ފެނަކަ އަކީ ހިދުމަތްދޭ ކުންފުންޏަކަށް ވާތީ އެ ކުންފުންޏާ ހަވާލުކޮށްފައިހުރި ފެނާއި ނަރުދަމާނިޒާމުގެ ހުރިހާ މަޝްރޫއުތަކެއް ބާތިލުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު އޮފް ކޮންސްޓްރެކްޝަން އެންޑް އިންފްރާންސްޓްރަކްޗާ ޑރ. އަބުދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއްތަލިބު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި، ބ. ދޮންފަނުގައި ކުރީގެ ސަރުކާރުން ފަށާފައިވާ ފެނާއި ނަރުދަމާގެ މަސައްކަތުގެ އާރު އޯ ޕްލާންޓާއި އެޑްމިން ބިލްޑިން އަދި ޕަންޕް ސްޓޭޝަންތަކުގެ މަސައްކަތް ހުއްޓުފައިވާ އިރު، އެ މަސައްކަތް ފަށައި ރައްޔިތުންނަށް ހިދުމަތްދޭނީ ކޮން ދުވަހަކުންތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ 20 ރަށެއްގައި އެއް ބިލިޔަނަށްވުރެ ގިނަ ރުފިޔާގެ ފެނާއި ނަރުދަމާ ނިޒާމުގެ ޕްރޮޖެކްޓް ހިންގަމުން ގެންދާ ކަމަށެވެ. އެއީ ކުރީގެ ސަރުކާރުން ފެނަކައާ ހަވާލު ކޮށްފައިވާ ޕްރޮޖެކްޓްތަކެއް ކަމަށާއި އެ ޕްރޮޖެކްޓްތައް ބާތިލް ކުރަން ނިންމީ އެ ކުންފުންޏަކީ ކޮންޓްރެކްޓު މަސައްކަތް ހިންގާނެ ކޮންޓްރެކްޓަރަކަށް ނުވުމާއި އެއީ ހިދުމަތްދޭ ކުންފުންޏަކަށް ވުމުން ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ ބާތިލް ކުރާ ޕްރޮޖެކްޓްތައް އެމްޑަބްލިއުއެސްސީއާ ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި މަސް ނިމުމުގެ ކުރިން އެ ކުންފުންޏާ ޕްރޮޖެކްޓުތައް ހަވާލު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި ވީހާވެސް އަވަހަކަށް އެމްޑަބްލިއުއެސްސީއާ މަސައްކަތްތައް ހަވާލު ކުރުމުގެ މަސައްކަތް ކުރެވޭނެ މަގެއް ފެނޭތޯ ބަލަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

"ފެނަކައާ ހަވާލުކޮށްފައި ހުރި ހުރިހާ މަޝްރޫއުތަކެއް، ބާތިލުކުރުމަށް ފަހުގައި އެމްޑަބްލިއުއެސްސީއާ ވާހަކަދައްކައިގެން ޑައިރެކްޓު ނެގޯޝިއޭޝަނެއްގެ ތެރެއިން އެމްޑައިބްލިއުއެސްސީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ،"

މިނިސްޓަރު ވިދާޅުވީ އެއްވެސް ރަށެއްގައި ހިންގަމުންދާ މަޝްރޫއެއް ހުއްޓާލައިގެން ސަރުކާރުން ނުތިބޭނެ ކަމަށާއި ވީހާވެސް އަވަހަކަށް މަޝްރޫއުތައް ފެށޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ 20 ރަށުގެ މަސައްކަތް މިފަހަރު ކުރިއަށް ގެންދާނީ އެއް ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށެވެ.