މެލޭޝިއާގައި ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި މިއަދު ޗައިނާ ބަލިކޮށްފިއެވެ.

މެލޭޝިއާގެ ކުއަލަ ލަމްޕޫރުގެ ބުއޭޔަސް އޯވަލްގައި ކުޅުނު މެޗުން ރާއްޖެ މޮޅުވީ 10 ވިކެޓުންނެވެ. މެޗުގެ ޓޮސް ދިމާވުމުން ޗައިނާއިން ނިންމީ ކުޅެން އަރާށެވެ. ކުޅެން އަރައި ޗައިނާއިން 16.3 އޯވަރު ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވި އިރު، ހެދުނީ 96 ލަނޑެވެ. އެ އިނިންގްސްގައި ރާއްޖޭގެ އުކުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

ޗައިނާގެ އެއްވެސް ކުޅުންތެރިޔަކަށް 15 ލަނޑަށްވުރެ ގިނައިން ހެދިފައެއް ނުވެއެވެ. އެންމެ ގިނައިން ލަނޑު ހެދި ޔުއެޗާއޮ ޒޮންގް 15 ލަނޑު ހެދި އިރު، ޒޫޔޭ ޗެންއަށް ހެދުނީ 13 ލަނޑެވެ. އަދި ޖިއާންޔޫ ޑޫ ވަނީ 12 ލަނޑު ހަދައިފައެވެ. މިއަދުގެ މެޗުގައި ރާއްޖެއަށް މޮޅަށް ކުޅެ، މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޔޫސުފް އަޒްޔާން ވަނީ ތިން ވިކެޓް ނަގައިފައެވެ. އެއީ ހަތަރު އޯވަރުންނެވެ.

އޭގެ އިތުރުން ރާއްޖޭގެ އިބްރާހީމް ރިޒާނާއި ތަރޫޝާ ކަވިންދާ ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ވިކެޓް ނަގައިފައެވެ.

ބަދަލުގައި ކުޅެން އަރައި ރާއްޖެއަށް އެންމެ ރަނގަޅަށް ބެޓް ކުރީވެސް އަޒްޔާނެވެ. އޭނާ ވަނީ ނުބައި ނުވެ، 33 ބޯޅައިން 52 ލަނޑު ހެދިއެވެ. އަޒްޔާން ވަނީ ފަސް ބޯޅައެއްގައި ހަތަރު ލަނޑު ހަދައި، ތިން ބޯޅައެއް ހަޔަކަށްވެސް ޖަހައިފައެވެ. އޭގެ އިތުރުން ރާއްޖޭގެ މުހައްމަދު ރިޝްވާންވެސް ވަނީ ނުބައި ނުވެ، 29 ބޯޅައިން 44 ހަމަކޮށްފައެވެ. ރާއްޖޭން މެޗު ކާމިޔާބުކުރީ ފަސޭހަކަމާއެކު، އޯޕަނިން ޕެއާވެސް ނުބައި ނުވެއެވެ.

ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ސަބް ރީޖަނަލް ކޮލިފިކޭޝަން މެޗުތައް މެލޭޝިއާގައި އޮންނާނީ މިމަހުގެ 15 އާ ހަމައަށެވެ. ސަބް ރީޖަނަލް ކޮލިފިކޭޝަން މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ޗައިނާ، ސައުދީ އަރަބިއާ، ސިންގަޕޫރުގެ އިތުރުން ހޯސްޓް މެލޭޝިއާއާއި ހޮން ކޮންގް ޗައިނާއެވެ.

ގްރޫޕް އޭގައި ހިމެނެނީ ބަހްރެއިން، ބޫޓާން، ކުވައިތު، މޮންގޯލިއާ، މިޔަންމާގެ އިތުރުން ގަތަރާއި ތައިލެންޑެވެ.

ރާއްޖޭން މިފަހަރު މުބާރާތަށް ދިޔައީ ސްރީ ލަންކާގައި ކޭމްޕް ކުރުމަށްފަހުއެވެ.