އައްޑޫ އަކީ އިނގިރޭސިން އުޅުނު ތަނަކަށް ވާތީ، އެ ސަރަހައްދުގެ ޓޫރިޒަމް އެ ގައުމުގައި ޕްރޮމޯޓު ކުރަން އިސްކަން ދެއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފުރިހަމަ ސިޓީ ބްރޭންޑެއް ތަރައްގީކޮށް ޕްރިމިއާ ބްރޭންޑެއްގެ ގޮތުގައި އައްޑޫ ޕްރޮމޯޓު ކުރުމަށް "ޑެސްޓިނޭޝަން އައްޑޫ 2024"ގެ ނަމުގައި މިއަދު އައްޑޫގައި ފެށި ސަމިޓު އިފްތިތާހުކޮށް ދެއްވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ، އައްޑޫގައި އިނގިރޭސިން ތިބި އިރުގެ ނިޝާންތައް އަދިވެސް އެބަހުރި ކަމަށާއި ހެރިޓޭޖު މިނިސްޓްރީ އާ ގުޅިގެން އެތަންތަނުގެ އާބާތުރަ ފިލުވައި ޓޫރިޒަމަށް ފައްކާ ކުރަން ނިންމާފައިވާ ކަމަށެވެ.

"ހާއްސަކޮށް އިނގިރޭސި މާކެޓަށް އައްޑޫ ވަރަށް ބޮޑަށް ޕްރޮމޯޓު ކުރެވިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އިނގިރޭސިވިލާތުގައި އޮންނަ ޑަބްލިއުޓީއެމް ފެއާގައި ބައިވެރިވެ، އައްޑޫ ޕްރޮމޯޓް ކުރަން ސިޓީ ކައުންސިލުން ވެސް ނިންމާފައިވާ ކަމަށާއި އެކަމަށް އެމްއެމްޕީއާރްސީންވެސް އެއްބާރުލުން ދޭނެ ކަމަށެވެ.

އައްޑޫއަކީ ޕޮޓެންޝިއަލް ތަނެއްގެ ގޮތުގައި ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އައްޑޫއަކީ ފުން ތާރީހެއް އޮތް ތަނެއް ކަމަށެވެ.

މިނިސްޓަރު ފައިސަލް އިތުރަށް ވިދާޅުވީ، އައްޑޫގައި ހުރި ރިސޯޓުތައް އޮޕަރޭޝަނަށް ގެންނަން އެ ސަރަހައްދަށް ބޭރުން ސީދާ ފްލައިޓުތައް ގެންނަން ޖެހޭ ކަމަށެވެ. އަދި ނުހުޅުވި އޮތް ޝަންގްރިއްލާ ހުޅުވަން ހާއްސަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.