ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި ބީޗް ވޮލީބޯޅައިގެ ތިން މުބާރާތުގެ ޗެމްޕިއަންކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ "ކްލަބް އެޗްޑީސީ" އިން ކާމިޔާބުކޮށްފިއެވެ.

މާލޭ ބީޗް ވޮލީބޯޅަ ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތްތަކުގައި އެޗްޑީސީ ތަމްސީލު ކުރި އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިންގެ ޕެއާއިން ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައެވެ.

މި މަހުގެ 9 އިން 13 އަށް ކުރިއަށްދިޔަ ބީޗް ވޮލީ ޗެމްޕިއަންޝިޕް މުބާރާތުގައި ޖުމުލަ 18 ޓީމު ވާދަ ކުރިއެވެ. މީގެ ތެރޭގައި އެޗްޑީސީގެ ތިން ޓީމެއް ބައިވެރިވިއެވެ. އޭގެ ތެރެއިން މުބާރާތް ކާމިޔާބު ކުރީ އެޗްޑީސީގެ އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިންގެ ޕެއާއިންނެވެ.

މި މަހުގެ 15 އިން 17 އަށް ކުރިއަށްދިޔަ ނޭޝަނަލް ބީޗް ވޮލީބޯޅަ ލީގުގައި ހަ ޓީމު ވާދަކުރި އިރު، އެ މުބާރާތްވެސް ކާމިޔާބު ކުރީ އެޗްޑީސީގެ އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިންގެ ޕެއާއިންނެވެ. އެ ޓީމުން ޗެމްޕިއަންކަން ނެގީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެންނެވެ.

މާލޭ ބީޗް ވޮލީބޯޅަ ކޯޓުގައި މިދިޔަ ބުދަ ދުވަހު ކުރިއަށްދިޔަ ނޭޝަނަލް ބީޗް ވޮލީބޯޅަ ލީގުގެ ވެސް ކާމިޔާބު ކުރީ އެޗްޑީސީގެ އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިންގެ ޕެއާއިންނެވެ. ހަތަރު ޓީމު ބައިވެރިވި މި މުބާރާތް އެޗްޑީސީން ކާމިޔާބު ކުރީ ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ އަމާޒަކީ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، މި ފަދަ ކުޅިވަރުތަކުން ކުރިއަށްދާން މުވައްޒަފުންނަށް ހިތްވަރުދީ، ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.