ބޫޓާންގައި އިއްޔެ ފެށި ކާވާ ބީޗްވޮލީ ޗެލެންޖު ކަޕުގެ ފިރިހެން ސެމީ ފައިނަލަށް، ރާއްޖޭގެ ދެ ޕެއާ ކަމަށްވާ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) އަދި މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ) ދަތުރުކޮށްފިއެވެ.

ޑެންޒޯއާއި ކޯކޭގެ ޕެއާގެ އިތުރުން އެޑަމްއާއި ކުޑަ ކާއްޓޭގެ ޕެއާއަށް އިއްޔެވެސް ކާމިޔާބެވެ. އެ ދެ ޕެއާއިންވެސް އިއްޔެ ކުޅުނު މެޗުތަކުން މޮޅުވެ، ސެމީ ގާތްގަނޑަކަށް ޔަގީންވެފައި އޮތް އިރު، މިއަދު ވަނީ އަނެއްކާވެސް ރަނގަޅު މެޗުތަކެއް ކުޅެފައެވެ.

މީގެ ކުރިން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކުޑަ ކާއްޓޭއާއި އެޑަމްގެ ޕެއާއިން ގްރޫޕް ސްޓޭޖުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބޫޓާންގެ ޓަންޑިންއާއި ސޯނަމް ބަލިކުރީ ސީދާ ދެ ސެޓުންނެވެ. އެޑަމްއާއި ކުޑަ ކާއްޓާ މިއަދު ކުޅުނު ދެވަނަ މެޗުގައި ތަޖިކިސްތާނުގެ ފިރޫޒާއި ޒުރާބްގެ ޕެއާ އަތުންވީ ބައްޔެވެ. އެއީ ސީދާ ދެ ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ތަޖިކިސްތާނު ޕެއާއިން ގެންދިޔައީ 21-17 އަދި 21-13 އިންނެވެ.

ޑެންޒޯއާއި ކޯކޭގެ ޕެއާއިން މިއަދުގެ ކުޅުނު މެޗުގައި ސީދާ ދެ ސެޓުން ބޫޓާންގެ ޑޯޖީއާއި ކިންލޭގެ ޕެއާ ބަލިކުރި އިރު، އެ ޕެއާއިން ވަނީ ހުރިޙާ މެޗަކުން މޮޅުވެ ސެމީއަށް ގޮސްފައެވެ. ސެމީގައި ކޯކޭއާއި ޑެންޒޯ ނުކުންނާނީ ނޭޕާލްގެ ޝްރެސްތާއާއި ސުނާރުގެ ޕެއާއާ ދެކޮޅަށެވެ. އެޑަމްއާއި ކުޑަ ކާއްޓޭ މާދަމާގެ ސެމީގައި ނުކުންނާނީ ތަޖެކިސްތާނުގެ އިސްމައިލޯވާއި ރައިމްއާ ދެކޮޅަށެވެ.

އަރީޝާއާއި ޒީނިއާގެ ޕެއާއިން މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބޫޓާންގެ ކިންޒާންގާއި ޒަންގްމޯގެ ޕެއާ ބަލިކުރީ ސީދާ ދެ ސެޓުންނެވެ. އެއީ 21-4 އަދި 21-12 އިން ސެޓުތައް ގެންގޮސްގެންނެވެ. އަދި ދެވަނަ މެޗުގައިވެސް ބޫޓާންގެ ޕެއާއެއް ކަމަށްވާ ޕެމާއާއި ރިންޗެންއާ ދެކޮޅަށް އަރީޝާއާއި ޒީނިއާ ނުކުތް އިރު، އެ މެޗުންވެސް ރާއްޖެ ޕެއާއިން މޮޅުވީ ސީދާ ދެ ސެޓުންނެވެ. ސެޓުތައް ގެންދިޔައީ 10-21 އަދި 9-21 އިންނެވެ.

ރާއްޖޭގެ އެއް ނަމްބަރު އަންހެން ޕެއާ ކަމަށްވާ ހައްވާ ރާޝިދާ (ހައްވަ) އާއި އައިޝަތު މާޖިދާ (މާޖީ) އިއްޔެގެ މެޗުތަކުން މޮޅުވި ނަމަވެސް، މިއަދު ވާދަކުރަން ޖެހުނީ އުނދަގޫ މެޗުތަކެއްގައެވެ. އެ ޕެއާއިން މިއަދު ކުޅުނު ފުރަތަމަ މެޗުގައި އުޒްބެކިސްތާނުގެ އަސްކަރޯވާ އަދި ނުރްމަޓޯވާގެ ޕެއާ އަތުން ބަލިވީ 2-1 ސެޓުންނެވެ.

އެ މެޗުގެ ފުރަތަމަ ސެޓު، އުޒްބެކިސްތާނުގެ ޕެއާއިން 21-19 އިން ގެންދިޔަ ނަމަވެސް، ރާއްޖޭގެ ޕެއާއިން ދެވަނަ ސެޓު، 18-21 އިން ގެންދިޔައެވެ. އެހެންނަމަވެސް ޓައި ބްރޭކް ސެޓު، އުޒްބެކިސްތާނުގެ ޕެއާއިން ވަނީ 15-3 އިން ގެންގޮސްފައެވެ. އަދި އޭގެފަހުން ނޭޕާލްގެ މަނީޝާއާއި ޕުންއާ ދެކޮޅަށް ކުޅެވެސް މާޖީއާއި ހައްވަ ވަނީ ސީދާ ސެޓުން ބަލިވެ، ކަޓައިފައެވެ.

އަރީޝާއާއި ޒީނިއާ މާދަމާ ސެމީގައި ވާދަކުރާނީ އުޒްބެކިސްތާނުގެ ޖަލޮލޯވާއާއި އޮލިމޯވާއާ ދެކޮޅަށެވެ.