މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެންނާއި ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތުގެ އަޑުއެހުންތައް މިހަފުތާގައި ކުރިމިނަލް ކޯޓުގައި ކުރިއަށްގެންދަން ނިންމައިފިއެވެ.
ފުއްގިރި ހިޔާނާތާ ގުޅޭ މައްސަލައިގެ އަޑުއެހުމެއް ބާއްވަން ނިންމާފައި ވަނީ އަންނަ އަންގާރަ ދުވަހުއެވެ.
ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ޔާމީންގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ. އެ ހިޔާނާތާ ގުޅިގެން ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ވެސް ވަނީ އުފުލައިފައެވެ.
ކުރިމިނަލް ކޯޓުން އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ ހުސްވި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ.
އެ ދުވަހު އޮތީ އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެތް ކެއްގެ ހެކިބަސް ނެގުމެވެ. އެދުވަހު ހެތްކެއްގެ ގޮތުގައި ހާޒިރު ކުރީ، އެމްއެމްޕީއާރްސީގައި ކުރިން ވަޒީފާ އަދާކުރި މުހައްމަދު ޝިފާއު ކިޔާ މީހެކެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ތަރުޖަމާނު އަދި އެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ ޝަފީއު އަހުމަދު ވިދާޅުވީ، ފުއްގިރި ކުއްޔަށް ދިނުމުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އަންގާރަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.
އެ ދުވަހުގެ އަޑުއެހުމުގައި ވެސް އޮތީ ދައުލަތުން ހުށަހަޅާ ހެކިންގެ ހެކިބަސް ނެގުމެވެ.
ފުއްގިތި ހިޔާނާތާ ބެހޭގޮތުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނާ ގޮތުން، ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށް ޓަކައި ފަށަލަކޮށްފައެވެ.
އެ މައްސަލައިގެ ތެރެއިން ޖުމުލަ 38،334،560 އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދަން މަސައްކަތް ކުރާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
އެއީ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 އެމެރިކާ ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 އެމެރިކާ ޑޮލަރެވެ.
ޕަބްލިކް ޕްރޮސިކިއުޓާ ޝަފީއު އަހުމަދު ވިދާޅުވީ، ފުއްގިރި ހިޔާނާތުގެ މައްސަލައިގެ އިތުރުން ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގި އެންގުމާ އެއްގޮތަށް، އަންނަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި އެމައްސަލައިގެ އަޑުއެހުންތައް ފަށަން ވެސް ހަމަޖެހިފައިވާ ކަމަށެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް 25 ޑިސެމްބަރު 2022 ގައި އިއްވިއެވެ. އެއީ ރިޝްވަތުގެ ކުށަށް ހަތަރު އަހަރުގެ ޖަލު ހުކުމަކާއި، މަނީ ލޯންޑަރިންގެ ކުށަށް،ފަސް މިލިއަން ޑޮލަރު ގެ ޖޫރިމަނާއަކާ އެކު އިއްވި ހަތް އަހަރުގެ ޖަލު ހުކުމެވެ.
ނަމަވެސް ހައިކޯޓުގައި ކުރިއަށްދިޔަ އިސްތިއުނާފުގައި، މިދިޔަ އޭޕްރީލްމަހުގެ 18 ވަނަދުވަހު ހައިކޯޓުން ވަނީ ވަނީ އެ ހުކުމްތައް ބާތިލްކޮށްފައެވެ. ހަމައެއާއެކު އެ މައްސަލަ ކުރިމިނަލް ކޯޓުން އަލުން ބެލުމަށްވެސް ހައިކޯޓުން އެންގިއެވެ.
އެހެންކަމުން ބުދަ ދުވަހު ކުރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވަނީ އާރަށު މައްސަލައިގެ އަޑުއެހުންތައް ފެށުމަށެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން، ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުވާކުރާއިރު، އެ މައްސަލައިގައި ރިޝްވަތު ދެއްވިކަމުގެ ކުށުގައި، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުވާކުރިއެވެ.
ރައީސް ޔާމީންގެ ހުކުމާއެކު، ޔޫސުން ނައީމަށް ކުރި ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމްވެސް ވަނީ ބާތިލް ވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު