ލިވަޕޫލުން މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އަލަށް ޕްރޮމޯޓްވި، އިޕްސްވިޗް ޓައުން ބަލިކޮށްފިއެވެ.

މިރޭ އިޕްސްވިޗްގެ ދަނޑުގައި ލިވަޕޫލުން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ 22 އަހަރަށްފަހު އިޕްސްވިޗުން އިނގިރޭސި އެއްވަނަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗެވެ. އަނެއްކޮޅުން ލިވަޕޫލަށް މިރޭގެ މެޗު ހާއްސަވީ އެޓީމާ އަލަށް ހަވާލުވި ކޯޗު، އާނޭ ސްލޮޓުގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ވާދަވެރި މެޗަށްވީމައެވެ.

އެތައް ދުވަހެއް ވަންދެން އެ ޓީމުގެ ކޯޗުކަމުގައި ހުރެ، ގިނަ ކާމިޔާބީތަކެއް ހޯދި ޔާގަން ކްލޮޕް މިދިޔަ ސީޒަނަށްފަހު ކްލަބު ދޫކޮށްލާފައިވާ އިރު، ސްލޮޓް ޓީމާ ހަވާލުވީ މި ސީޒަނަށެވެ. ސްލޮޓްގެ ޕްރީ ސީޒަން ނަތީޖާތައް އެންމެ ރަނގަޅު ނޫން ނަމަވެސް، މިރޭގެ މެޗުން ލިވަޕޫލް ވަނީ ތިން ޕޮއިންޓް ހޯދައިފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލަށް އުނދަގޫތަކާ ދިމާވިއެވެ. ރަނގަޅު ޓެމްޕޯއެއްގައި މެޗު ހިފަހައްޓާލަން ލިވަޕޫލަށް އުނދަގޫވުމުގެ ނަތީޖާއެއްގެ ގޮތުން އިޕްސްވިޗުން ވަނީ ނުރައްކާވެސް ކޮށްފައެވެ. ހާފު ނިމެން ދަނިކޮށް އިޕްސްވިޗްގެ ނުރައްކާތެރި ދެ ހަމަލާއެއް ފެނިގެން ދިޔައެވެ.

ޖެކޮބް ގްރީވްސް ބޮލުން ޖެހި ބޯޅައެއް ނުރައްކާކޮށް ފެނިގެން ދިޔަ އިރު، އޮމަރް ހަޗިންސަން ތިރިން ފޮނުވާލި ހަމަލާ ވެސް ގޯލަށް ނުވަދެ ދިޔައީ ކިރިޔާއެވެ.

ދެވަނަ ހާފަށް ނުކުމެ ލިވަޕޫލް ފެނުނީ ކުޅުން ރަނގަޅު ކުރިތަނެވެ. ހާފުގެ ކުރީކޮޅުގައި ޑިއޭގޯ ޖޮޓާގެ ހަމަލާއެއް ދަނޑި ކައިރިން ބޭރަށް ދިޔަ އިރު، އޭގެ އިރުކޮޅެއް ފަހުން އުމުރުން 27 އަހަރުގެ ޕޯޗުގަލް ފޯވަޑް ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފައެވެ. ޖޮޓާ އެ ގޯލު ޖެހީ މުހައްމަދު ސަލާހާއި ޓްރެންޓް އެލެކްސެންޑާ-އާނޯލްޑް ވެގެން ތަނަވަސް ކުރި ފުރުސަތަކުންނެވެ.

ލިވަޕޫލުން ދެވަނަ ގޯލެއް މެޗުގައި ޖެހީ ޑޮމިނިކް ޒޮބޮސްލާއީ ދިން ބޯޅައަކުން ސަލާހް ޖެހި ބޯޅައިންނެވެ. އެއީ ސަލާހް، ސީޒަނުގެ ފުރަތަމަ މެޗުގައި ގޯލު ޖެހި ރެކޯޑް ނުވަ ވަނަ ފަހަރެވެ. މީގެ ކުރިން ސަލާހް ވަނީ އަށް ސީޒަނެއްގެ ހުޅުވި މެޗުގައި ގޯލު ޖަހައިފައެވެ.