް ކުރެވި، ކުޅުން މަދުކުރަން ވިސްނި ކަމަށެވެ. އަދި މިހާރު ފުޓުބޯޅަ އޮތް ގޮތުން މާ ގިނަ މެޗުތަކެއް ކުޅެން ޖެހުމަކީ ހަށިގަނޑަށް އެކަމުގެ އަސަރުކުރާ ކަމެއް ކަމަށްވެސް ގުންޑޮގަން ވަނީ ބުނެފައެވެ.

ގުންޑޮގަން މިދިޔަ ސީޒަނަށް ބާސެލޯނާއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގައެވެ. މެންޗެސްޓާ ސިޓީގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު ގުންޑޮގަން ބާސާއަށް ބަދަލުވެ، މިދިޔަ ސީޒަނުގައި އެ ކްލަބަށް 51 މެޗު ކުޅެފައިވެއެވެ. އެހެން ނަމަވެސް، މި ސީޒަނުގައި ބާސާގެ އާ ކޯޗު، ހާންސީ ފްލިކްގެ އިރުޝާދުގެ ދަށުން އެ ޓީމުން ކުޅުނު މެޗުގެ ސްކޮޑުގައި ގުންޑޮގަން ހިމަނާފައެއް ނުވެއެވެ.

ފްލިކްގެ އިރުޝާދުގެ ދަށުން ގުންޑޮގަން މީގެ ކުރިން ވަނީ ޖަރުމަނުގެ ގައުމީ ޓީމަށް ކުޅެފައެވެ. ގުންޑޮގަން ސްކޮޑުގައި ނެތުމާ ގުޅޭ ގޮތުން ފްލިކް ބުނީ ގުންޑޮގަންއަކީ ކުޅުންތެރިއެއްގެ ގޮތުގައި ވަރަށް ފުރިހަމަ ނަމޫނާއެއް ކަމަށާއި ގުންޑޮގަންއާ ދެމެދު ކުރެވުނު މަޝްވަރާތައް ސިއްރުކުރަން ބޭނުންވާ ކަމަށެވެ.

ފްލިކް، ގުންޑޮގަން މަޑުކުރުވަން ބޭނުންވާ ނަމަވެސް، ބާސާވެސް މިވަގުތު އޮތީ ފައިސާގެ ހާލަތަށް ވިސްނަން ޖެހިފައެވެ. ކުޅުންތެރިން ވިއްކަން ބާސާއަށް މަޖުބޫރުވެފައިވާ އިރު، ގުންޑޮގަން ހޯދަން އިނގިރޭސި ލީގާއި ސްޕެނިޝް ލީގުގެ އިތުރުން ސައުދީ ލީގުގެ ކްލަބުތަކުން މަސައްކަތް ކުރަމުންދާ ކަމަށް ނޫސްތައް ބުނެއެވެ.