އަންނަ އޮކްޓޯބަރު މަހު ބަންގްލަދޭޝްގައި ބާއްވަން އޮތް އަންހެން ޓީ20 ކްރިކެޓް ވޯލްޑް ކަޕް، އެގައުމުގެ ހާލަތުން ނުބޭއްވުނު ނަމަވެސް، އިންޑިއާގައި މުބާރާތް ހޯސްޓް ކުރަން ބޭނުން ނުވާ ކަމަށް އިންޑިއާގެ ކްރިކެޓް ބޯޑު (ބީސީސީއައި) ސެކްރެޓަރީ ޖޭ ޝާހް ވިދާޅުވެއްޖެއެވެ.
ބަންގްލަދޭޝްގައި ކުރިއަށްދިޔަ ނުރައްކާތެރި މުޒާހަރާތަކުގައި 400 ވަރަކަށް މީހުން މިހާތަނަށް ވަނީ މަރުވެފައެވެ. ސިވިލް ސާވިސްގެ ވަޒީފާ ކޯޓާގެ މައްސަލަތަކުގައި އެގައުމުގައި ދަރިވަރުން އިސްނަގައިގެން ނުރައްކާތެރި މުޒާހަރާތަކެއް ކުރަމުންދާތާ ހަތަރު ވަރަކަށް ހަފުތާވެފައިވާ އިރު، ބޮޑު ވަޒީރުކަމުގައި ހުރި ޝެއިހް ހަސީނާ ވަނީ އިސްތިއުފާ ދެއްވައި، ގައުމު ދޫކުރައްވައި އިންޑިއާއަށް ވަޑައިގެންފައެވެ. މިހާރު އެގައުމުގައި އޮތީ ވަގުތީ ސަރުކާރެކެވެ.
ބަންގްލަދޭޝްގެ ހާލަތާ ގުޅިގެން އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ބުނެފައިވަނީ އެގައުމުގެ ހާލަތު ކައިރިން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން އޮކްޓޯބަރު މަހު ތިނަކުން 20 އަށް މުބާރާތް ބާއްވަން އޮތް ތާރީހަށް ހާލަތު ރަނގަޅު ނުވެއްޖެނަމަ، އައިސީސީން އެހެން ވިސްނުމަކަށް ދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ބަންގްލަދޭޝްގައި މުބާރާތް ނުބޭއްވިއްޖެ ހާލަތެއްގައި އިންޑިއާގައި މުބާރާތް ބާއްވަން އައިސީސީން އެދުނު ނަމަވެސް ސެކްރެޓަރީ ޝާހް ވަނީ އެކަމާ ސީދާ ދެކޮޅު ހައްދަވައިފައެވެ. އޭނާ ވިދާޅުވީ އެހާތަނުގައި އިންޑިއާގައި އޮންނާނީ ވިއްސާރަ މޫސުން ކަމަށާއި، އަންނަ އަހަރު އޯޑީއައި އަންހެން ވޯލްޑް ކަޕްވެސް އިންޑިއާގައި ހޯސްޓް ކުރާތީވެ، ދެ ވޯލްޑް ކަޕެއް ފުލުފުލުގައި ބާއްވާ ބަޔަކަށް އިންޑިއާ ވާން ބޭނުން ނުވާ ކަމަށެވެ.
ޓީ20 އަންހެން ވޯލްޑް ކަޕްގައި 10 ޓީމަކުން ވާދަކުރާނެއެވެ. 23 މެޗު މުބާރާތުގައި ކުޅެވޭ އިރު، ބަންގްލަދޭޝްގައި މެޗުތައް ހޯސްޓް ކުރަން ނިންމާފައި ވަނީ ޑާކާ ސިޓީއާއި ޝިލެޓްގައެވެ. މުބާރާތް ބަންގްލަދޭޝާއި އިންޑިއާގައި ނުބޭއްވިއްޖެނަމަ، ދެން މުބާރާތް ބާއްވަން އައިސީސީން ވިސްނަމުން އަންނަނީ ސްރީ ލަންކާ ނުވަތަ، ޔޫއޭއީގައެވެ.
ކްރިކެޓް
ކްރިކެޓް
ކްރިކެޓް
ކްރިކެޓް