ޔުކްރޭނުގެ ހަގުރާމައިގެ މައިދާން ވަނީ ފާއިތުވި ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް ބަދަލުވެގެން ގޮސްފައެވެ. ކުރިން ހަގުރާމަ ހިނގީ ޔުކްރޭނުގެ ތެރޭގައެވެ. ހަގުރާމައިގެ ބިރުވެރިކަން އިހުސާސްކުރީ ޔުކްރޭނުގެ ރައްޔިތުންނެވެ. އެކަމަކު މިހާރު މަންޒަރު ބަދަލުވެއްޖެއެވެ. ޔުކްރޭނުގެ ސިފައިން ވަނީ ފުރަތަމަ ފަހަރަށް ރަޝިޔާގެ ސަރަހައްދުގެ ތެރެއަށް ވަދެފަައެވެ. ރަޝިޔާގެ ސަރަހައްދުން ބަައެއް ހިފައިފައެވެ. އެހެން އިބާރާތަކުން ބުނާނަމަ ޔުކްރޭނުން ވަނީ ފުރަތަމަ ފަހަރަށް ރަޝިޔާގެ ތެރެއަށް މި ހަގުރާމަ ގެންގޮސްފައެވެ. ރަޝިޔާގެ ރައްޔިތުންނަށްވެސް ހަގުރާމައިގެ ބިރުވެރިކަން އިހުސާސްކޮށްދީފިއެވެ. ރަޝިޔާގެ ހުޅަނގު ދެކުނު ބިތުން ކާސްކޭ ކިޔުނު ސަރަހައްދުގެ ތެރެއަށް ޔުކްރޭނުގެ ލަޝްކަރެއް ކުއްލިއަކަށް ވަނުމާ ގުޅިގެން އެހިސާބުގެ އެތައް އަވަށަކުން އެތައް ހާސްބަޔަކު ނެރެ ރައްކާތެރި ހިސާބުތަކަށް ގެންދަން ރަޝިޔާއަށް ވަނީ މަޖުބޫރުވެފައެވެ. މިހިސާބުން އުފެދެނީ ސުވާލެކެވެ. މިވީ ކިހިނެއް ހެއްޔެވެ. ރަޝިޔާ ބަލިވާއަތަށް އެޅީ ހެއްޔެވެ.

ނޫނެކެވެ. ރަޝިޔާ ބަލިވަނީއެއް ނޫނެވެ. އެކަމަކު ހަގުރާމައިގެ މައިދާނަށް ބަދަލުތަކެއް އައީއެވެ. ރަޝިޔާ އާއި ޔުކްރޭނުގެ އިމަކީ ވަރަށް ދިގު އިމެކެވެ. ގާތްގަޑަކަށް ތިންހާސް ކިލޯމީޓަރަށް ދެމިގެންގޮސްފައިވެއެވެ. މިދެންނެވި ދިގު އިމުގެ ކޮންމެ ހިސާބަކީ ހަގުރާމައިގެ މައިދާނެެއް ނޫނެވެ. ސިފައިންގެ ލަޝްކަރުތަކާއި ހަތިޔާރުގެ ފުނިވަރުތައް ޖަމާކުރެވިފައިވާ ހިސާބެއް ނޫނެވެ. ހަގުރާމައިގެ މައިދާންކަމަށް ވެފައިއޮތީ މި ދެ ގައުމުގެ ސަރަހައްދީ އިމުން ދެތިން ދިމާލެކެވެ. އެހެން ހިސާބުތައް މިހައިތަނަށް އޮތީ ވަރަށް ހިމޭންކޮށެވެ. ޔުކްރޭނުން މިކުރިކަމަކީ މީގެ ތެރެއިން ހިމޭން ހިސާބަކުން ރަޝިޔާގެ ތެރެއަށް ކުއްލިއަކަށް ވަދެގަތީއެވެ. އެ ހިސާބަކީ ރަޝިޔާގެ ދިފާއީ ބާރުތައް އެންމެ ތުނި އެއް ސަރަހައްދެވެ. އެކަން ބަލައިފައި އެހިސާބުގައިވާ ރަޝިޔާގެ ދިފާއީ މަގާމުތަކަށް ޑްރޯނުން ވަރުގަދަ ހަމަލާތަކެއްދީ ދިފާއީ ފާރު ފޫއަޅުވައިލުމަށްފަހު އެތެރެއަށް ވަދެގަތީއެވެ. ރަޝިޔާގެ ތެރެއިން ގާތްގަޑަކަށް ތިރީހަކަށް ކިލޯމީޓަރު އެތެރެއަށް ވަދެގެންފިއެވެ.

ރަޝިޔާގެ ތެރެއަށް މިޒާތަކުން ވަދެ، ބައެއް އަވަށްތައް ހަލާކުކޮށް، ހިސާބަކަށް މީހުން މަރައި އުޅެގަތީމާ ރަޝިޔާއަށް ހަގީގަތުގައިވެސް ލިބުނީ ހައިރާން ކަމެކެވެ. ވަރަށް ބޮޑު ހައިރާންކަމެކެވެ. ރަޝިޔާއަށް މަޖުބޫރުވީ އެހެން ހިސާބުތަކަށް ޖަމާކޮށްފައިވާ ލަޝްކަރުތަކުގެ ތެރެއިން ބައެއް މިހިސާބަށް ފޮނުވުމަށެވެ. ރަޝިޔާގެ ތެރެއަށް ވަދެގަތް ދުޝްމަނުން ބަލިކޮށް ފައްސައިލުމަށްޓަކައި ހަގުރާމައިގެ އަސްލު މައިދާނުން ސިފައިންނާއި ހަތިޔާރުގެ މިންވަރެއް ގެންދިއުމަށެވެ. ޔުކްރޭނުން މިކަން މިކުރީ ހަގުރާމައިގެ މައިދާނުގައި ނާކާމިޔާބީއަކަށްފަހު ނާކާމިޔާބީއެއް ކުރިމަތިވެ ޔުކްރޭނުގެ ފައުޖުތައް ޑޮންބާސްއާއި ޑޮނެސްކުގައި ފަހަތަށް ޖެހެމުން ދަނިކޮށެވެ. ހަގުރާމައިގެ މައިދާނެއްގެ ގޮތުގައި މިހައިތަނަށް އޮތީ ޑޮންބާސްއާއި ޑޮނެސްކެވެ. އެހެންވީމާ މިޒާތުގެ އައުކަމެއް ޔުކްރޭނުން މިކުރީ ކީއްވެގެންކަމާމެދު ވިސްނައިލާންޖެހެއެވެ. މަގުސަދަކީ ކޮބައިތޯ ބަލަން އެބަޖެހެއެވެ. ހާސިލް ކުރެވިދާނެ މަގުސަދެއްތޯވެސް ބަލަން އެބަޖެހެއެވެ.

އަސްކަރީ ތަޖުރިބާކާރުންގެ ނަޒަރުގައި ޔުކްރޭނުގެ މަގުސަދުތައް ވަރަށް ސާފެވެ. އެއް މަގުސަދަކީ ޔުކްރޭނަށްވެސް ކަންކަން ކުރެވިދާނޭކަން ދެއްކުމެވެ. އެކަން ދެއްކުމަކީ އުކުޅެކެވެ. ރަޝިޔާގެ ތެރެއަށް ހަގުރާމަ ގެންގޮސް ރަޝިޔާގެ ރައްޔިތުންގެ ތެރެއިން ބައެއްގެ ހިތްތަކަށް ބިރުވެރިކަން ވެއްދުނީމާ ޔުކްރޭނާމެދު މީސްތަކުން ދެކޭގޮތް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. ޑޮންބާހާއި ޑޮނެސްކުގެ މައިދާނުން ގިނައަދަދެއްގެ ސިފައިންނާއި ހަތިޔާރު އެހެން ހިސާބަކަށް ގެންދަން ޖެހުނީމާ އެމައިދާނުގައި ޔުކްރޭނުގެ ލަޝްކަރަށް ހަމަނޭވާލާން ފުރުސަތެެއް ލިބުންވެސް އެކަށީގެންވެއެވެ. ހިތްވަރުއެލި މާޔޫސްވަމުންދާ ޔުކްރޭނުގެ ސިފައިންނާއި ރައްޔިތުންނަށް އައު ހިތްވަރާއި ޖޯޝު ލިބުމަކީވެސް އެކަށީގެންވާ ކަމެކެވެ. ރަޝިޔާއަކީ އެހާވަރުގަދަ ބާރެއް ނޫންކަން ދުނިޔޭގެ ގައުމުތަކަށް ވިސްނައިދިނީމާ ދުނިޔޭގެ ރައުޔު ބަދަލުވެގެން ހިނގައިދާނެކަމަށް ހީކުރުންވެސް އެކަށީގެންވެއެވެ. މިހެންގޮސް އެތައް ކަމެކެވެ.

