ސްޕެއިންގެ މިޑްފީލްޑަރު މިކެލް މެރީނޯ ހޯދަން އާސެނަލުން ރެއާލް ސޮސިއެދާދާއެކު މަޝްވަރާކުރަން ފަށައިފިއެވެ.
މެރީނޯއަކީ ޔޫރޯ 2024 ކާމިޔާބުކުރި ސްޕެއިން ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ. އޭނާ ވަނީ ސްޕެއިނުން މުބާރާތުގައި ކުޅުނު ހުރިހާ މެޗެއްގައިވެސް ފެނިގެން ގޮސްފައެވެ. ހާއްސަކޮށް ޖަރުމަނާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލް މެޗުގައި މެރީނޯ ވަނީ ސްޕެއިން މޮޅުކޮށްދިން ގޯލުވެސް ޖަހައިފައެވެ.
އުމުރުން 28 އަހަރުގެ މެރީނޯއަށް ސޮސިއެދާދުގެ އެއްބަސްވުމުގައި މިހާރު ބާކީ އޮތީ އެއް އަހަރެވެ. އެހެންކަމުން އަންނަ ޖެނުއަރީ މަހާ ހަމައަށް އެއްބަސްވުން އާނުކޮށްފިނަމަ، ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކަށް ބަދަލުވާން މެރީނޯއަށް ވާހަކަ ދެއްކުމަށް ފުރުސަތު ލިބޭނެއެވެ. އެހާލަތުގައި މެރީނޯގެ އެއްބަސްވުން އޮތުމަކީ އާސެނަލަށް ފައިދާއެކެވެ. މެރީނޯ ހިލޭ ޓްރާންސްފާއެއްގައި ދޫނުކުރުމަށް ސޮސިއެދާދުން މި ޓްރާންސްފާ ސީޒަނުގައި ފޮނުވާލަން މަސައްކަތް ކުރާނެ ކަމަށްވެސް ވަނީ ބެލެވިފައެވެ.
އިސްކޮޅުން ހަ ފޫޓު، ދެ އިންޗީގެ މިޑްފީލްޑަރު މެރީނޯ ގެންދަން އާސެނަލުން މަސައްކަތް ކުރަމުން އަންނަނީ ޑިފެންސިވް މިޑްފީލްޑަރަކަށް ކުޅުވާށެވެ. އެއީ ޑެކްލަން ރައިސްއަށް ރެސްޓް ދީ، މެދު ތެރޭގައި ވާދަވެރިކަން އިތުރުކުރުމަށްވެސް މެއެވެ. މިވަގުތު އާސެނަލް ކޯޗު މިކޭލް އާޓެޓާއަށް މެރީނޯގެ މަގާމަށް ބޭނުން ކުރެވެން ތިބި ކުޅުންތެރިންނަކީ ރައިސްގެ އިތުރުން ޖޯޖީނިއޯއާއި ތޯމަސް ޕާޓޭ އަދި މާޓެން އޮޑެގާޑެވެ. އޭގެ ތެރެއިން އޮޑެގާޑް ބޮޑަށް އެޓޭކިން ރޯލެއްގައި ފެނިގެންދާ އިރު، ޕާޓޭގެ އަނިޔާގެ މައްސަލަ ބޮޑެވެ.
މެރީނޯއަކީ ކުރިންވެސް ޕްރިމިއާ ލީގުގައި ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ 2017 ވަނަ އަހަރު ނިއުކާސަލްއަށް އެއް ސީޒަނުގައި ކުޅެފައެވެ. މެރީނޯ ވަނީ މީގެ ކުރިން 2019-20 ވަނަ އަހަރުގެ ސީޒަނުގައި ސޮސިއެދާދުގައި އޮޑެގާޑާއެކު ކުޅެފައެވެ. އޭރު އޮޑެގާޑް ހުރީ ރެއާލް މެޑްރިޑްގެ ލޯނެއްގައެވެ.
އާސެނަލް
އާސެނަލް
އާސެނަލް
އާސެނަލް