ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގެ ބީޗް އެތުލެޓިކްސް އިވެންޓްގައި ރާއްޖޭގެ އަހްނާ ނިޒާރު، އިންޑިޖުއަލް 60 މީޓަރު ދުވުމުގައި އަމިއްލަ ޓައިމިން ބްރޭކް ކޮށްފިއެވެ.
އޭޝިއަން ބީޗް ގޭމްސްގެ 60 މީޓަރު ދުވުމުގައި ރާއްޖޭން އިއްޔެ ވާދަކުރަނީ ހަސަން ސާއިދާއި އައިޝަތު ޝަބާ ސަލީމްގެ އިތުރުން އަހްނާއެވެ.
ރާއްޖޭގެ އެތުލެޓިކްސް ޓީމަށް އިއްޔެއަކީ ފުރަތަމަ އިވެންޓްތައް އޮތް ދުވަހެވެ. ސަންޔާގެ ފީނިކްސް އައިލެންޑްގައި ކުރިއަށް ދިޔަ އިވެންޓްތަކަށް ބަލާއިރު، ފުރަތަމަ މިއަދު އޮތީ 60 މީޓަރު ފިރިހެން ދުވުމުގެ އިވެންޓެވެ. ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު ވާދަކުރީ އެ އިވެންޓްގެ އެއްވަނަ ހީޓުގައެވެ. ސާއިދު ވަނީ އިވެންޓްގެ ހަތަރު ވަނަ ހޯދައިފައެވެ. އެއީ 7.12 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އޭގެފަހުން ޝަބާ ވާދަކުރީ އަންހެން 60 މީޓަރު ދުވުމުގެ ހީޓް އެކެއްގައެވެ. އެ ހީޓް ޝަބާ ނިންމާލީ ހަތްވަނައިގައެވެ. އެއީ 8.19 ސިކުންތުން ރޭސް ނިންމައިގެންނެވެ. ޝަބާއަށްފަހު އަހްނާ ވާދަކުރި ހީޓް ތިނެއް އޭނާ ނިންމާލީ 7.81 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއީ އޭނާގެ ޕާސަނަލް ބެސްޓް ޓައިމިންއެކެވެ.
އަހްނާ މީގެ ކުރިން އެންމެ އަވަހަށް ރޭސް ނިންމާފައި ވަނީ ޗައިނާގެ ޓިއާންޖިންގައި މިއަހަރު ފެބްރުއަރީ މަހު ކުރިއަށްދިޔަ އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްސްގެ 60 މީޓަރު އިވެންޓްގައި ވާދަކޮށްގެންނެވެ. އެފަހަރު ރޭސް ނިންމާފައި ވަނީ 7.83 ސިކުންތުންނެވެ.
އިއްޔެ ވަނީ ހޭންޑްބޯޅައިގެ އިތުރު ދެމެޗުވެސް ކުޅެފައެވެ.
ގްރޫޕް ސްޓޭޖުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް ބަލިކުރީ 2-1 އިންނެވެ. އޭގެފަހުން މޮންގޯލިއާ ކައިރިންވެސް ރާއްޖެ 2-1 އިން މޮޅުވެފައިވާ އިރު، އިއްޔެ ނުކުތީ ގްރޫޕްގެ އެންމެ ވަރުގަދަ ޓީމުތައް ކަމަށްވާ އޮމާނާއި ތައިލެންޑާ ދެކޮޅަށެވެ.
އިއްޔެ މެންދުރު ކުޅުނު މެޗުގައި ރާއްޖޭން އޮމާނާ ދެކޮޅަށް ނުކުތް އިރު، އޮމާނަކީ އޭޝިއާގެ އެންމެ ވަރުގަދަ އެއް ޓީމެވެ. އެމެޗު އޮމާނުން ދެ ސެޓުން ކާމިޔާބުކުރިއެވެ. ފުރަތަމަ ސެޓު އޮމާނުން 22-10 އިން ގެންދިޔަ ނަމަވެސް ދެވަނަ ސެޓަށް ނުކުމެ ރާއްޖެ ސްކޯގެ ފަރަގު ކުޑަކުރިއެވެ. އަދި އެ ސެޓުގައި ރާއްޖޭން ވަނީ ގިނަ ވަގުތުތަކެއްގައި ސްކޯ އެއްވަރުކޮށް ހިފަހައްޓާލައިފައެވެ. އެގޮތުން ހަތް މިނެޓް ހިނގިއިރުވެސް އޮތީ 10-10 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.
އެސެޓު އޮމާނުން ގެންދިޔައީ 16-12 ގެ ނަތީޖާއަކުންނެވެ. މެޗުގައި ރާއްޖޭގެ ފަތުހުﷲ އާދަމްއާއި ކެޕްޓަން މުހައްމަދު ޝަމްނޫޒް ނައީމް ވަނީ ކޮންމެ ކުޅުންތެރިޔަކު އަށް ގޯލް ޖަހައިފައެވެ.
ދެން މިއަދު ކުޅުނު މެޗުގައި މިހާތަނަށް ކުޅުނު ފަސް މެޗުންވެސް މޮޅުވެފައި އޮތް ތައިލެންޑް ރާއްޖެ ކައިރިން 2-0 އިން މޮޅުވި އިރު، އެމެޗުގައި ރާއްޖޭން ވަނީ އެންމެ ފަހުވަގުތާ ޖެހެންދެންވެސް ހިތްވަރު ކޮށްފައެވެ.
ފުރަތަމަ ސެޓު ތައިލެންޑުން 22-12 އިން ގެންދިޔަ ނަމަވެސް ދެވަނަ ސެޓުގައި ރާއްޖެ މޮޅަށް ކުޅެ ފަރަގު ކުޑަކުރިއެވެ. އެ ސެޓު ތައިލެންޑުން ގެންދިޔައީ 18-12 އިންނެވެ. އެމެޗުގައިވެސް ފަތުހުﷲ ވަނީ 10 ގޯޅް ޖަހައިފައެވެ. އަދި ޝަމްނޫޒް ވަނީ އަށް ގޯލް ޖަހައިފައެވެ.
ބީޗް ވޮލީގެ ހަތަރު ޕެެއާއަށްވެސް އިއްޔެ ނާކާމިޔާބީއާ ކުރިމަތިވި އިރު، މިއަދުވެސް ވޮލީ މެޗުތައް އޮންނާނެއެވެ. އަދި އޯޕަން ވޯޓާ ސްވިމިން ފަސް ކިލޯމީޓަރު ފެތުންވެސް މިއަދު އޮންނާނެއެވެ.
މުޙައްމަދު ޝަމްޢޫން
އޭޝިއަން ބީޗް ގޭމްސް
އޭޝިއަން ބީޗް ގޭމްސް
އޭޝިއަން ބީޗް ގޭމްސް
އޭޝިއަން ބީޗް ގޭމްސް