މެލޭޝިއާގައި ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި މިއަދު ސިންގަޕޫރު ކައިރިން 33 ލަނޑުން ބަލިވެއްޖެއެވެ.

ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ސަބް ރީޖަނަލް ކޮލިފިކޭޝަން މެޗުތައް މެލޭޝިއާގައި އޮންނާނީ މިމަހުގެ 15 އާ ހަމައަށެވެ. ސަބް ރީޖަނަލް ކޮލިފިކޭޝަން މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ޗައިނާ، ސައުދީ އަރަބިއާ، ސިންގަޕޫރުގެ އިތުރުން ހޯސްޓް މެލޭޝިއާއާއި ހޮން ކޮންގް ޗައިނާއެވެ.

ގްރޫޕް އޭގައި ހިމެނެނީ ބަހްރެއިން، ބޫޓާން، ކުވައިތު، މޮންގޯލިއާ، މިޔަންމާގެ އިތުރުން ގަތަރާއި ތައިލެންޑެވެ.

ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ވަނީ ޗައިނާ ކައިރިން 10 ވިކެޓުން މޮޅުވެފައެެވެ. މިއަދު ކުޅުނު މެޗުގައި ސިންގަޕޫރަށް ޓޮސް ދިމާވުމުން އެޓީމުން ނިންމީ ކުޅެން އަރާށެވެ. ސިންގަޕޫރުން ވަނީ ކުޅެން އަރައި 20 އޯވަރު ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 188 ލަނޑު ހަދައިފައެވެ. ސިންގަޕޫރަށް އެންމެ ރަނގަޅަށް ކުޅުނު ސުރެންދްރަން ޗަންދްރަމޯހަން ވަނީ 61 ބޯޅައިން 105 ލަނޑު ހަދައި، ސައްތައެއް ހަމަކޮށްފައެވެ. އޭގެ އިތުރުން މަންޕްރީތު ސިންހް ވަނީ 36 ބޯޅައިން 50 ލަނޑު ހަމަކޮށްފައެވެ.

ރާއްޖޭން އެންމެ ރަނގަޅަށް އުކި، ހަރްޝާ އަމަރަސިންހާއި އިގްބާލް ޝޭރާޒް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ވިކެޓް ނަގައިފައެވެ.

ބަދަލުގައި ކުޅެން އަރައި ރާއްޖޭން 20 އޯވަރު ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 155 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނު އިގްބާލް ޝެރާޒް ވަނީ 34 ބޯޅައިން 40 ލަނޑު ހަދައިފައެވެ. އަދި އިސްމާއީލް އަލީ 13 ބޯޅައިން 37 ލަނޑު ހެދި އިރު، މުހައްމަދު ރިޝްވާން ވަނީ 18 ބޯޅައިން 27 ލަނޑު ހަދައިފައެވެ.

ދެން ރާއްޖެއަށް އޮންނާނީ މެލޭޝިއާއާ ދެކޮޅަށް ކުޅޭ މެޗެބެ. އެއީ މާދަމާ އަނެއް ދުވަހުއެވެ.