ރާއްޖެއަކީ އިންޑިއާގެ އަގުހުރި ރަހުމަތްތެރިއެއް ކަމަށާއި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބައަށް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިހެން ވިދާޅުވީ، އިންޑިއާގައި މިއަދު ފާހަގަކުރަމުން އަންނަ، އެ ގައުމުގެ 76 ވަނަ މިނިވަން ދުވަހުގެ ހެޔޮ އެދުންތައް އެ ގައުމުގެ ވެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައި ކުރެއްވި އެކްސް ޕޯސްޓާ ގުޅިގެން ކުރެއްވި ޝުކުރުގެ ޕޯސްޓެއްގައެވެ.
"އިންޑިއާއިން ދެކޭ ގޮތުގައި ރާއްޖެއަކީ އަގުހުރި ރަހުމަތްތެރިއެއް، ދެ ގައުމު ގުޅިގެން މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބައާއި މަންފާއަށް" މޯދީ ވިދާޅުވިއެވެ.
ރައީސް މުއިއްޒު މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވި ގޮތުގައި އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން، ދެ ގައުމަށާއި މި ސަރަހައްދަށް ތަރައްގީ ގެނުވައިދޭ ގުޅުމަކަށް ވަނީ ބަދަލުވެފައެވެ. އަދި މުސްތަގުބަލުގައި އިންޑިއާއާކު އޮންނަ ގުޅުން އިތުރަށް ބަދަހިވުމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މި ސަރުކާރުގެ ކުރީކޮޅުގައި އިންޑިއާއާއެކު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވިއެވެ. އެއީ ސަރުކާރުގެ ތިން ނައިބު ވަޒީރަކު، މޯދީއަށް ފުރައްސާރަކުރުމާއި އިންޑިއާއަށް ނުސީދާ ގޮތެއްގައި ސަރުކާރުގެ އިސް ބޭފުޅުން ފާޑުވިދާޅުވުމުންނެވެ. އެކަމުގެ ސަބަބުން އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިން ބޮޑުތަނުން މަދުވިއެވެ. ނަމަވެސް ސަރުކާރުގެ މަސައްކަތުން ހީނަރުވެފައިވާ ދެ ގައުމުގެ ގުޅުން މިހާރު އަންނަނީ ރަނގުވަމުންނެވެ.
އެ ގޮތުން ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރާއި ފޮރިން މިނިސްޓަރުވެސް އިންޑިއާއަށް ދަތުރުކުރައްވާފައިވާއިރު، އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރުވެސް ދާދި ފަހުން ވަނީ ރާއްޖެއަށް ވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު