ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގެ އަންހެން ބީޗް ވޮލީބޯޅަ ގްރޫޕް ސްޓޭޖުގައި އައިމިނަތު އަރީޝާއާއި ފާތިމަތު އަނާލްގެ ޕެއާއިން ސީރިއާގެ ޕެއާ ބަލިކޮށްފިއެވެ.

ސަންޔާގައި ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ ހަތަރު ޕެއާއެއް ބީޗް ވޮލީބޯޅައިގައި ވާދަކުރެއެވެ. އެއީ ފިރިހެން ދެ ޕެއާގެ އިތުރުން އަންހެން ދެ ޕެއާއެވެ. މިއަދު ހުރިހާ ޕެއާތަކަކުންވެސް މެޗުތައް ކުޅެފައިވެއެވެ.

އަނާލާއި އަރީޝާގެ ޕެއާއަށް މިއީ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތް ކަމަށްވީ އިރު، މިއަދު ހޯދި މޮޅަކީ މުހިއްމު މޮޅެކެވެ. ސީރިއާގެ މަގޭއާ އައްޝައިހް އަދި ލުއީޒާ މޫސާގެ ޕެއާއާ ދެކޮޅަށް ނުކުމެ، ރާއްޖޭގެ ޕެއާއިން މޮޅުވީ ސީދާ ދެ ސެޓުންނެވެ.

ފުރަތަމަ ޕޮއިންޓުން ފެށިގެންވެސް އަނާލާއި އަރީޝާ އުންމީދާއެކު ކުޅެފައިވާ އިރު، އެ ޕެއާގެ ފަރާތުން ޔަގީންކަމާއެކު ކުޅުނުތަންވެސް ފެނިގެން ދިޔައެވެ. ފުރަތަމަ ސެޓު، 10-21 އިން އަނާލާއި އަރީޝާ ގެންދިޔަ އިރު، ދެވަނަ ސެޓުގެ ކުރީކޮޅުގައި ސީރިއާ ޕެއާއިން ލީޑު ނަގާފައި އޮއްވާވެސް، ރާއްޖޭގެ ޕެއާއިން ނަތީޖާ އަނބުރާލިއެވެ. އެ ސެޓު ގެންދިޔައީ 21-15 އިންނެވެ.

ބީޗް ހޭންޑްބޯޅައިގެ އިތުރު މެޗުތަކަށް ބަލާއިރު، ރާއްޖޭގެ އަނެއް ޕެއާތަކުންވެސް މިއަދު ރަނގަޅު ވާދައެއް ކުރިއެވެ.

އަހުމަދު މުހައްމަދާއި އިބްރާހީމް ރާކިން ހަސަންގެ ޕެއާއިން ލާއޯސްގެ ބޯންމިޒޭ ޕޮއްމަޗަންއާއި ޗަންސަބާބް ޗަންތޮންގެޑެންއާ ދެކޮޅަށް ނުކުތް އިރު، އެމެޗު ލާއޯސްއިން ގެންދިޔައީ ދެ ސެޓުންނެވެ. ސެޓުތައް ކައިރިން ދިޔައީ 21-17 އަދި 21-16 އިންނެވެ.

އިސްމާއީލް ސާޖިދާއި އާދަމް ނަސީމްގެ ޕެއާއިން އުޒްބަކިސްތާނުގެ އަޒަމަތު ޑައުލްބައޭވާއި ޑިލްޝޮޑްބެކް ތޮލިބައޭވާ ދެކޮޅަށް ކުޅުނު އިރު، އެމެޗު އުޒްބަކިސްތާނުގެ ވަރުގަދަ ޕެއާއިން ގެންދިޔައީ ދެ ސެޓުންނެވެ. އެހެން ނަމަވެސް މެޗު ދިޔައީ ވާދަވެރިކޮށެވެ. ސެޓުތައް ދިޔައީ 18-21 އަދި 16-21 އިންނެވެ.

ރާއްޖޭގެ އަންހެން ޒުވާން ޕެއާ ކަމަށްވާ މަރިޔަމް ރިޝްފާއާއި އައިޝަތު އިޝްފާއު އިއްސާގު ޕެއާއިންވެސް މިއަދު ވާދަކުރިއެވެ. ބަންގްލަދޭޝްގެ ސަބީނާ ހާތޫނާއި ތަކްފިޔާ އަކްތަރާ ދެކޮޅަށް ކުޅެ ދެ ސެޓުން ބަލިވި ނަމަވެސް، ސެޓުތައް ދިޔައީ 21-15 އަދި 21-19 އިންނެވެ.