ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭއާއެކު ރެއާލް މެޑްރިޑުން ލަ ލީގާގައި ކުޅުނު ފުރަތަމަ މެޗުގައި މަޔޯކާއާ އެއްވަރު ވެއްޖެއެވެ.

ރެއާލުން މިދިޔަ ސީޒަނުގެ ލީގާއި ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައިވާ އިރު، ރޭ ރަށުން ބޭރުގައި އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަކީ ރެއާލާ އަލަށް ގުޅުނު ފްރާންސްގެ ކެޕްޓާން، ސުޕަ ސްޓާރު އެމްބާޕޭ ލީގުގައި ފެނިލި ފުރަތަމަ ފަހަރެވެ. އެ މެޗަކީ ރެއާލުންވެސް މި ސީޒަނުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. އެމްބާޕޭ ރެއާލަށް ކުޅުނު ފުރަތަމަ ވާދަވެރި މެޗަކީ އެޓަލާންޓާއާ ދެކޮޅަށް ކުޅުނު ޔޫއެފާ ސުޕަ ކަޕް މެޗެވެ. އެމެޗުގައި އޭނާ ގޯލު ޖެހިއެވެ.

ރޭ ރެއާލުން ކުޅުނު މެޗުގެ ކުރީކޮޅުގައި އެޓީމުން ލީޑު ނެގިއެވެ. ވިނީޝިއަސް ޖޫނިއާ ޖައްސާލި ބެކްހީލެއްގެ ފައިދާ ނަގައިގެން އެ ގޯލު ޖަހައިދިނީ ރޮޑްރީގޯ އެވެ. އޭރިއާ ތެރެއިން ޑިފެންޑަރު ބީޓްކޮށްލުމަށްފަހު އޭނާ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ސީދާ އަރިމަތީ ކަނަށެވެ.

އެ ގޯލަށްފަހު ރެއާލަށް މާ ގިނަ ހަމަލާތަކެއް އުފެއްދިފައި ނުވާ އިރު، އަލަށް ފްރާންސުން ބޭރު ލީގެއްގައި މެޗެއް ކުޅުނު އެމްބާޕޭއަށް ދެ ފުރުސަތެއް ލިބި ބޭކާރުއެވެ. އޭނާގެ ބާރު ހަމަލާއެއް ތިރިން ދަނޑި ކައިރިން ބޭރަށް ދިޔަ އިރު، ދެން ފޮނުވާލި ހަމަލާ މަތަކުރީ މަޔޯކާގެ ގޯލްކީޕަރު ޑޮމިނިކް ގްރީފެވެ.

މަޔޯކާއިން ގޯލު ޖެހީ ދެވަނަ ހާފުގައެވެ. ޑެނީ ރޮޑްރިގޭޒްގެ ހުރަހަކުން އެ ގޯލު ޖަހައިދިނީ ވެޑަޓް މުރިގީއެވެ.

މެޗު ނިމެން ދަނިކޮށް މުރިގީ ފަޔަށް ކުރި ޓެކްލަކާ ގުޅިގެން ރެއާލްގެ ފާލެން މެންޑީއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފައެވެ. ރެއާލުން ޕޮއިންޓަކާއެކު މެޗު ނިންމާލީ ކުޅުންތެރިޔަކު މަދުކޮށެވެ.