ޕެރިހުގައި ކުރިއަށްދާ އޮލިމްޕިކްސްގެ ފިރިހެން ފުޓުބޯޅަ އިވެންޓުގެ ރަން މެޑަލް ސްޕެއިނުން ހޯދައިފިއެވެ.
ސްޕެއިނުން މިރޭ ކުޅުނު މެޗުގައި ފްރާންސް ބަލިކުރީ އިތުރު ވަގުތަށް ގޮސްގެން، 5-3 ގެ ނަތީޖާއަކުންނެވެ. ސްޕެއިނުން ދުނިޔޭގެ ފުޓުބޯޅަ ޑޮމިނޭޓް ކުރަމުންދާ އިރު، މިފަހަރު އޮލިމްޕިކްސް ރަން މެޑަލް ހޯދާފައި މިވަނީ ނިމިދިޔަ ޔުރޯ 2024 ގެ ތަށްޓަށް މަހެއްވެސް ނުވަނީހެވެ. އޭގެ އިތުރުން މިދިޔަ މަހުގައި ސްޕެއިނުން ވަނީ 19 އަހަރުން ދަށުގެ ޔޫރޯ ޗެމްޕިއަންކަންވެސް ހޯދައިފައެވެ. އަދި އޭގެ ކުރީ އަހަރު ސްޕެއިންގެ އަންހެން ޓީމުން ވަނީ ދުނިޔޭގެ ޗެމްޕިއަންކަންވެސް ހޯދައިފައެވެ.
މިރޭގެ އޮލިމްޕިކްސް ފައިނަލް މެޗަށް ސްޕެއިނުން ނުކުތީ 32 އަހަރަށްފަހު ފުރަތަމަ ފަހަރަށް އޮލިމްޕިކްސްގެ ރަން މެޑަލް ހޯދުމަށެވެ. އަނެއްކޮޅުން ފްރާންސުން 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ހީރޯ ތިއެރީ އޮންރީގެ އިރުޝާދާއެކު މިރޭގެ ފައިނަލަށް ނުކުތީ 40 އަހަރު ފަހުންނެވެ.
ޕާކް ޑެ ޕްރިންސްގައި ކުޅުނު މެޗު ބަލަން 48،000 އަށްވުރެ ގިނަ މީހުން ވަދެ، ގިނަ ބަޔަކު ފްރާންސަށް ސްޕޯޓްކުރަމުން ދިޔައެވެ. އެ މެޗުގެ ކުރީކޮޅު ވެގެންދިޔައީ ފްރާންސް ސަޕޯޓަރުންނަށް މާޔޫސީ ވަގުތުތަކަށެވެ. ފްރާންސްގެ އެންޒޯ މިލޮޓްގެ ގޯލުން މެޗުގެ ލީޑު ނެގި ނަމަވެސް، އޭގެ ހަތް ވަރަކަށް މިނެޓުފަހުން ސްޕެއިނުން އެއްވަރުކުރިއެވެ. އެ ގޯލު ޖެހީ ބާސެލޯނާގެ 21 އަހަރުގެ ތަރި ފާމިން ލޮޕޭޒެވެ. އެ ގޯލަށްފަހު ސްޕެއިން މަޑުޖެހުނީކީ ނޫނެވެ.
ފާމިންގެ އިތުރު ގޯލަކާއި ގުއިލާމޭ ރެސްޓެސްގެ ގޯލެއްގެ އިތުރުން އަލެކްސް ބައޭނާގެ ހިލޭ ޖެހުމަކުން ސްޕެއިނުން މެޗުގެ ނަތީޖާ 3-1 އަކަށް އަނބުރާލިއެވެ.
އެ ނަތީޖާގައި 78 ވަނަ މިނެޓާ ހަމައަށް ދަންދެން އޮތް އިރު، ފްރާންސުން ވަނީ ފަހުކޮޅުގައި ދެ ގޯލު ޖަހައި އިތުރު ވަގުތަށް މެޗު ގެންގޮސްފައެވެ. އެ ގޯލުތައް ޖެހީ މަގްނޭސް އަކްލިއޯޗޭއާއި ޖޭން-ފިލިޕް މަޓޭޓާއެވެ. މަޓޭޓާ ފަހު މިނެޓުގައި ގޯލު ޖެހީ ޕެނަލްޓީއަކުންނެވެ.
މެޗު އިތުރު ވަގުތަށް ގޮސް، ސްޕެއިން މޮޅުވި ދެ ގޯލުވެސް ޖެހީ ބަދަލަކަށް ނުކުތް ސާޖިއޯ ކަމޭލޯއެވެ.
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް