ފްރާންސްގެ ޕެރިހުގައި ކުރިއަށްދާ އޮލިމްޕިކްސްގެ ފިރިހެން ފުޓުބޯޅަ އިވެންޓުގެ ސެމީ ފައިނަލް ޓީމުތައް ކަށަވަރުވެއްޖެއެވެ.
އޮލިމްޕިކްސް ފިރިހެން ފުޓުބޯޅަ އިވެންޓުގެ ކުއާޓާ ފައިނަލް މެޗުތައް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ސެމީއަށް ގޮސްފައިވާ މިސްރާއި މޮރޮކޯގެ އިތުރުން ސްޕެއިނާއި ފްރާންސެވެ. ގައުމުތަކުގެ ޒުވާން ޓީމުތައް ކުޅެމުންދާ އޮލިމްޕިކްސް ފުޓުބޯޅަ އިވެންޓުގެ ސެމީގައި ފްރާންސާއި މިސްރު މިމަހުގެ ހަވަނަ ދުވަހު ވާދަކުރާ އިރު، މިމަހުގެ ފަސްވަނަ ދުވަހު މޮރޮކޯއިން ނުކުންނާނީ ސްޕެއިނާ ދެކޮޅަށެވެ.
މިއީ އޮލިމްޕިކްސް ފިރިހެން ފުޓުބޯޅަ އިވެންޓުގެ ތާރީހުގައިވެސް އެފްރިކާ ދެ ގައުމެއް ސެމީ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. މިހާރު އޮތް ގޮތުން އެފްރިކާގެ ކޮންމެވެސް އެއް ޓީމަކަށް ޔަގީނުންވެސް މެޑަލް ޔަގީންވާނެއެވެ. އެއީ އޮލިމްޕިކް ސެމީން ބަލިވާ ދެ ޓީމު ތިންވަނަ ހޮވާ މެޗު ކުޅޭތީއެވެ.
ފްރާންސުން ސެމީއަށް ދިޔައީ އާޖެންޓީނާ ކައިރިން 1-0 އިން މޮޅުވެގެންނެވެ. އެ މެޗު ހޫނުވެގެންވެސް ގޮސްފައިވެއެވެ. ރޭގެ މެޗުގައި ފްރާންސުން ޖެހި ހަމައެކަނި ގޯލު، ފަސްވަނަ މިނެޓުގައި ޖެހީ ޖޯން-ފްލިޕް މަޓޭޓާއެވެ. އެ ގޯލު އޭނާ ޖެހީ މިޝޭލް އޮލީސޭގެ ކޯނަރަކުންނެވެ.
މެޗުގެ ފަހުވަގުތުގައި ހޫނުވެގެން، ދެ ޓީމުގެ އޮފިޝަލުންނާއި ބައެއް ކުޅުންތެރިންވެސް ދަނޑު މައްޗަށް އަރައި ނުތަނަވަސްކަން ފާޅުކުރުމުން، ގިނަ ކާޑުތަކެއްވެސް ދައްކާފައިވެއެވެ.
މިސްރުން ސެމީއަށް ދިޔައީ ޕަރަގުއާއީ ކައިރިން ޕެނަލްޓީގައި މޮޅުވެގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވެގެން ނިމުނު އިރު، ޕެނަލްޓީގައި މިސްރުން މޮޅުވީ 5-4 އިންނެވެ. މިސްރުގެ ގޯލު މެޗުގައި ޖެހީ އިބްރާހީމް އަދެލްއެވެ. މެޗު ޕެރަގުއާއީއަށް އެއްވަރުކޮށްދީ ޕެނަލްޓީއަށް ގެންދިޔައީ ޑިއޭގޯ ގޮމޭޒް ޖެހި ގޯލުންނެވެ.
މެޗުގައި ޕެރަގުއާއީއަށް ޕެނަލްޓީ ނާކާމިޔާބުވީ މާސެލޯ ޕެރޭ އަތުންނެވެ.
މޮރޮކޯއިން އެމެރިކާ ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. ސެމީއަށް މޮރޮކޯ ގެންގޮސްދޭން ގޯލު ޖެހީ ސުފިޔާން ރަހީމީއާއި އިލިއަސް އަހޮމަޗް، އަޝްރަފް ހަކީމީ އަދި އެލް މެހްދީ މައުބޫބެވެ. ސްޕެއިނުން ސެމީއަށް ދިޔައީ ޖަޕާން ކޮޅަށް ތިން ގޯލު ޖަހައި، 3-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ.
ސްޕެއިންގެ ފާމިން ލޮޕޭޒް މެޗުގައި ދެ ގޯލު ޖެހި އިރު، އަނެއް ގޯލު ޖެހީ އަބެލް ރުއީޒެވެ.
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް