ގޭންގު ކުށްތައް ހުއްޓުވުމުގެ މަގުސަދުގައި ގޭންގު ކުށްތަކަށް ބޮޑެތި އަދަބުތަކެއް ލިބޭ ގޮތަށާއި ގޭންގުތަކާ ދެކޮޅަށް ފުލުހުންނަށް ހާއްސަ ބާރުތަކެއް ލިބިދޭ ގޮތަށް "ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު" އަށް ބަދަލު ގެންނަން ސަރުކާރުން ނިންމައިފިއެވެ.

"ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު"އަށް ގެންނަން ބޭނުންވާ އިސްލާހުތަކަށް ހިމަނައި ހޯމް މިނިސްޓްރީން މިއަދު ވަނީ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ޑްރާފްޓް ބިލެއް ފޮނުވައިފައެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނީ "ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު"ގެ މަގުސަދަކީ ގޭންގެއް ކަމަށް ކަނޑައަޅާނެ މިންގަނޑުތައް ބަޔާންކުރުމާއި ގޭންގު ހަދައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތައް ހުއްޓުވުމުގެ އިތުރުން އެފަދަ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތް ބަޔާންކުރުން ކަމަށެވެ. އަދި ގޭންގު ކުށްތައް ކުރާ ފަރާތްތަކަށް މާލީ ނުވަތަ މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުށެއް ކަމުގައި ކަނޑައެޅުމާއި ކުށުގެ އަދަބު ކަނޑައެޅުންވެސް ބިލުގެ މަގުސަދުގައި ހިމެނޭ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

"ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު" ގެ ޑްރާފްޓުގައި ވަނީ ގޭންގު ލީޑަރުންނާއި ގޭންގުތަކުގެ މެންބަރުންނަކީ ކޮބައިކަން ކަނޑައަޅާނެ ގޮތްތަކެއްގެ އިތުރުން އެފަރާތްތައް ސަރުކާރުގެ ވަޒީފާތަކުން ވަކިކުރުމާއި، އިންތިހާބީ މަގާމުތަކަށް ކުރިމަތި ނުލެވޭ ގޮތަށް ހަރުކަށި އަދަބު ލިބޭ ފަދަ ގޮތަކަށެވެ. އޭގެ އިތުރުން މަސްތުވާތަކެތީގެ މައްސަލައާއި ގޭންގް ކުށްތައް ހުއްޓުވުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިތުރު ބަދަލުތައްވެސް ބިލުގައި ހިމަނާފައިވެއެވެ.

