ޓޮޓެންހަމްއިން ލީގު ފަށަން އަންނަ ހޯމަ ދުވަހު، ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ޔެވެސް ބިސޫމާ ސަސްޕެންޑްކޮށްފިއެވެ.

އުމުރުން 27 އަހަރުގެ ބިސޫމާ ސަސްޕެންޑް ކޮށްފައިވަނީ "ލާފިން ގޭސް" ނުވަތަ އެންއޯއެސް މަޖަލަކަށް ބޭނުންކޮށް، އެ ބޭނުންކޮށްގެން މަޖާ ނެގި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އަމިއްލަ ސޯޝަލް މީޑިއާއަށް ޕޯސްޓުކުރި މައްސަލައެއްގައެވެ. "ލާފިން ގޭސް" އާންމުންގެ ބޭނުންތަކަށް، މަޖާކުރުމަށް ބޭނުންކުރުމަކީ އިނގިރޭސިވިލާތުގައި 2023 އަހަރުން ފެށިގެން މަނާ ކަމެކެވެ. އެކަމުގެ އަދަބެއްގެ ގޮތުގައި ދެ އަހަރަށް ޖަލަށްލުންވެސް ހިމެނެއެވެ.

ޓޮޓެންހަމްއިން މި ސީޒަނުގެ ލީގުގައި ކުޅޭ ފުރަތަމަ މެޗުގެ ކުރިން ވާހަކަދައްކަމުން އެޓީމުގެ ކޯޗު، އާންގޭ ޕޮސްޓެކޮގްލޫ ބުނީ ހޯމަ ދުވަހުގެ މެޗަށް ބިސޫމާ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އޭނާ ބުނީ ބިސޫމާއަށް އެނބުރި ސްކޮޑަށް އާދެވޭނީ ކޯޗު އަދި ކުޅުންތެރިންނާވެސް ވާހަކަދައްކައި، އިތުބާރު އަލުން ހޯދިގެން ކަމަށެވެ. އަދި އެފަދަ ކަންކަމުގައި އަދަބު ލިބެން ޖެހެނީ ކަންކަމުގެ ސީރިއަސްކަން ދެނެގަނެ، އެކަންކަމުން އިބުރަތް ހާސިލުކުރުމަށް ކަމަށްވެސް ޕޮސްޓެކޮގްލޫ ބުންޏެވެ.

ޕޮސްޓެކޮގްލޫ އިތުރަށް ބުނީ ބިސޫމާއަށް ކަންކަން ރަނގަޅުކުރުމުގެ ދޮރު ހުޅުވިފައިވާ ކަމަށާއި، ނިންމުންތައް ނިންމާނީ އޭނާ އަމިއްލައަށް ކަމަށެވެ.

ބިސޫމާ، 2022 ވަނަ އަހަރު ޓޮޓެންހަމްއަށް ބަދަލުވީ ބްރައިޓަންއިންނެވެ. އެއީ 30 މިލިއަން ޕައުންޑްގެ އަގަކަށެވެ. އޭނާ ވަނީ ޕްރި ސީޒަނުގައި ބަޔާން މިއުނިކާ ދެކޮޅަށް މިދިޔަ ހޮނިހިރު ދުވަހު ޓޮޓެންހަމްއިން ކުޅުނު މެޗުގައި ކުޅެފައެވެ. ބިސޫމާ ވީޑިއޯ ޕޯސްޓް ކުރީ އެ މެޗަށްފަހުއެވެ.