ނޭޕާލުގައި މިމަހުގެ 18 އިން 28 އަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ސާފް 20 އަހަރުން ދަށުގެ މުބާރާތަށް ދާ ރާއްޖޭގެ ގައުމީ ޒުވާން ޓީމުގެ ސްކޮޑު ފައިނަލް ކޮށްފިއެވެ.
ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރާނީ ބަންގްލަދޭޝާއި ނޭޕާލްގެ އިތުރުން ސްރީ ލަންކާ، ބޫޓާން އަދި އިންޑިއާއާއި ރާއްޖެއެވެ. ޕާކިސްތާނުވެސް މުބާރާތުގައި ބައިވެރިވި ނަމަވެސް، އެ ޓީމުން މިހާރު ވަނީ ނަން ނަގައިފައެވެ. ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެ ވާދަކުރާނީ ގްރޫޕް ބީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ބޫޓާނާއި އިންޑިއާއެވެ.
މުބާރާތަށް ރާއްޖެއިން ދުރާލާ ތައްޔާރުވެފައި ވަނީ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ގެ އިރުޝާދުގެ ދަށުންނެވެ. ޝާކިއްޓެއަކީ ޒުވާން ޓީމުތަކުގައި ތަފާތު، ޔޫތު މުބާރާތްތަކުގައި އެންމެ ކާމިޔާބު ކޯޗެވެ. ޓީމުގެ އެސިސްޓެންޓް ކޯޗުންނަކީ މުހައްމަދު އަރީފާއި އިސްމާއީލް އާސިފެވެ. ގޯލްކީޕަރު ކޯޗަކަށް ސީނިއާ ގައުމީ ޓީމުގެ ތަޖުރިބާކާރު ކޯޗު، އަސްލަމް އަބްދުލް ރަހީމް ޓީމައެކު ބައިވެރިވާ އިރު، މެނޭޖަރަކީ މުހައްމަދު އަބީރެވެ.
- މުހައްމަދު ޔާމީން (ގޯލްކީޕަރު)
- އަހުމަދު ނަވާފް ފައުޒީ
- ހަސަން ހައިޝަމް ހާމިދު
- ހަސަން ރާއިދު
- އަފްޒަލް މުހައްމަދު
- މުހައްމަދު ޖޫދު އަޝްފާގު
- ޔޫޝައު ބިން އަލީ ނަޝީދު
- ދައްޔާން އަހުމަދު
- ޝަނާން ރަޝާދު
- އިޝްއާފު މުހައްމަދު ފިރާގު
- އަބްދުﷲ ލޫތު އިބްރާހީމް
- އާދަމް ޝިޔާން މުހައްމަދު
- މުހައްމަދު ފައިޒާން ފަޒީން
- އަބްދުﷲ ފިޒާން އަބްދުލްގަފޫރު
- އަހުމަދު ޒަހާން ނަޒީރު
- އަހުމަދު އަތުވާން އަލީ
- މުހައްމަދު އައިހަމް އަންވަރު
- އަހުމަދު އިފުހާމް މުހައްމަދު (ގޯލްކީޕަރު)
- އާދަމް ލަޔާން ރަޝީދު
- މުޒްދާން ހަސަން
- ޔޫސުފް ޝާއިފް
- އަބްދުލް ރަޒީފް މުހައްމަދު (ގޯލްކީޕަރު)
- މުހައްމަދު ޝުއާއު ސަމްއޫން
ރާއްޖޭގެ ޒުވާން ޓީމުން ސާފަށް ދަނީ ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަންދެން ފަރިތަކުރުންތައް ކުރިއަށް ގެންގޮސް އެކުވެރިކަމުގެ ބައެއް މެޗުތައްވެސް ކުޅުމަށްފަހުއެވެ.
ގައުމީ ޒުވާން ޓީމާ ރޭ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ބައްދަލުކުރައްވާ ހިތްވަރު ދެއްވާފައިވެއެވެ. މިނިސްޓަރު ވަނީ ކުޅުންތެރިން ގައުމަށްޓަކައި ހިތްވަރާއެކު ކުޅެ، ގައުމަށް ރީތި ނަމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށްވެސް އެދިވަޑައިގެންފައެވެ. ރޭގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލްވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް