އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި މެންޗެސްޓާ ސިޓީން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ.
މިދިޔަ އަހަރު އިނގިރޭސި ޗެމްޕިއަން ސިޓީއާއި އެފްއޭ ކަޕްގެ ޗެމްޕިއަން ޔުނައިޓެޑުން މިރޭ ވެމްބްލީގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، މެޗު އޮތީ 1-1 އިން އެއްވަރުވެފައެވެ. ޕެނަލްޓީއަށް ގޮސްގެން ވެސް އެއްވަރު އެއްވަރުކޮށް ގޮސް ނިމުނީ 7-6 އިން ސިޓީން މެޗު ކާމިޔާބު ކޮށްގެންނެވެ.
ސިޓީން މިފަހަރުގެ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފައި ވަނީ މެދުކެނޑުމަކަށްފަހުއެވެ. އެންމެފަހުން އެ ޓީމަށް ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރެވުނީ 2019 ވަނަ އަހަރުއެވެ. އެހެންކަމުން މިފަހަރު ސިޓީން ޝީލްޑް މި ކާމިޔާބުކުރީ ފަސް އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. ސިޓީން މިހާތަނަށް އިނގިރޭސި ކޮމިއުނިޓީ ޝީލްޑް ހަތް ފަހަރު ކާމިޔާބު ކޮށްފައިވާ އިރު، އެންމެ ގިނައިން ޝީލްޑް މެޗު ކާމިޔާބުކޮށްފައި އޮތް ޓީމަކީ ޔުނައިޓެޑެވެ. އެއީ 21 ފަހަރެވެ. ޔުނައިޓެޑުން އެންމެފަހުން ސީޒަން ހުޅުވި މެޗުން މޮޅުވީ 2016 ވަނަ އަހަރުއެވެ.
މެޗަށް ދެ ޓީމުން ނެރުނު ފުރަތަމަ 11 އަށް ބަލާއިރު، ސިޓީން ވަނީ 21 އަހަރުގެ އިންގްލެންޑް މިޑްފީލްޑަރު ޖޭމްސް މެކްއަޓީއާއި 19 އަހަރުގެ ނިކޯ އޮރައިލޭއަށްވެސް ފުރުސަތު ދީފައެވެ. އޭގެ އިތުރުން އޮސްކާ ބޮބްވެސް ފުރަތަމަ 11 އަށް ޕެޕް ގާޑިއޯލާ ނެރުނެވެ.
އަނެއްކޮޅުން ޔުނައިޓެޑުން ވަނީ މޭސަން މައުންޓާއި މާކަސް ރަޝްފޯޑް ފުރަތަމަ 11 ގައި ހިމަނައިފައެވެ. އަދި މިރޭގެ މެޗުގެ ފަހުކޮޅުގައި ޔުނައިޓެޑްގެ ޓީމުން ޖޭޑަން ސަންޗޯ ކުޅެން ނުކުތްތަންވެސް ފެނުނެވެ. މިދިޔަ ސީޒަނުގައި ކޯޗާ މައްސަލަ ޖެހި ސަންޗޯ ލޯނެއްގައި ޑޯޓްމުންޑަށް ދިޔަ ނަމަވެސް، މި ސީޒަނަށް މައްސަލަ ހައްލުކޮށް މަޑުކުރާނެ ކަމަށް ބެލެވެއެވެ.
ސިޓީން މެޗު ވަރުގަދަކޮށް ފަށައި، 23 ވަނަ މިނެޓުގައި ފޮނުވާލި ހަމަލާއެއް ދަނޑިއަށްވެސް އަމާޒުކޮށްލިއެވެ. މެކަޓީ ޖެހި ބޯޅަ ދަނޑިއަށް އަމާޒުވި އިރު، ޔުނައިޓެޑަށް ފުރަތަމަ ހާފުގައި ލިބުނު އެންމެ ރަނގަޅު އެއް ފުރުސަތަކީ އަމަޑް ޑިއާލޯއަށް ލިބުނު ހުސް ފުރުސަތެވެ. އޭނާއަށް ކީޕަރު އެކަނި ބީޓް ކޮށްލަން ޖެހުނު ނަމަވެސް، އެކަން ކާމިޔާބެއް ނުވިއެވެ.
ދެވަނަ ހާފު ފެށިގެން ޔުނައިޓެޑުން ކުޅުން ރަނގަޅުކުރި އިރު، ރަޝްފޯޑުގެ ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވިއެވެ. އަދި 82 ވަނަ މިނެޓުގައި އަލެހާންޑްރޯ ގާނާޗޯ ޖެހި ގޯލުން ޔުނައިޓެޑް ލީޑު ނެގިއެވެ. ޔުނައިޓެޑުން މެޗު ކާމިޔާބު ކުރުމަށް ދަނިކޮށް ބަނާޑޯ ސިލްވާ ސިޓީއަށް އެއްވަރުކުރީ 89 ވަނަ މިނެޓުގައެވެ.
ޕެނަލްޓީގައި ޔުނައިޓެޑްގެ ޖޯނީ އިވަންސްއާއި ސަންޗޯ އަތުން ޕެނަލްޓީ ނާކާމިޔާބުވި އިރު، ސިޓީ އަތުން ގެއްލުނީ ބަނާޑޯ ޖެހި ޕެނަލްޓީ އެކަންޏެވެ.
އެފްއޭ ކޮމިއުނިޓީ ޝީލްޑް
އެފްއޭ ކޮމިއުނިޓީ ޝީލްޑް
އެފްއޭ ކޮމިއުނިޓީ ޝީލްޑް
އެފްއޭ ކޮމިއުނިޓީ ޝީލްޑް