މިދިޔަ ސީޒަންގައި ތިން ތަށި ކާމިޔާބުކުރި މެންޗެސްޓާ ސިޓީ ބަލިކޮށް، މި އަހަރުގެ ސީޒަން ފެށި ކޮމިއުނިޓީ ޝީލްޑް މެޗު އާސެނަލުން ކާމިޔާބު ކޮށްފިއެވެ.
އިނގިރޭސި ތާރީހީ ސްޓޭޑިއަމް ވެމްބްލޭގައި މިރޭ ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން މެޗު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އާސެނަލް މެޗު ކާމިޔާބުކުރީ 4-1ގެ ނަތީޖާ އަކުންނެވެ.
މިރޭގެ މެޗަށް ސިޓީން ނުކުތީ މިދިޔަ ސީޒަންގެ ޓްރެބަލް ކާމިޔާބު ކޮށްފައި އޮވެގެންނެވެ. އާންމުކޮށް ޝީލްޑް މެޗުގައި ކުޅެނީ އެފްއޭ ކަޕް ޗެމްޕިއަނާއި އިނގިރޭސި ޕްރިމިއާ ލީގުގެ ފާއިތުވި ސީޒަނުގެ ޗެމްޕިއަނުން ނަމަވެސް، މިދިޔަ ސީޒަނުގައި އެ ދެ މުބާރާތްވެސް ކާމިޔާބުކޮށްފައި އޮތީ ސިޓީންނެވެ. އެހެންކަމުން މިރޭގެ މެޗަށް އާސެނަލުން ނުކުތީ ޕްރިމިއާ ލީގު ދެވަނައިގައި ނިންމާލި ޓީމުގެ ގޮތުގައެވެ. މިދިޔަ ސީޒަންގެ 248 ދުވަހު އާސެނަލުން ތާވަލުގެ އެއްވަނައިގައި ލީޑު ކުރި ނަމަވެސް، ސީޒަނުގެ ފަހުކޮޅުގައި ތަފާތު ދައްކާ ސިޓީން ވަނީ އާސެނަލް ކައިރިން ލީގު ހޯދައިފައެވެ.
އެ ހިތްދަތިކަމާއެކު މިރޭ މެޗުގެ ކުރިން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ އަދިވެސް ޓީމުގައި ހިތްދަތިކަން އެބަހުރި ކަމަށާއި ސިޓީއާ ދެކޮޅަށް ނުކުންނާނީ ސީޒަނުގެ ކުރިން ހިތްވަރު ހޯދުމަށް ކަމަށެވެ.
މިރޭ މެޗުގެ ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ދެ ފުރުސަތެއް ތަނަވަސްކުރީ އާސެނަލުންނެވެ. ޗެލްސީން އެ ޓީމަށް ގެންދިޔަ ފޯވަޑް ކައި ހަވާޓްސްއަށް ހުސް ދެ ފުރުސަތެއް ލިބި ބޭކާރުވެގެން ދިޔައިރު، ދެވަނަ ހާފަށް ނުކުމެ ސިޓީން ލީޑު ނެގިއެވެ.
ސިޓީގެ ގޯލަކީ 77 ވަނަ މިނެޓުގައި ކޯލް ޕާމާ ޖަހައިދިން ގޯލެކެވެ. އޭރިއާ ތެރެއަށް އައި ބޯޅައެއް ކެވިން ޑި ބްރޭނާ ބޮލުގައި ޖެހިފައި ޕާމާ ފަޔަށް ލިބުމުން، އޭރިއާ ބޭރު ކައިރިން ކަހަލަ ގޮތަކަށް އޭނާ ފޮނުވާލި ހަމަލާ އަމާޒުކޮށްލީ ގޯލުގެ ސީދާ ކަނަށެވެ. އޭގެފަހުން ލީޑު ފުޅާކުރުމަށް އާސެނަލަށް ލިބުނު ފުރުސަތުގައި ފިލް ފޮޑެން ޖެހި ބޯޅަ އާސެނަލްގެ ގޯލްކީޕަރު މަތަކުރި އިރު، އާސެނަލުން ނަތީޖާ ހަމަހަމަ ކުރީ ފަހު މިނެޓުގައެވެ.
އިތުރު ވަގުތުގެ 11 ވަނަ މިނެޓުގައި އާސެނަލްގެ ގޯލު ޖެހީ ލެއާންޑްރޯ ޓްރޮސާޑެވެ. އެ ގޯލަކީ ކޯނަރެއްގައި ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅައެއް މެނުއަލް އަކާންޖީ ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޯލަށް ވަން ބޯޅެކެވެ.
ޕެނަލްޓީގައި އާސެނަލްގެ މާޓެން އޮޑެގާޑާއި ޓްރޮސާޑުގެ އިތުރުން ބުކަޔޯ ސަކާ އަދި ފަބިއޯ ވިއެރާ ޖެހި ޕެނަލްޓީތައް ކާމިޔާބު ކޮށްފައިވާ އިރު، ސިޓީގެ ޑި ބްރޭނާއާއި ރޮޑްރީ ފޮނުވާލި ޕެނަލްޓީތައްވީ ނާކާމިޔާބެވެ.
އާސެނަލް
އާސެނަލް
އާސެނަލް
އާސެނަލް