އެމެރިކާ ޓީމާއެކު އޮލިމްޕިކްސް އަންހެން ފުޓުބޯޅަ އިވެންޓްގެ ރަން މެޑަލް ހޯދުމަކީ ކެރިއަރުގެ އެންމެ މުހިއްމު ވަގުތުކޮޅު ކަމަށް ކޯޗު އެމާ ހޭސް ބުނެފިއެވެ.

އުމުރުން 47 އަހަރުގެ ހޭސްއަކީ މީގެ ކުރިންވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެކެވެ. އޭނާ ވަނީ ޗެލްސީއާ އެކު ހަތް ފަހަރު އިނގިޜޭސި އަންހެން ލީގު ކާމިޔާބުކޮށް، އެ ކްލަބާ އެކު އެފްއޭ ކަޕްވެސް ފަސް ފަހަރު ހޯދައިފައެވެ. އަދި ޗެމްޕިއަންސް ލީގުގެ ފައިނަލަށްވެސް ޗެލްސީއާއެކު ހޭސް ދަތުރު ކޮށްފައިވެއެވެ.

މިދިޔަ ސީޒަނުގައިވެސް ޗެލްސީއަށް ލީގާއި އެފްއޭ ކަޕް ހޯދައިދިނުމަށްފަހު ހޭސް މިފަހަރުގެ އޮލިމްޕިކްސްއާ ދިމާކޮށް އެމެރިކާ ގައުމީ އަންހެން ޓީމާ ހަވާލުވީ، އާ ޗެލެންޖަކަށް ކަމަށް ބުނެއެވެ. އެ ޗެލެންޖްގެ ކާމިޔާބީ އޮލިމްޕިކްސްއިން އޭނާއަށް ލިބިގެން ގޮސްފިއެވެ.

އެމެރިކާއިން އަންހެން ފުޓުބޯޅައިގެ ރަން މެޑަލް ހޯދީ، ބްރެޒިލް ކައިރިން 1-0 އިން މޮޅުވެގެންނެވެ. މެޗުގައި ހަމައެކަނި ގޯލު ޖެހީ މަލޯރީ ސްވަންސޮންއެވެ. އެ ގޯލާއެކު އެމެރިކާއިން އޮލިމްޕިކްސް ރަން މެޑަލް މި ހޯދީ، 12 އަހަރު ފަހުންނެވެ.

ރޭގެ މެޗަށްފަހު އެމެރިކާގެ ކޯޗު ހޭސް ބުނީ، ޗެލްސީއަކީ އޭނާ އެންމެ ލޯބިވާ ކްލަބު ކަމަށާއި އެ ކްލަބާ އެކު މީގެ ކުރިންވެސް ހޯދި ހުރިހާ ތަށްޓެއް ވަރަށް ހާއްސަ ކަމަށެވެ. އެހެންނަމަވެސް، ޕްރޮފެޝަނަލީ ބުނާނަމަ، އެމެރިކާއާ އެކު އޮލިމްޕިކްސް ރަން މެޑަލް ހޯދުމަކީ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް ހޭސް ސިފަކުރިއެވެ.

އެމެރިކާއަކީ 2015 އަދި 2019 ވަނަ އަހަރުގެ ދުނިޔޭ ޗެމްޕިއަނުން ނަމަވެސް، މިދިޔަ އަހަރު އޮތް ވޯލްޑް ކަޕުން އެޓީމު ކެޓީ ގަދަ 16 އިންނެވެ. ހޭސް ވަނީ އެމެރިކާގެ އެ ބަދުނަސީބު ބަދަލުކޮށްލައިފައެވެ.