ލިވަޕޫލްގެ ޑިފެންސަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސް، ޑިފެންސް ވަރުގަދަ ކުރަން ޖެހިފައިވާ ކަމަށް އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުން ރޭ ބަލިވި މެޗަށްފަހު ކޯޗު އާނޭ ސްލޮޓް ބުނެފިއެވެ.

ލިވަޕޫލަށް މިފަހަރުގެ ކޮމިއުނިޓީ ޝީލްޑް ގެއްލުނީ ރޭ ކްރިސްޓަލް ޕެލެސް ކައިރިން ޕެނަލްޓީގައި ބަލިވެގެންނެވެ. ފުރިހަމަ ވަގުތު ހަމަވި އިރު، 2-2 ގެ ނަތީޖާއަކުން މެޗު އެއްވަރުވެފައި އޮތް އިރު، ޕެނަލްޓީގައި އެޓީމު ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ.

ޕްރިމިއާ ލީގުގެ ތަށި ދިފާއުކުރުމަށް މި ސީޒަނަށް ތައްޔާރުވަމުންދާ ލިވަޕޫލުން މިހާތަނަށް އަލަށް ގެންގޮސްފައިވާ ކުޅުންތެރިން ރޭ ފެނިގެން ދިޔައެވެ. މިދިޔަ ސީޒަން ނިމުމުން ޓްރެންޓް އެލެކްސެންޑާ އާނޯލްޑް ފޮނުވާލުމަށްފަހު، އޭނާގެ ބަދަލުގައި ޖެރެމީ ފްރިމްޕޮންގާއި މިލޯސް ކާކޭޒް ގެންދިޔަ ނަމަވެސް، ބޮޑު އަގުގައި ގެންދިޔައީ ފޯވަޑުންނެވެ.

ހޫގޯ އެކިޓީކޭ އާއި ފްލޯރިއަން ވާޓްސްވެސް ލިވަޕޫލުން ގެންގޮސްފައިވާ އިރު، އެޓީމުން މުހިއްމު ކުޅުންތެރިންތަކެއް ދޫވެސް ކޮށްލައިފިއެވެ. ރޭ އާ ހުރިހާ ކުޅުންތެރިން ފެނިގެން ގޮސްފައިވާ އިރު، ބައްޔާއެކު ސްލޮޓް ބުނީ ޑިފެންސް ގޯސް ކަމަށެވެ.

"އަހަރެމެންނަށް މިދިޔަ ސީޒަނުގައި ވާ ގޮތަކީ ބޯޅަ ގެންގުޅުނު ނަމަވެސް، ފުރުސަތު ތަނަވަސްކުރެވޭވަރު މަދުވަނީ. އެހެން ނަމަވެސް، މިހާރު ފުރުސަތު ތަނަވަސްކުރެވޭ ވަރު ވަރަށް ބޮޑަށް އިތުރުކުރެވިއްޖެ. އެހެންވިޔަސް ގަބޫލުކުރަން ޖެހޭ މިދިޔަ ސީޒަނުގެ ނަތީޖާ ރަނގަޅުވީ ކްލީންޝީޓް ދަމަހައްޓައި، ހަނި މޮޅުތައް ހޯދައިގެން. އެއީ ޑިފެންސް ރަނގަޅުވީމަ. މިހާރު އިދިކޮޅު ޓީމުގެ ފުރުސަތުތައް މަދު ނަމަވެސް، ލިބޭ ފުރުސަތުތައް އެބަ ބޭނުންކުރޭ. އެހެންވީމަ ޑިފެންސް އެޖެސްޓްކޮށް، ބަދަލެއް ގެންނަން ޖެހޭ،" ސްލޮޓް ބުންޏެވެ.

ލިވަޕޫލުން އިތުރު ބައެއް ޓްރާންސްފާތަކަށް މަސައްކަތް ކުރަމުންދާ އިރު، ބެލެވޭ ގޮތުގައި މިވަގުތު ވެސް ހޯދަނީ ފޯވަޑެކެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ލިވަޕޫލުން މިހާރުވެސް ދަނީ ނިއުކާސަލްގެ އެލެކްސެންޑާ އިސާކް ހޯދަން މަޝްވަރާ ކުރަމުންނެވެ.

ލިވަޕޫލުން ރަސްމީކޮށް ސީޒަން ފަށާނީ އަންނަ ހަފުތާ ހުކުރު ދުވަހުގެ ރޭ ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗުންނެވެ.