ޗެލްސީން އަލަށް ގެންދިޔަ ފޯވަޑް ޕެޑްރޯ ނެޓޯ، ރޭ ރަސްމީކޮށް ދައްކާލައިފިއެވެ.

ޗެލްސީން އުމުރުން 24 އަހަރުގެ ނެޓޯ ގެންގޮސްފައި ވަނީ 54 މިލިއަން ޕައުންޑްގެ އަގަކަށެވެ. ވުލްވްސްއަށް ކުޅުނު ނެޓޯ ޗެލްސީއާއެކު އެއްބަސްވެފައި ވަނީ ހަތް އަހަރު ދުވަހުގެ އެއްބަސްވުމަކަށެވެ. ނެޓޯ ރަސްމީކޮށް ޗެލްސީ ކުޅުންތެރިއެއްގެ ގޮތުގައި ރޭ ދައްކާލީ އެޓީމުން އަމިއްލަ ދަނޑުގައި އިންޓަ މިލާނާ ދެކޮޅަށް ރޭ ކުޅުނު ޕްރި ސީޒަން އެކުވެރިކަމުގެ މެޗުގައެވެ.

ރޭ ކުޅުނު މެޗުގައި ޗެލްސީ 1-1 އިން އެއްވަރުވެފައިވާ އިރު، އެމެޗަކީ ޗެލްސީން މިފަހަރުގެ ޕްރީ ސީޒަނުގައި ކުޅުނު ފަހު މެޗެވެ. އެޓީމުން ސީޒަނުގައި ކުޅޭ ފުރަތަމަ ރަސްމީ މެޗުގައި ދެން ނުކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. އެއީ ލީގުގައި ޗެލްސީން ކުޅޭ ފުރަތަމަ މެޗަށެވެ.

ޕެޑްރޯ ގެންދަން ފީއެއްގެ ގޮތުގައި ޗެލްސީން 51.3 މިލިއަން ޕައުންޑްގެ އަގެއް ދައްކާފައިވާއިރު، އޭގެ އިތުރުން ބޯނަސް ފައިސާގެ ގޮތުގައި 2.6 މިލިއަން ޕައުންޑް އެ ކްލަބުން ވުލްވްސްއަށް ދައްކާފައިވެއެވެ. ޗެލްސީން ނެޓޯގެ ސޮއި ހޯދީ ފުރަތަމަ ކުރި ދެ ބިޑަށް ވުލްވްސްއިން ނޫނެކޭ ބުނެފައި ވަނިކޮށެވެ.

ނެޓޯގެ ޓްރާންސްފާއަކީ ވުލްވްސްއަށް ރެކޯޑު އާމްދަނީއެއް ލިބިގެންދިޔަ ޓްރާންސްފާއެކެވެ. މީގެ ކުރިން އެޓީމުން އެންމެ އަގުބޮޑުކޮށް ކުޅުންތެރިޔަކު ވިއްކާލާފައި ވަނީ މިދިޔަ ސީޒަނުގައެވެ. އެއީ ރުބެން ނެވޭސްއެވެ. ރުބެން ނެވޭސް ސައުދީ ލީގުގެ އަލް ހިލާލަށް ވުލްވްސްއިން ވިއްކާލީ 47 މިލިއަން ޕައުންޑްގެ އަގަކަށެވެ. ނެޓޯ ބޮޑު އަގުގައި ގަތުމާއެކު ޗެލްސީން މި ޓްރާންސްފާ ސީޒަނުގައި ކުޅުންތެރިން ގަންނަން ކުރި ހޭދަ ވަނީ 185 މިލިއަން ޕައުންޑަށް އަރާފައެވެ.

ޗެލްސީއަށް ސޮއިކޮށް ނެޓޯ ބުނީ ޗެލްސީ ކަހަލަ ކްލަބަކަށް ސޮއިކުރުމަކީ ލިބުނު ފަހުރެއް ކަމަށާއި، ކެރިއަރުގައި މިހާތަނަށް ބުރަ މަސައްކަތްތައް ކުރީ ޗެލްސީ ކަހަލަ ވަރުގަދަ ކްލަބެއްގެ ޖާޒީގައި ދަނޑު މައްޗަށް ނުކުތުމުގެ އުންމީދުގައި ކަމަށެވެ.

ނެޓޯ، 2019 ވަނަ އަހަރު ލާޒިއޯއިން ވުލްވްސްއާ ގުޅުނު ފަހުން އެ ކްލަބަށް 135 މެޗު ކުޅެ، 14 ގޯލު ޖަހާފައިވެއެވެ.