މާލެ ސަރަހައްދުގައި ދުއްވާ އެހެން ޒޯންތަކުގެ ރަޖިސްޓަރީ އޮންނަ އުޅަނދުތައް ވަގުތީ ގޮތުން ޕާކުކުރާނެ ބިމެއް ހުޅުމާލެއިން ހަމަޖެއްސުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީން އެޗްޑީސީ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރީ އެޗްޑީސީގެ ހެޑް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހުޅުމާލެއިން ހަމަޖައްސާ ބިމަށް މާލެ ސަރަހައްދުގައި ރަޖިސްޓްރީ ނުކޮށް މަގުމަތީގައި ބާއްވާފައި އޮންނަ ވެހިކަލްތައްވެސް ގެންދާނެ ކަމަށެވެ.

މާލޭގެ ޓްރެފިކް މައްސަލަތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ މާލެ ސަހައްދުގައި ދުއްވާ އެހެން ޒޯންތަކުގެ ރަޖިސްޓްރީ އޮންނަ އުޅަނދުތައް އެޗްޑީސީން ދައްކާ ބިމަކަށް އަމިއްލައަށް ގެންގޮސް ބާއްވައިގެން، ރަޖިސްޓަރީ ކުރަން ހަ މަސް ދުވަހުގެ މުއްދަތެއް ދޭން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެޗްޑީސީން ކަނޑައަޅާ ބިމަށް އެފަދަ ވެހިކަލް ގެންދިއުމަށް ދޭން ނިންމާފައިވަނީ 40 ދުވަހެވެ. އެއަށްފަހު މާލޭގައި ދުއްވާ އެހެން ޒޯންތަކުގެ ރަޖިސްޓަރީ އޮންނަ ވެހިކަލްތައް ޓޯ ކުރަން ފަށާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.