މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ކާމިޔާބުކުރި ކްރިސްޓަލް ޕެލެސްއިން އިނގިރޭސި ކޮމިއުނިޓީ ޝީލްޑް ކާމިޔާބު ކޮށްފިއެވެ.
މިރޭ ވެމްބްލީގައި ކުޅުނު ޝީލްޑް މެޗުގައި ޕެލެސްއިން ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލް ބަލިކުރީ ޕެނަލްޓީގައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 2-2 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި ޕެލެސްއިން މެޗު ކާމިޔާބުކުރީ 3-2 ގެ ސްކޯއަކުންނެވެ.
މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި ޕެލެސްގެ ކީޕަރު ޑީން ހެންޑަސަން ވަނީ ތަފާތު ދައްކައިފައެވެ. އެލެކްސިސް މެކް އަލިސްޓާއާއި ހާވީ އެލިއޮޓް ޖެހި ޕެނަލްޓީ އޭނާ މަތަކުރި އިރު، ލިވަޕޫލްގެ މުހައްމަދު ސަލާހް ޖެހި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މިއީ ޕެލެސްއިން އިނގިރޭސި ކޮމިއުނިޓީ ޝީލްޑް ހޯދި ފުރަތަމަ ފަހަރެވެ. މިއަހަރު މުޅިން އަލަށް އެފްއޭ ކަޕް ކާމިޔާބުކުރި ޕެލެސްއިން މިރޭ ކޮމިއުނިޓީ ޝީލްޑް މެޗަކަށް ނުކުތީ 50 އަހަރަށްފަހުއެވެ.
ލިވަޕޫލުން މި ސީޒަނަށް އަލަށް ގެންދިޔަ ފަސް ކުޅުންތެރިންވެސް މިރޭ މެޗުގެ ފުރަތަމަ 11 އަށް ނުކުމެފައިވާ އިރު، އެޓީމުން ވަނީ ކުރީކޮޅުގައި ލީޑު ނަގައިފައެވެ. މެދުތެރެއިން ފްލޯރިއަން ވާޓްޒް ދުއްވާލި ބޯޅަ ގޯލަށް ވައްދާލީ އާ ފޯވަޑް، ހޫގޯ އެކިޓީކޭއެވެ.
އެ ގޯލަށް 13 މިނެޓް ފަހުން ޕެލެސްއިން އެއްވަރުކުރިއެވެ. އެގޯލު ޖެހީ ޕެނަލްޓީއަކުން ފިލިޕް މާޓޭޓާއެވެ. އެ ޕެނަލްޓީއަކީ ވާޖިލް ވެން ޑައިކް، އިސްމައިލާ ސާއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ.
އެ ޕެނަލްޓީއަށް މާ ގިނައިރެއް ނުވެ، ޖެރަމީ ފްރިމްޕޮންގް ލިވަޕޫލަށް އަނެއްކާވެސް ލީޑު ނަގައިދިން އިރު، މިރޭގެ މެޗަކީ އެ ކްލަބަށް އޭނާވެސް ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ.
ދެވަނަ ހާފަށް ލީޑުގައި އޮވެ ނުކުތް ލިވަޕޫލުން ހާފު ކުރީކޮޅުގައި ލީޑު ފުޅާ ކުރުމާ ގާތަށް ޖެހިލިއެވެ. އެކިޓީކޭއަށް ހުސްކޮށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ މަތިން ބޭރަށެވެ.
މެޗު ލިވަޕޫލުން ކާމިޔާބުކުރަން ދަނިކޮށް، ޕެނަލްޓީއަށް ދިޔައީ ސާ ކާމިޔާބުކުރި ގޯލަކުންނެވެ. އެ ގޯލާއެކު ޕެނަލްޓީއަށް ގޮސް، ލިވަޕޫލް އަތުން ކޮމިއުނިޓީ ޝީލްޑް ގެއްލިގެން ދިޔައެވެ.
އިނގިރޭސި ލީގު ސީޒަން ފެށުމަށް ކުޅުނު ޝީލްޑް މެޗަށްފަހު، އަންނަ ހަފުތާގައި ލީގު މެޗުތައް ފަށަން ވަނީ ތައްޔާރުވެފައެވެ.
އެފްއޭ ކޮމިއުނިޓީ ޝީލްޑް
އެފްއޭ ކޮމިއުނިޓީ ޝީލްޑް
އެފްއޭ ކޮމިއުނިޓީ ޝީލްޑް
އެފްއޭ ކޮމިއުނިޓީ ޝީލްޑް