ޕޮލެންޑްގެ ތަރި ރޮބާޓް ލެވަންޑޯސްކީ ޖެހި ދެ ގޯލާ އެކު ބާސެލޯނާއިން މިފަހަރުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ވެލެންސިއާ ބަލިކޮށްފިއެވެ.
ބާސާއިން ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި ވެލެންސިއާ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަކީ ބާސާއިން އާ ކޯޗު ހާންސޭ ފްލިކްގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ މެޗެވެ.
މެޗުގެ ފުރަތަމަ ކޮޅުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ދަށް ކުޅުމެކެވެ. ހާއްސަކޮށް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. ދަށް ޓެމްޕޯއެއްގައި މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް، މެޗަށް ދިރުން ގެނެސްދިނީ ހޫގޯ ޑޫރޯ ވެލެންސިއާއަށް ޖަހައިގެން ގޯލުންނެވެ. އެ ގޯލަކީ ޑީއޭގޯ ލޮޕޭޒްގެ ހުރަހަކުން އޭނާ ޖެހި ގޯލެކެވެ.
އޭގެ އިރުކޮޅެއް ފަހުން ޑޫރޯގެ އިތުރު ހަމަލާއެއް ގޯލުގެ ރޮނގުމަތިން ސާފުކޮށްލަން ޖެހިފައިވާ އިރު، އަނެއްކޮޅުން ހާފު ނިމުމުގެ ކުރިން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރޮބާޓް ލެވަންޑޯސްކީ ވަނީ ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ޔޫރޯ 2024 ގައި ސްޕެއިނަށް ތަފާތު ދެއްކި ޒުވާން ލެމީން ޔަމާލެވެ.
ފުރަތަމަ ހާފުގައި ބާސާގެ ފަރާތުން އެންމެ އެކަށޭނެ ހަމަލާއެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ، އެ ޓީމުން ދެވަނަ ގޯލެއް ޖެހިއެވެ. 49 ވަނަ މިނެޓުގައި ބާސާގެ ދެވަނަ ގޯލު ވެސް ޖެހީ ލެވަންޑޯސްކީއެވެ. އެއީ އޭރިއާ ތެރެއިން ރަފީނިއާއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެއްގައެވެ.
އޭގެ ފަހުންވެސް ބާސާއިން ނުރައްކާ ކުރި އިރު، އުމުރުން 17 އަހަރުން ޔަމާލްގެ ނުރައްކާ ވަކިން ބޮޑަށް ފެނިގެން ދިޔައެވެ.
ބާސާއިން މިދިޔަ ސީޒަނުގެ ލީގުގެ ދެވަނައިގައި ނިންމާލާފައި ވަނީ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށްވެސް 10 ޕޮއިންޓް ފަހަތުންނެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