ކައުންސިލްތަކުގެ ބައި އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވަން ޖެހޭގޮތަށް ގާނޫނު ބަދަލުކޮށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނު" އަށް އެގޮތަށް އިސްލާހު ގެނެސް މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުގައެވެ. ރައީސް އެ އިސްލާހު ތަސްދީގު ކުރެއްވުމާ ގުޅިގެން އެ ގާނޫނު މިއަދު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ. އެ އިސްލާހަށް އަމަލުކުރަން ފަށަން ޖެހޭނީ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނު" ގައި ކުރިން ބަޔާންކޮށްފައި އޮންނަނީ ކައުންސިލްތަކުގެ ބައި އިލެކްޝަނެއް ބާއްވަން ޖެހެނީ އެ މަގާމެއް ހުސްވާތާ ދެ މަސް ދުވަސް (60 ދުވަސް)ގެ ތެރޭގައި ކަމަށެވެ. އެހެންކަމުން ބައި އިލެކްޝަންތައް ކައިރި ކައިރީގައި ބާއްވަން ޖެހުމުން އެކަމަށް ކުރަންޖެހޭ ހަރަދު ބޮޑުވެ، ކުރަންޖެހޭ މަސައްކަތް އިތުރުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ވަނީ އެކަން މަޖިލީހުގެ ސަމާލު ކަމަށް ގެނެސްފައެވެ.

ކައުންސިލްތަކުގެ ބައި އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވަންޖެހޭ ގޮތް ހެދުމަށްޓަކައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ދެ ބިލެއް ހުށަހެޅިއެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

މީގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހުގައި ބުނަނީ، ލޯކަލް ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިހާބުކުރަން ބާއްވާ ބައި އިލެކްޝަން ބާއްވަން ވާނީ، އަހަރަކު ދެ ފަހަރު ކަމަށެވެ. އެގޮތަށް ބާއްްވާ ދެ ބައި އިލެކްޝަންގެ ދެމެދު 183 ދުވަހަށްވުރެ ދިގު މުއްދަތެއް އަދި 120 ދުވަހަށްވުރެ ކުރު މުއްދަތެއް ފާއިތުވެގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ، ކައުންސިލެއްގެ ގޮނޑިއެއް ހުސްވާ އިރު ދައުރު ނިމެން އޮންނަ މުއްދަތު އަހަރެއް، ނުވަތަ އެއަށްވުރެ ކުރު ނަމަ ބައި އިލެކްޝަން ބޭއްވުން ލާޒިމު ނޫން ކަމަށެވެ.

ކައުންސިލެއްގެ ރައީސް ނުވަތަ މޭޔަރުގެ މަގާމު ހުސްވެއްޖެ ނަމަ އެ މަގާމު ހުސްވާތާ ގިނަވެގެން 14 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ ކަމަށާއި، ކައުންސިލްގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވެއްޖެ ނަމަ 30 ދުވަސް ތެރޭގައި މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވާ އިރު، ރައީސް ނުވަތަ މޭޔަރުގެ މަގާމު ވެސް ހުސްވެފައިވާ ނަމަ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށާއި، މެންބަރެއްގެ ގޮނޑި ހުސްވުމުގެ ސަބަބުން ޖަލްސާ ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަ ނުވާ ނަމަ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެ ދެ ބިލު ފާސްކުރީ މަޖިލިސް ޖަލްސާގައި ތިއްބެވި މެންބަރުންގެ ތެރެއިން 67 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކުރަން ނުފެންނަކަަމަށް ހަތް މެންބަރަކު އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް އަށް މެންބަރަކު ވޯޓު ދެއްވިއެވެ.