ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އަންހެން ވޮލީބޯލް ނޭޝަންސް ލީގުގައި ވާދަކުރުމަށް ރާއްޖޭގެ ވޮލީ ޓީމު ނޭޕާލަށް ގޮސްފިއެވެ.

އަންނަ ބުރާސްފަތި ދުވަހު ނޭޕާލްގެ ކަތަމަންޑޫގައި ކާވާ އަންހެން ނޭޝަންސް ލީގު ފަށާ އިރު، ރާއްޖޭގެ އިތުރުން މުބާރާތުގައި ވާދަކުރާނީ ހޯސްޓް ނޭޕާލާއި ސްރީ ލަންކާގެ އިތުރުން ވަރުގަދަ އިރާނާއި އިންޑިއާއެވެ.

މުބާރާތުގެ ލީގު ބުރުގައި ކޮންމެ ޓީމެއްވެސް ކޮންމެ ޓީމަކާ ވާދަކުރުމަށްފަހު ދެން ކުޅޭނީ ސެމީ ފައިނަލުގެ ދެ މެޗެވެ. ސެމީގެ މެޗަށް ލީގު ބުރުގެ އެއްވަނަ ނުކުންނާނީ ލީގު ބުރުގެ ފުލަށް ދާ ޓީމާ ދެކޮޅަށެވެ. އަދި އެއްވަނައާއި ތިންވަނަ ޓީމު ވާދަކުރާނީ ސެމީގެ ދެވަނަ މެޗުގައެވެ. މުބާރާތުގެ ތިންވަނަ ހޮވާ މެޗާއި ފައިނަލް މެޗު އޮންނާނީ އޮގަސްޓް ހަތްވަނަ ދުވަހުއެވެ.

  • މަރިޔަމް އަޒުމާ
  • ނަރީމާ އިދުރީސް
  • ޝަމްހާ ރިޔާޒު
  • ހައްވާ ރާޝިދާ (ކެޕްޓަން)
  • އައިމިނަތު އަރީޝާ
  • އައިމިނަތު ރިޔާސާ
  • މަނާލް އިސްމާއީލް ރަޝީދު
  • އައިޝަތު މާޖިދާ
  • ފާތިމަތު ޖޫޒާން ޒަރީރް
  • އައިމިނަތު ޝަހާ ޝާމިން
  • މައިހާ އަލީ
  • ފާތިމަތު ސަމްހާ
  • މަރިޔަމް އަޒުމާ
  • މާޔާ ހުސައިން ސަލާހް

ރާއްޖޭގެ ޓީމުން އިއްޔެ ނޭޕާލަށް ފުރީ ބީޗްވޮލީ މުބާރާތަށް ބޫޓާނަށް ދިޔަ ހައްވާ ރާޝިދާ, އައިޝަތު މާޖިދާ އަދި އާމިނަތު އަރީޝާ ނުލައެވެ. އެ ކުޅުންތެރިން ބީޗްވޮލީ މުބާރާތް ނިންމާލުމަށްފަހު ނޭޕާލަށް ދިޔަ ޓީމާ ގުޅޭނެއެވެ.

ރާއްޖެއިން މިފަހަރުގެ ކާވާ އަންހެން ވުމަންސް ނޭޝަންސް ލީގުގައި ވާދަކުރަމުންދަނީ ތަޖުރިބާގެ ބޭނުމުގައެވެ. ރާއްޖެއިން ބޮޑަށް މިވަގުތު ތައްޔާރުވަމުންދަނީ އަންނަ ސެޕްޓެމްބަރު މަހު ފަށާ، ސެންޓްރަލް ޒޯން މުބާރާތަށެވެ.