ރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ސަރުކާރުން ދިނުމުގެ ސަބަބުން މަސްވެރިކަމާއި ފަތުރުވެރިކަމަށް ގެއްލުންވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ތެރޭގައި މަޑިއާއި ކޯމަހާއި މިޔަރު އަދި ކަނޑުމަތީ ދޫނިތައް ގިނަ އަދަދަކަށް ހިފޭ ކަމަށެވެ. އެކަމުގެ ސަބަބުން މަސްވެރިކަމާއި ފަތުރުވެރިކަމަށް ގެއްލުންވާނެ ކަމަށެވެ.

އެފަދައިން ވިދާޅުވެ ނަޝީދު އެކްސްގައި ޕޯސްޓެއް ކުރައްވާފައިމިވަނީ ލޭނުގެ މަސްވެރިކަން ރާއްޖޭގައި ކުރެވޭ ގޮތަށް ފިޝަރީޒް މިނިސްޓްރީން ގަވާއިދު ހަދައި، އާންމުންގެ ހިޔާލަށް ހުޅުވާލާފައިވާ ދަނޑިވަޅެއްގައެވެ. ގިނަ ބަޔަކު ދަނީ ލޭނުގެ މަސްވެރިކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރަމުންނެވެ. އަދި ދަނީ ލޭނުގެ މަސްވެރިކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް އޮންލައިންކޮށް ކުރަމުންނެވެ.

ފިޝަރީޒް މިނިސްޓްރީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ލޭނުގެ މަސްވެރިކަމަށް ހުއްދަ ދިނުމަށް ސަރުކާރުން ހުޅުވާލީ ފާއިތުވެދިޔަ އަހަރުތަކުގައި ލޭނުގެ މަސްވެރިކަމުން ލިބުނު ތަޖުރިބާއަށް ބެލުމަށްފަހު ކަމަށެވެ. ލޭނުގެ މަސްވެރިކަމަކީ ދިވެހިންނަށް ފައިދާހުރި އަދި ގާނޫނާއި ގަވާއިދާ އެއްގޮތަށް ކުރާ މަސްވެރިކަމެއްކަން ކަށަވަރުކުރުމަށް ހާއްސަ މައްދާތާކެއް ހިމަނައިފައިވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން ލޭނުގެ މަސްވެރިކަން ކުރުމަށް ހުއްދަދޭ އުޅަނދުތަކުގައި ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކޮންމެހެން ހުންނަންޖެހޭ ހަމަތަކެއް ގަވާއިދުގައި ބަޔާންކޮށްފައިވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އަދި އުޅަނދުގައި ކުރާ މަސްވެރިކަމުގެ ހަރަކާތްތައް ރަނގަޅަށް މޮނިޓާކޮށް ބެލެހެއްޓުމުގެ ގޮތުން އުޅަނދުގައި ވެސަލް ލޮކޭޓިން ޑިވައިސްއަކާއި އިލެކްޓްރޯނިކް މޮނިންޓަރިން ސިސްޓަމެއް ހަރުކުރުމުގެ އިތުރުން ކޮންމެ މަސްދަތުރަކަށް ފުރުމުގެ ކުރިން ޑިޕާޗާ ކްލިއަރެންސް ހޯދުމަށް ލާޒިމު ކޮށްފައިވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.

ލޭނު މަސްވެރިކަން ކުރުމަށް ހުއްދަ ސަރަހައްދެއް ކަމަށް ކަނޑައަޅައިފައިވަނީ މިނިސްޓްރީއަށް ލިބިފައިވާ މައުލޫމާތާއި ތަފާސްހިސާބުތަކަށް ރިއާޔަތްކޮށް، ކަންނެލީގެ އަތު ނަނުގެ މަސްވެރިން އާއްމުކޮށް ހަރަކާތްތެރިވާ ސަރަހައްދުން ބޭރުގެ ސަރަހައްދެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

"މިއީ ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިނުން ފެށިގެން 100 މޭލު ބޭރުގެ ސަރަހައްދުގެ ތެރެއިން 6 ޑިގްރީ އުތުރު ތޫލްއިން ފެށިގެން ދެކުނަށް އޮންނަ ސަރަހައްދެވެ..،" ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ ލޭނު މަސްވެރިކަމަށް ލައިސަންސް ދޫކުރާ އުޅަނދުފަހަރުތަކުގައި މިޔަރަށް އަމާޒުކޮށްގެން މަސްވެރިކަން ކުރުމަކީ ގަވާއިދުގެ ދަށުން މަނާކަމެއް ކަމަށެވެ. އަދި ގަވާއިދު ފަރުމާކުރުމުގައި ލޭނު މަސްވެރިކަމުގައި ހިފޭ މިޔަރު ފަދަ މަސްވެރިކަމުގައި ހިފޭ ބައިކެޗް މަދުކުރުމުގެ ގޮތުން ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް ހިމަނާފައިވާނެ ކަމަށެވެ.

އެގޮތުން ބައިކެޗްގެ ގޮތުގައި ހިފޭ މިޔަރު މަދުކުރުމުގެ ގޮތުން އުޅަނދުގައި ބޭނުންކުރާ ލޭނުކޮޅު (ބްރާންޗު ލައިން) ގެ މިޔަވާލި (ލީޑަރު)ގެ ގޮތުގައި ވަޔަރު ނުވަތަ ނަރު (ވަޔާ ޓްރޭސް) ބޭނުންކޮށްގެން ނުވާނެ ކަމަށް ގަވާއިދުގައި ހިމަނައިފައިވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

"ލޭނު މަސްވެރިކަމުގައި ހިފޭ މިޔަރު އަދި މަސްވެރިކަމުގައި އަމާޒުނުކުރާ ބާވަތްތައް (ބައިކެޗް) ދުނިޔެ ގަބޫލުކުރާ ބެސްޓް ޕްރެޓިސްތަކާއި ހަމަތަކުގެ މަތިން އެއްގަމަށް ގެނެސް، މިޔަރުގެ ބާވަތްތައް ޕޮރޮސެސްކުރުމުގެ ހުއްދަ އޮތް ފެސިލިޓީތަކުން ޕްރޮސެސްކުރުމުގެ ފުރުސަތު މި ގަވާއިދުގެ ދަށހުން ފަހިވެގެންދާނެއެވެ. މިއީ ދިވެހިރާއްޖޭގައި މިޔަރު މަސްވެރިކަން ކުރުމަށް ހުޅުވާލުން ނޫން ކަމަށާއި އަދި ހުޅުވާލުމުގެ ވިސްނުމުގައި އަޅާ ފިޔަވަޅެއް ވެސް ނޫންކަން ފާހަގަ ކުރަމެވެ..،" ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.

"ލޭނުކޮޅުގައި ޖެހޭ މިޔަރުގެ ތެރެއިން ލޭނު ނަގާއިރު މަރުނުވެ އޮންނަ މިޔަރު ވީހާވެސް އަވަހަށް ދޫކޮށްލަންވާނެ ކަމަށާއި މިގޮތަށް މިޔަރު ދޫކޮށްލާއިރު މިޔަރަށް ލިބޭ އަނިޔާ ކުޑަކުރުމަށްޓަކައި ބުޅި ނައްޓާ އާލަތް (ޑީ-ހުކާ) އަދި ލޭނުކޮޅު ބުރި ކުރާ އާލަތް (ލައިންކަޓާ) ބޭނުންކޮށްގެން މިޔަރުގެ އަނގައާ ނުވަތަ ބުޅިއާ ވީހާވެސް ކައިރިން ނަނު ބުރިކޮށްލަން އިރުޝާދު ދީފައިވާނެއެވެ..،"

ލޭނުކޮޅުގައި ޖެހޭ މިޔަރުގެ ތެރެއިން ލޭނު ނަގާއިރު މަރުވެފައިވާ މިޔަރު ބަނދަރަށް ގެންދާއިރު ހުންނަންވާނީ މިޔަރުގެ އެއްވެސް އުރަހެއް އޭގެ ހަށިގަނޑުން ވަކިނުކޮށް ކަމުގައި ކަމަށް ވެސް ގަވާއިދުގައި ވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެއީ ދުނިޔޭގެ ފެންވަރުގައި ވެސް ބަލައިގަނެފައިވާ ލޭނު މަސްވެރިކަމުގެ ބެސްޓް ޕްރެކްޓިސް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.