ބޫޓާންގައި އިއްޔެ ފެށި ކާވާ ބީޗްވޮލީ ޗެލެންޖު ކަޕުގައި ރާއްޖޭގެ ފިރިހެން ދެ ޕެއާއާއި އަންހެން ދެ ޕެއާއިންވެސް ފެށުން ރަނގަޅުކޮށްފިއެވެ.

އިއްޔެ ގިނަ މެޗުތަކެއް ކުޅެފައިވާ އިރު، ރާއްޖޭގެ ފިރިހެން ދެ ނަންބަރު ޕެއާ، މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ) ވަނީ ސެމީ ފައިނަލްވެސް ޔަގީންކޮށްފައެވެ. އެއީ އެ ޕެއާ އިން ކުޅުނު ތިން މެޗުވެސް ކާމިޔާބު ކޮށްގެންނެވެ.

ޑެންޒޯއާއި ކޯކޭގެ ޕެއާ ފުރަތަމަ ކުޅުނު މެޗުން ތަޖިކިސްތާންގެ އިސްމައިލޯވާއި ރައިމްގެ ޕެއާ އަތުން މޮޅުވީ ދެ ސެޓުންނެވެ. ސެޓުތައް ގެންދިޔައީ 25-23، 22-20 އިންނެވެ. ދެވަނަ މެޗުގައި ޑެންޒޯއާއި ކޯކޭ ނުކުތީ އުޒްބެކިސްތާންގެ ޓޮލިބައޭފްއާއި އޮޓަބެކޯފްއާ ދެކޮޅަށެވެ. އެ މެޗުގެ ޑެންޒޯއާއި ކޯކޭ ގެންދިޔައީ 2-1 އިންނެވެ. ފުރަތަމަ ސެޓު ރާއްޖޭގެ ޕެއާ އިން 21-14 އިން ގެންދިޔަ ނަމަވެސް، ދެވަނަ ސެޓު އުޒްބެކިސްތާން ޕެއާ އިން ވަނީ 12-21 އިން ގެންގޮސްފައެވެ. އެ މެޗު ނިންމަން ކުޅުނު ސެޓު ރާއްޖޭ ޕެއާ އިން ގެންދިޔައީ 15-12 އިންނެވެ. ތިންވަނަ މެޗުގައި، ބޫޓާންގެ ޖުރްމޭއާއި ބްރުޓްކާގެ ޕެއާ އަތުން ޑެންޒޯއާއި ކޯކޭ މޮޅުވީ 21-14، 21-07 އިންނެވެ.

ތިން މެޗުން މޮޅުވެ އެ ޕެއާ ސެމީ ޔަގީންކުރި އިރު، ގްރޫޕްގެ އެއްވަނަ ޔަގީން ކުރެވޭނީ މިއަދުގެ މެޗުންނެވެ. ރާއްޖޭގެ އެއްވަނަ ޕެއާ ކަމަށްވާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އަދި އާދަމް ނަސީމް (އެޑަމާ) ކުޅުނު ދެ މެޗުންވެސް އިއްޔެ މޮޅުވެ، އެ ޓީމުންވެސް ވަނީ ސެމީ ގާތްގަނޑަކަށް ޔަގީންކޮށްފައެވެ.

އެޑަމްއާއި ކުޑަކާއްޓެގެ ޕެއާ ފުރަތަމަ މެޗުގައި، އުޒްބެކިސްތާންގެ މުހައްމަދިއޭފާއި ޝަރީޕޯފްގެ ޕެއާ އަތުން މޮޅުވީ 21-14، 21-05 އިންނެވެ. ދެވަނަ މެޗުގައި ނޭޕާލްގެ ޝްރެސްތާއާއި ސުނަރުގެ ޕެއާ އަތުން ރާއްޖޭގެ ޕެއާ މޮޅުވީ 21-16، 21-15 އިންނެވެ.

ރާއްޖޭގެ އަންހެން ދެ ޕެއާއިންވެސް މުބާރާތުގައި ވާދަކުރަމުންދާ އިރު، އެ ދެ ޕެއާއިންވެސް ކުޅުނު މެޗުތަކުން ވަނީ މޮޅުވެފައެވެ.

އަންހެން އެއް ނަމްބަރު ޕެއާ، ހައްވާ ރާޝިދާ (ހައްވަ) އާއި އައިޝަތު މާޖިދާ (މާޖީ) މޮޅުވީ ބޫޓާނުގެ ލެކީއާއި ޑެޗެންގެ ޕެއާ އަތުން، 21-10، 21-12 އިންނެވެ. އަދި އާމިނަތު އަރީޝާ (އަރީ) އާއި ފާތިމަތު ޒީނިޔާ ވަނީ އުޒްބެކިސްތާންގެ އަސްކަރޯވާއާއި ނުރްކަޓޯވާގެ ޕެއާ އަތުން 21-19، 21-16 ގެ ސްކޯއަކުން މޮޅުވެފައެވެ.

ރާއްޖޭގެ ޕެއާތައް ވާދަކުރަމުންދަނީ ކާވާ ބީޗްވޮލީ ބޯޅައިގެ ބީ ކެޓަގަރީގެ މުބާރާތުގައެވެ. މުބާރާތުގައި ވާދަކުރަނީ ރާއްޖެއާއި ނޭޕާލްގެ އިތުރުން އުޒުބެކިސްތާން އަދި ބޫޓާންގެ ޕެއާތަކެވެ.