ކޮންމެއަކަސް ރަޝިޔާގެ ތެރެއަށް ޔުކްރޭނުގެ ލަޝްކަރެއް ވަދެގެންފިއެވެ. އެކަން އެކުރީ މިހެން ތިބެފައި ހަމަ ކުއްލިއަކަށެއް ނޫނެވެ. ވަރަށް ބޮޑަށް ވިސްނައި ދުރާލާ ރާވައި ތައްޔާރުވެގެންނެވެ. ހިސާބު ޖަހައިފައެވެ. މިކަމުގައި ޔުކްރޭނަށް އެހީތެރިވެދީފައިވާނީ އެހެންޏާވެސް އެހީވަމުންއައި ހުޅަނގުގެ ގައުމުތަކުންނެވެ. މިވަރުގެ ކަމެއް ގިނިކަންޏާ ކުރެވޭހާ ފެންވަރެއް ނުހުންނާނެއެވެ. ނެތެވެ. ދެންއޮތީ މިކަމުގެ އާޚިރު ނަތީޖާ ނުކުންނަގޮތް ބެލުމެވެ. ރަޝިޔާގެ ތެރޭގައި މި ލަޝްކަރަށް ހިފަހައްޓައިލެވިއްޖެނަމަ އަސްކަރީ އަދި ސިޔާސީގޮތުން ޔުކްރޭނު ނެރެން ބޭނުންވާ ނަތީޖާތައް ހާސިލްކުރެވިދާނެއެވެ. ހަގުރާމަ ހުއްޓާލައި ޔުކްރޭނުގެ ކްރައިމިއާ އާއި ޑޮންބާހާއި ޑޮނެސްކުން ފައިބަން މަޖުބޫރު ހާލަތަކަށް ރަޝިޔާ ގެންދެވިދާނެއެވެ. އެކަމަކު އެއީ ވަރަށް ދުރު ކަމެކެވެ. ފެންނަ މަންޒަރުތަކުން ގަބޫލު ކުރެވެނީ އިސާހިތަކު ޔުކްރޭނުގެ ލަޝްކަރު ވަށާލައި އެމީހުންގެ ކަންތައް ނިމިދާނޭ ކަމުގައެވެ.

ކުރިންވެސް ބަޔާންކުރެވުނު ގޮތަށް ރަޝިޔާގެ ކާރސްކް ސަރަހައްދުގެ ތެރެއަށް ވަދެގަތް ޔުކްރޭނުގެ ލަޝްކަރު ބަލިވާނެއެވެ. ބަލިކުރާނެއެވެ. އެކަމަށް ވަގުތު ބޭނުންވާނެއެވެ. އެކަން ކުރެވޭނީ ހަގުރާމައިގެ އެހެނިހެން މައިދާންތަކުން ސިފައިންނާ ހަތިޔާރު ގެންގޮސްގެންނެވެ. އެގޮތަށް ގެންދިޔައީމާ ޔުކްރޭނަށް މިވަގުތު ކުރިމަތިވެފައިވާ ޕްރެޝަރު ހިސާބަކަށް ކުޑަވެ ނޭވާލާން ފުރުސަތެއް ލިބިދާނެއެވެ. އެކަމަކު އެއީވެސް ވަގުތީ ގޮތުންނެވެ. ރަޝިޔާގެ ވަރަށް ވަރުގަދަ ރައްދެއް އަންނާނެއެވެ. އެ ރައްދު ވަރަށް ހިތިވާނެކަމުގެ އިންޒާރު ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން މިހާރުވެސް ވަނީ ދެއްވައިފައެވެ. ރަޝިޔާގެ ރައްދު އައުމަށްފަހު ދެން މިޒާތުގެ އައުކަމެއް ރާވައި ހިންގުމުގެ ހިތްވަރެއްވެސް އަދި ކުޅަދާނަކަމެއްވެސް ޔުކްރޭނުގެ ކިބައިގައި ހުރުން ގާތެއްނޫނެވެ. މިހަގުރާމަ އަވަހަށް ނިންމައިލުމަށްޓަކައި ބޮޑުވެގެންވާ ބައްޔަކުން ޔުކްރޭނު ބަލިކޮށްލުން ރަޝިޔާއަށް މިހާރު މުހިންމެވެ. އެކަން އަވަސްކުރުމަށްޓަކައި ރަޝިޔާގެ ރޭވުންތަކަށް ބަދަލުތަކެއްވެސް ގެންނަން ޖެހޭނެއެވެ.