އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސްކަން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ކާމިޔާބުކޮށްފިއެވެ.

މި އިންތިހާބުގައި އެންމެ ވާދަވެރިކަން ބޮޑު ރައީސްގެ މަގާމަށް އާޒިމްއާ ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ފަލާހެވެ. މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން އާޒިމް ކުރީގައި އުޅެނީ ބޮޑު ތަފާތަކުންނެވެ.

މާލޭ ދާއިރާގެ ރައީސްކަން އާޒިމް ކާމިޔާބުކުރެއްވީ ޖުމުލަ 1079 ވޯޓު ހޯއްދަވައިގެންނެވެ. ފަލާހަށް ލިބިވަޑައިގެންނެވީ 470 ވޯޓެވެ.

އެމްޑީޕީ ގައުމީ މަޖިލިސް ބައި އިލެކްޝަންގައި ވާދަކުރައްވައިގެން ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ވަނީ ކާމިޔާބީ ހޯއްދަވައިފައެވެ. ގަލޮޅު އުތުރު ދާއިރާގެ ރައީސްގެ މަގާމު މާރިޔާ ކާމިޔާބުކުރެއްވީ 79 ވޯޓު ހޯއްދަވައިގެންނެވެ. ދެން އެ މަގާމަށް ވާދަކުރި އައިކް އަހުމަދު އީސާއަށް ލިބުނީ 28 ވޯޓެވެ.

އެމްޑީޕީގެ އެތެރޭގެ އެ އިންތިހާބުގައި 10،683 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އިންތިހާބުގައި ވޯޓުލުމަށް މާލެ ސަރަހައްދުގައި 27 ފޮއްޓަކާއި ރަށްރަށުގައި 24 ފޮށި ބަހައްޓާފައިވެ އެވެ.