މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުލަތަށް ލިބެންޖެހޭ 100،000 ރުފިޔާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގެ ޝަރީއަތަށް އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން ހާޒިރުނުވުމުން ސިވިލް ކޯޓުން އެ މައްސަލަ މިއަދު ބޭރުކޮށްލައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ވަނީ 2018 ވަނަ އަހަރު ޅ. ނައިފަރު، ހިރުދުގަސްދޮށުގެ، މަހުމޫދު އަބްދުﷲ ގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ކޮށްފައެވެ. އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުން ވަނީ މަހުމޫދު އަބްދުﷲ 25 އަހަރަށް ޖަލަށް ލުމަށާއި 100،000 ރުފިޔާއިން ޖޫރިމާނާކޮށް، އެ ފައިސާ އެއް މަސް ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ހުކުމްކޮށްފައެވެ.

ކުރިމިނަލް ކޯޓުގެ އެ ހުކުމާ އެއްގޮތަށް މަހުމޫދު އަބްދުﷲ އެ ފައިސާ ދައްކާފައިނުވާތީ އެ ފައިސާ ހޯދުމަށް އެދި އެޓާނީ ޖެނެރަލް އޮފީހުން ވަނީ ސިވިލް ކޯޓަށް ހުކުމް ތަންފީޒުކުރުމުގެ މައްސަލައެއް 2022 އޮގަސްޓް 17 ގައި ހުށަހަޅައިފައެވެ.

އެ މައްސަލައިގެ ރައުޔުގައި މައްސަލަ ބެއްލެވި ގާޒީ އަބްދުއްނާސިރު ޝަފީގު ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިދިޔަ ބުދަ ދުވަހު ބޭއްވި ޝަރީއަތަށް ހާޒިރުވުމަށް އެޓާނީ ޖެނެރަލް އޮފީހަށް އަންގާފައިވާނެ ކަމަށެވެ. އެ ދުވަހުގެ ޝަރީއަތަށް ދައުވާ ރައްދުވާ މަހުމޫދު އަބްދުﷲ ހާޒިރުވި ނަމަވެސް އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހާޒިރުވެފައިނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުވެ، ގަވާއިދުގައި ބަޔާންކޮށްފައިވާ އަމިއްލަ ބާރު ނުފޯރައި، ކޯޓަށް ބަލައިގަނެވޭނެ ސަބަބެއް މެދުވެރިގެން ނޫން ގޮތަކަށް ކޯޓަށް ހާޒިރުވެފައިނުވާނަމަ ދައުވާ ފޯމު ބާތިލުކުރުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

"ވީމާ ދިވެހި ދައުލަތް (އެޓާނީ ޖެނެރަލްގެ އޮފީސް)އިން ޅ. ނައިފަރު / ހިރުދުގަސްދޮށުގެ މަހްމޫދު އަބްދުﷲ ގެ މައްޗަށް ހުށަހެޅި ހުކުމް ތަންފީޒުކުރުމުގެ މި މައްސަލައާ ގުޅިގެން 2024 އޮގަސްޓް 15 ގެ 11:30 އަށް ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުވުމަށް ދައުވާކުރާ ދިވެހި ދައުލަތް (އެޓާނީ ޖެނެރަލް އޮފީސް) އަށް ފޮނުވުމުން މި ކޯޓުގެ ނަންބަރު 144-B1/A2024/1426 (2024 ޖުލައި 23) އަމުރު ދައުވާކުރާ ފަރާތަށް ރައްދުވެ، މަގުބޫލު އުޒުރެއްނެތި ދައުވާކުރާ ފަރާތުން މި ކޯޓަށް ހާޒިރުވެފައިނުވާތީ، ސިވިލް ކޯޓަށް މީހުން ހާޒިރުކުރުމުގެ އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 20 ވަނަ މާއްދާއަށް ރިއާޔަތްކޮށް މި މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށް މި ގަޒިއްޔާ ނިންމަންޖެހެއެވެ..،" ގާޒީ ވިދާޅުވިއެވެ.

އެހެންވެ ގާޒީ ހުކުމްކުރެއްވީ ބުދަ ދުވަހުގެ ޝަރީއަތަށް އެޓާނީ ޖެނެރަލް އޮފީހުގެ ފަރާތުން ހާޒިރުވެފައިނުވާތީ އެ މައްސަލައިގެ ދައުވާ ފޯމު ބާތިލު ކުރުމަށެވެ.