އިނގިރޭސި ޕްރިމިއާ ލީގުގެ މިދިޔަ ހަތަރު ސީޒަނުގެވެސް ޗެމްޕިއަން މެންޗެސްޓާ ސިޓީން ރަށުން ބޭރުގައި މިރޭ ޗެލްސީ ބަލިކޮށްފިއެވެ.

ޗެލްސީ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ސިޓީން ޖެހިޖެހިގެން ރެކޯޑު ފަސްވަނަ ލީގު ތަށްޓަށް ކުރަމުންދާ މަސައްކަތް ރަނގަޅަށް މިރޭ ފަށާފައިވާ އިރު، މިއީ ޗެލްސީން އާ ކޯޗު، އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ވާދަވެރި މެޗެވެ. މިރޭގެ މެޗަށް ރަހީމް ސްޓާލިން ސްކޮޑުގައިވެސް ހިމަނާފައި ނުވާ އިރު، މިދިޔަ ސީޒަނުގައި އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަކުރި ވެސްލޭ ފޯފާނާއާއި ރޮމެއޯ ލާވިއާގެ އިތުރުން ކްރިސްޓޮފާ އެންކުންކޫ ޗެލްސީގެ ފުރަތަމަ 11 އިން ފެނިގެން ދިޔައެވެ.

ސިޓީން އަލަށް ސޮއިކުރި ބްރެޒިލްގެ ސާވިއޯ މިރޭގެ މެޗަށް ނުކުމެ މުހިއްމު ދައުރެއް އަދާކޮށްފައިވާ އިރު، ފުރަތަމަ ކޮޅުގައި ސިޓީން ނުރައްކާކުރިއެވެ. އެގޮތުން ޗެލްސީގެ ގޯލު ބެލެހެއްޓި ރޮބާޓް ސަންޗޭޒްގެ ފަރާތުން ރަނގަޅު ދެ ސޭވްއެއް ފުރަތަމަ ހާފުގައި ފެނިގެން ދިޔައެވެ. ބަނާޑޯ ސިލްވާ ޖެހި ބޯޅައެއްގެ އިތުރުން ކެވިން ޑި ބްރޭނާ ފޮނުވާލި ހަމަލާވެސް މަތަކުރީ އޭނާއެވެ.

މެޗުގެ 18 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގައިދިނީ މިދިޔަ ސީޒަނުގެ ރަން ބޫޓު ހޯދި އާލިން ހާލަންޑެވެ. އޭނާ ގޯލު ޖެހީ އަރިމަތިން ކަނޑާލި ބޯޅައެއްގައި ސިލްވާ ޖައްސާލުމުން، އެ ބޯޅަ ހޯދާފައި އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއިންނެވެ.

ޗެލްސީން ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ގޯލަކަށް މަސައްކަތް ކުރިއެވެ. ނިކޮލަސް ޖެކްސަންއަށް ލިބުނު ރަނގަޅު ދެ ފުރުސަތެއް އޭނާ އަތުން ބޭކާރުވެގެން ދިޔަ އިރު، އެންޒޯ ފެނާންޑޭޒް ފޮނުވާލި ބޯޅަ ދިޔައީ އެޑަސަން އަތަށެވެ. އަދި އެޑަސަންގެ ޕާހަކަށް ބަދަލަކަށް ނުކުތް ޕެޑްރޯ ނެޓޯއަށް ފަހިވި ފުރުސަތުގައި އޭނާއަށް ފޮނުވާލެވުމުގެ ކުރިން ރިކޯ ލެވިސް ވަނީ އެ ބޯޅަ މަތަކޮށްފައެވެ.

ޗެލްސީން ދެވަނަ ހާފުގައި ރެފްރީ އެންތޮނީ ޓެއިލާއަށް ހިތްހަމަނުޖެހުން ފާޅުކޮށްފައިވެސް ވެއެވެ. އެއީ އަރިމަތިން ނެގި ބޯޅައެއް، އޭރިއާ ތެރޭގައި ހުރި މަޓެއޯ ކޮވަސިޗް އަތުގައި ޖެހުމުން ޕެނަލްޓީ ނުދިނުމުންނެވެ. އެ މާޔޫސްކަމުގައި ޗެލްސީން ފަހުވަގުތަށް ގޮސް، ކޮޅަށް ވައްދާލީ ފަސޭހަ ގޯލެކެވެ. ޗެލްސީއަށް ކުރިން ގިނަ މެޗުތަކެއް ކުޅެ، އެ ކްލަބާއެކު ކާމިޔާބީތައްވެސް ހޯދި ކޮވަސިޗް ޖެހި އެ ގޯލަކީ މެދުތެރެއިން ދެ ކުޅުންތެރިން ނައްޓާލާފައި ވަދެ، ދުރުން ފޮނުވާލި ބޯޅައަކުން ޖެހި ގޯލެވެ.

އެ ގޯލާއެކު ޗެމްޕިއަން ސިޓީން ތިން ޕޮއިންޓް ޔަގީންކުރިއެވެ.