މާރާމާރީއެއްގައި ލ. މުންޑޫ/ ނޫވިލު، އަލީ ޒިޔަދަމް މަރައިލި މައްސަލައިގައި، ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެގެން އެރަށު ބީޗްވިލާ، އަލީ ސިފާމް، 25އ. އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

މީގެ ހަތް އަހަރު ކުރިން، 20 މާޗް 2015 ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީއެއްގައި ލ. މުންޑޫ/ ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލައިގައި ސިފާމް، 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާ އިރު، މަސްކަނޑާ ވަޅިއަކުން ހަމަލާދީ ގަސްތުގައި ޒިޔަދަމް މަރައިލި މައްސަލައިގައި އެ ރަށު ހީނާވިލާ، މުހައްމަދު ޝަނޫންގެ މައްޗަށް ކުރިމިނަލް ކޯޓުން ވަނީ މަރުގެ ހުކުމް އިއްވައިފައެވެ.

ހައިކޯޓުގައި މިއަދު ކުރިއަށް ދިޔައީ ސިފާމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފު މައްސަލައެވެ.

މައްސަލައިގެ އިސްތިއުނާފު ހުށަހަޅުއްވަމުން ސިފާމްގެ ފަރާތުން ދިފާއި ވަކީލުން ވިދާޅުވެފައި ވަނީ، ކުރިމިނަލް ކޯޓުން, ސިފާމްގެ މައްޗަށް ކުށް ސާބިތިކުރުމުގައި އަމަލު ކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ. އެހެންކަމުން ކުރިމިނަލް ކޯޓުގެ ހުކުމް ބާތިލުކޮށް ދިނުމަށް އޭނާގެ ފަރާތުން ހައިކޯޓުގައި އެދުނެވެ.

ސިފާމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ދެމުން ދައުލަތުން ބުނީ, މި މައްސަލައިގައި ދަށު ކޯޓުން ގޮތް ކަނޑައަޅާފައި ވަނީ ބިރުދެއްކުމާއި ތޫނު އެއްޗެއް ގެންގުޅުން މަނާ ކުރާ ގާނޫނުގެ ދަށުން ކަމަށެވެ. އަދި ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދައިގެ ބޭނުން ހިފީ ބިރު ދެއްކުމާއި ތޫނު އެއްޗެއް ގެންގުޅުން މަނާ ކުރާ ގާނޫނުގައި ބައިވެރިވުމަކީ ކޮބައިކަން ތަފްސީލީ ގޮތެއްގައި މާނަކޮށްފައި ނުވާތީ, މާނަ ކުރުމުގެ ވަސީލަތެއްގެ ގޮތުގައި ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި ދައުލަތުން އެދިފައިވަނީ، ސިފާމްގެ މައްޗަށް ކަނޑައަޅާފައިވާ ހުކުމް ބަދަލު ކުރަންޖެހޭ ސަބަބެއް އިސްތިއުނާފު ކުރާ ފަރާތަށް ދެއްކިފައި ނުވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މި މައްސަލައިގައި ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް އަދަބު ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމަށެވެ. އަދި ކުށުގައި ބައިވެރިވުން މާނަ ކުރުމުގައި ދަށު ކޯޓުން ގާނޫނުލްއުގޫބާތަށް ހަވާލާ ދިނަސް، އަދަބު ކަނޑައެޅުމުގައި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް ބެލޭނެ ކަމަށް ވެސް ހުކުމްގައި ބުނެފައިވެއެވެ.

އެހެންކަމުން ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ސިފާމް 25 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހައިކޯޓުން މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ، ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމް ހިމެނިވަޑައިގެންނެވި ބެންޗުގެ އިއްތިފާގުން ކުރެއްވިއެވެ.