  • - ވަކި ރަށެއްގެ ނުވަތަ ސިޓީއެއްގެ ވަކި މަގުތަކާއި ގޯޅިތަކަކީ ނުވަތަ ޕާކުތަކާ، އާންމު ސަރަޙައްދުތަކުގެ ތެރެއިން ވަކި ތަނެއް ނުވަތަ ތަންތަނަކީ އެއީ އެ ފަރާތްތަކުގެ ސަރަހައްދުގެ ގޮތުގައި ބެލެވޭނެ ފަދަ ނިޝާންތަކަކާއި ގްރެފިޓީތައް ނުވަތަ އެނޫންވެސް ނިޝާންތައް ނުވަތަ ވަކި ނަމެއް ނުވަތަ ނަންތައް ލިޔެ ނުވަތަ ކުރަހައި އެ ސަރަހައްދުގައި ގިނަވަގުތު ހޭދަކޮށް އެއީ އެ މީހުންނަށް ނިސްބަތްވާ ސަރަހައްދެއްކަން ބަލާބެލުމަށް ސިފަވާގޮތަށް އެ ސަރަޙައްދުތަކުގައި އުޅުން.
  • - ތަނަކަށް ނުވަތަ ސަރަހައްދަކަށް އާންމުކޮށް ގޮސްއުޅޭ ނުވަތަ އެފަދަ ތަނެއް ނުވަތަ ސަރަހައްދެއްގައި ގިނަވަގުތު ހޭދަކުރާ ބަޔަކު އެއީ ވަކި އުސޫލުތަކެއް ހިފަހައްޓަން ޖެހޭ މީހެއް ނުވަތަ ބަޔަކު ކަމަށް އެމީހުންގެ މެދުގައި ދެކި ވަކި ނަމެއް ކިޔައިގެން ނުވަތަ ނިޝާނެއް ބޭނުންކޮށްގެން އެ ނަން ނުވަތަ އެ ނިޝާން އެއީ އެ ބަޔެއް ރަމްޒުކޮށްދޭ ނުވަތަ ތަމްސީލުކޮށްދޭ ނަން ނުވަތަ ނިޝާން ކަމަށް ގަބޫލުކޮށްގެން ވަކި ތަރުތީބަކުން ކަންކަން އިންތިޒާމުކޮށްގެން ހިންގާކަމަށް ބެލެވޭފަދަ ގޮތަކަށް އަމަލުތައް ހުރިކަން ފުލުހުންގެ އިދާރާގައި ރިކޯޑުކުރެވިފައި ހުރި މައުލޫމާތުތަކުން އެނގެން އޮތުން.
  • - ވަކި ތަނަކަށް ނުވަތަ ސަރަހައްދަކަށް އާންމުކޮށް ގޮސްއުޅޭ ނުވަތަ އެފަދަ ތަނެއް ނުވަތަ ސަރަހައްދެއްގައި ގިނަ ވަގުތު ހޭދަކުރާ ބަޔަކަށް އިރުޝާދު ދޭ ނުވަތަ ކަންކަން ކުރަންވީ ގޮތް ކިޔައިދޭ ނުވަތަ ވަކިކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ބުނާ ވަކި މީހަކު ނުވަތަ ބަޔަކު ތިބި ކަމަށް އެމީހުންގެ މެދުގައި ގަބޫލުކޮށް އެގޮތަށް ދެކިގެން މަސައްކަތް ކުރާކަމަށް ފުލުހުންގެ އިދާރާގައި ރިކޯޑުކުރެވިފައި ހުރި މަޢުލޫމާތުތަކުން އެނގެން އޮތުން.
  • - ވަކި ތަނަކަށް ނުވަތަ ސަރަހައްދަކަށް އާންމުކޮށް ގޮސްއުޅޭ ނުވަތަ އެފަދަ ތަނެއް ނުވަތަ ސަރަހައްދެއްގައި ގިނަ ވަގުތު ހޭދަކުރާ ބަޔެއްގެ ތެރޭގައި ހިމެނޭ ދެމީހުން ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކަކީ ތަކުރާރުކޮށް ޖިނާއީ ކުށްތައް ކުރާކަށް ތުހުމަތުކުރެވޭކަމުގެ ކުށުގެ ރިކޯޑު ފުލުހުންގެ އިދާރާގައި އޮތުން.
  • - ވަކި ތަނަކަށް ނުވަތަ ސަރަހައްދަކަށް އާންމުކޮށް ގޮސްއުޅޭ ނުވަތަ އެފަދަ ތަނެއް ނުވަތަ ސަރަހައްދެއްގައި ގިނަވަގުތު ހޭދަކުރާ ބަޔެއްގެ ތެރޭގައި ހިމެނޭ ދެމީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން އެފަދަ ތަނެއްގައި ތިބޭ ތިބުމުގައި އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފު އަމަލުތައް ނުވަތަ އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލުތައް ކުރުމުގައި މަސްއޫލުވެ އުޅޭކަން ފުލުހުންގެ އިދާރާގައި ރިކޯޑުކުރެވިފައިވާ މައުލޫމާތުން އެގެން އޮތުން.

އެއާއެކު ގޭންގު ހަދައިގެން ކުށްކުރާ މީހުން ދެނެގަންނަން، އެފަރާތްތައް ހިމެނޭ ލިސްޓެއް އެކުލަވާލުމާއި ގޭންގު ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ކުށުގެ ތަހުގީގު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމާއ،ި އެފަދަ ތަހުގީގުތައް ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިޔުމަށް ފުލުހުންނަށް ހާއްސަ ބާރުތަކެއް ދިނުމަށްވެސް ބިލުގައި ހިމަނައިފައެވެ. އަދި އެއީ "ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު"ގެ މަގުސަދެއް ކަމަށްވެސް ހޯމް މިނިސްޓްރީން ބުންޏެވެ.

ހޯމް މިނިސްޓްރީ އިތުރަށް ބުނީ ސަރުކާރުގެ ސިޔާސަތަކީ ގޭންގް ކުށްތަކާއި މަސްތުވާތަކެއްޗަށް "ޒީރޯ ޓޮލަރެންސް" ކަމަށެވެ. ރާއްޖޭގައި ތަފާތުއެކި ބާވަތުގެ ކުށްތައް ކުރުން އިތުރުވެފައިވާ އިރު، އާންމުންގެ އެންމެ ބޮޑު ބިރަކީ ގޭންގްތަކުގެ ނުރައްކާ ބޮޑުވަމުން ދިއުން ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.