ޗައިނާ އާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ހެދުމުން ރާއްޖޭގެ އިގުތިސާދީ ސިޔާދަތު ގެއްލިގެންދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން "ހަވަރު ބެރު"ގެ ނަމުގައި ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ އިނގިރޭސި ވިލާތު ފަދަ ތަންތަނާ އެއްކޮށް ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ހަދަން މިދިޔަ ސަރުކާރުގައި އޮންނާނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައި ކަމަށާއި އިނގިރޭސި ވިލާތަކީ އެންމެ ގިނައިން މަސް ގަންނަ އެއް ގައުމު ކަމަށްވުމުން، އެ އެއްބަސްވުމާއެކު ކުރިއަށްދިޔަ ނަމަ ރަނގަޅުވީސް ކަމަށެވެ.
"އެހެންވީމާ އެފްޓީއޭއެއް ނޫން މައްސަލައަކީ، މައްސަލައަކީ ޗައިނާ އާއެކު އަޅުގަނޑުމެންގެ އިގުތިސާދީ ސިޔާދަތު އެއްކޮށް ގެއްލިގެންދާނީ. އޭގެ މާނައަކީ އިގުތިސާދީ ސިޔާދަތު ގެއްލިގެން ދިޔައީމާ، އަޅުގަނޑުމެންގެ ގައުމުގެ ސިޔާދަތާއި މިނިވަން ކަމަށް ބޮޑު ބުރޫއެއް އަރާނީ،" އޭނާ ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ އިގުތިސާދީ ސިޔާދަތު ހިފެހެއްޓޭނީ ރާއްޖޭގެ ވިޔަފާރީގެ ސިޔާދަތު ހިފެހެއްޓިގެން ކަމަށާއި ރާއްޖެ ކަހަލަ އިމްޕޯޓްކުރާ ގައުމެއްގައި މުދާ އެތެރެކުރާ އިރުގައި، އެއް ބަޔަކަށް ބަރޯސާނުވެ ދިވެހީންނަށް ބޭނުންވާ ކާބޯތަކެތި ލިބޭނެ ގޮތަށް ވަރަށް ވަރުގަދަ ޕޮލިސީއެއް އޮންނަންޖެހޭ ކަމަށެވެ. އަދި މިހާ ހިސާބަށް އައި އިރު، ރާއްޖޭގައި އޮތީ ވަރަށް ޓްރެޑިޝަނަލީ، ޒަމާނުއްސުރެ އެކުލަވާލެވިފައި އޮތް ޓްރޭޑް ލިންކުތަކެއް ކަމަށް ވިދާޅުވިއެވެ.
"އޭގެ ތެރޭގައި އިންޑިއާ ވަރަށް ޒަމާނުއްސުރެ، ކޮޅުނބު، ސިންގަޕޫރު، ދުބާއީ، ޗައިނާ، ޔޫރަޕްވެސް އޭގެ ތެރޭގައި ހިމެނޭ. ޓްރޭޑް ލިންކުތަކެއް މިހެން ހުރި އިރުގައި، އެފްޓީއޭއެއްގެ ވާހަކަ މި ދައްކަވަނީ. އެފްޓީއޭ އޭގެ ޒާތުގައި އެއީ މައްސަލައެއް ނޫން. ފްރީ ޓްރޭޑް އެގްރީމެންޓް، އޭގެ މާނައަކީ އެއްވެސް ހުރަހެއް ނެތި އެއް ގައުމެއްގައި އުފައްދާ މުދާ އަނެއް ގައުމަކަށް ވެއްދުން. އޭގެ މާނައަކީ ކަސްޓަމްސްގައި އެ އިންނަ ޑިއުޓީއާއި މިކަހަލަ ޓްރޭޑް ބެރިއާސްތައް ކަނޑާލާ ވާހަކަ،" އޭނާ ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ޗައިނާގެ މުދަލުން ސުން ޕަސަންޓް ރާއްޖެއަށް އައިސްފައި، ދުބާއީއާއި ސިންގަޕޫރާއި ޔޫރަޕާއި އިންޑިއާ، އެ ހުރިހާ ތަނެއްގެ މުދަލުން ޑިއުޓީ ނަގާ ކަމަށްވަންޏާ، ޗައިނާއަށް އެކަނި ބަރޯސާވެގެން މުދާ ގެންނަން ވިޔަފާރިވެރިންނަށް މަޖުބޫރުވާނެ ކަމަށާއި އެހެން ތަނަކުން މުދާ ގެންނަ ކަމަށްވަންޏާ، ޑިއުޓީ ހިމެނޭތީ އަގުބޮޑު ވެގެންދާނެ ކަމަށެވެ.
"އެހެންވީމާ މިވާ ގޮތަކީ މަޑުމަޑުން ގޮސް އަޅުގަނޑުމެން ޒަމާނުއްސުރެ އުފައްދާފައި ހުރި ޓްރާޑް ލިންކުތައް ފުނޑުފުނޑުވެގެން ދަނީ. ޗައިނާގެ ދަށަށް އަޅުގަނޑުމެން ބަނޑުފުރާ މުއްތިކުރާނެ ހުރިހާ އެއްޗަކާއި އަޅުގަނޑުމެން ޖަހާ ސެންޓާއި މިހެން ގޮސް ހުރިހާ އެއްޗެއް އޭގެ ތެރެއަށް ވަދެގެންދޭ. އަޅުގަނޑުމެންގެ ކަންބޮޑުވުން އޭރުވެސް އޮތީ އެކަމަށް. އެ އެގްރީމަންޓުގައި އޮތް ބައިވަރު ކަންތައްތައް، އަޅުގަނޑުމެންގެ އަސްލު ސިޔާސަދާއި އިސްތިގުލާލާ ގުޅުން ހުރި ބައިވަރު ކަންތައްތައްވެސް،" އޭނާ ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ ރާއްޖެއަކީ އެކްސްޕޯޓު ކުރާ ގައުމެއް ނޫން ކަމަށާއި އެހެންކަމުން މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ރާއްޖެއަށް އޭގެ މަންފާއެއް ނުލިބޭނެ ކަމަށެވެ. އަދި ޗައިނާގެ އެތައް ހާސް މުދަލެއް ޑިއުޓީއެއް ނުނަގައި ވެއްދޭ ގޮތް ހެދީމާ، ޓްރޭޑް ލިންކުތަކާއެކު ޑިއުޓީވެސް ގެއްލިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު