ފްރާންސްގެ ޕެރިހުގައި ކުރިއަށްދާ އޮލިމްޕިކްސް 2024 ގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ހީޓު ހަތަރެއްގައި ވާދަކޮށް، ރާއްޖޭގެ އިބާދުﷲ އާދަމް ފަސްވަނައިގައި ނިންމާލައިފިއެވެ.
އިބާދުﷲ މިއަދު ދުވި ހީޓުގައި އޭނާ ރޭސް ނިންމީ 10.55 ސިކުންތެވެ. އެއީ އިބާދުﷲ ގެ ޕާސަނަލް ބެސްޓް ޓައިމިންއެކެވެ. އެހެންނަމަވެސް ހީޓްގެ ފަސްވަނައަށް ދިޔުމުން އިބާދުﷲ އަށް ފުރަތަމަ ބުރަށް ކޮލިފައިވާން ފުރުސަތު ވަނީ ގެއްލިފައެވެ.
ޕްލިނިމިނަރީ ބުރުގެ ކޮންމެ ހީޓެއްގެ ގަދަ ދެއަކަށް ޔަގީން ފުރުސަތެއް ފުރަތަމަ ބުރުން ލިބޭ އިރު، ތިންވަނަ އަދި ހަތަރު ވަނައަށް ދާ އެތުލީޓުންނަށްވެސް، ހުރިހާ ހީޓެއްގެ ނަތީޖާއަށް ބަލައި، އަނެއް ބުރަށް ދިއުމުގެ ފުރުސަތު އޮވެއެވެ.
އިބާދުﷲ ދުވި ހީޓްގެ އެއްވަނައަކީ ހެއިޓީގެ ކްރިސްޓޮފާ ބޯޒޯރެވެ. އޭނާ ނިންމީ 10.26 ސިކުންތުންނެވެ. ދެވަނަ އެންގޯލާގެ މާކޮސް ސަންޓޯސް ހޯދީ 10.31 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ ހީޓްގެ ތިންވަނަ އަކީ ކޮމޮރޯސްގެ ހަޗިމް މާރޫފެވެ. އޭނާ ނިންމީ 10.44 ސިކުންތުންނެވެ. ހަތަރު ވަނައަށް ދިޔަ އިރާގުގެ ތާހާ ހުސައިން ޔަސީން ރޭސް ނިންމީ 10.51 ސިކުންތުންނެވެ. އިބާދުﷲއާ އޮތް ފަރަގަކީ ތިން މިލިސިކުންތުގެ ފަރަގެކެވެ.
އިބާދުﷲއާ އެއް ހީޓެއްގައި ވާދަކުރި އިރާގުގެ ޔަސީން ފުރަތަމަ ބުރަށް ދިޔަ އިރު، އިބާދުﷲއަށް ފުރުސަތު ގެއްލުނީ ވަރަށް ހަނިކޮށެވެ.
ޖެމެއިކާގައި ޓްރެއިނިން ހަދަމުން އައި އިބާދުﷲ މިފަހަރު ފްރާންސަށް ދިޔައީ ބޮޑު އަނިޔާއަކުން ރިކަވާވެ، ޓައިމިން ރަނގަޅު ކޮށްގެންނެވެ.
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް