ކައުންސިލްތަކުގެ ބައި އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވަންޖެހޭ ގޮތް ހެދުމަށްޓަކައި ސަރުކާރުން މަޖިލީހަށް ބިލް ފޮނުވައިފިއެވެ.

މިހާރު އޮންނަނީ ކައުންސިލްތަކުގެ ބައި އިލެކްޝަނެއް ބާއްވަން ޖެހެނީ އެ މަގާމެއް ހުސްވާތާ ދެ މަސް ދުވަހުގެ ތެރޭގައި ކަމަށެވެ. އެހެންކަމުން ކައިރި ކައިރީގައި ބައިއިލެކްޝަންތައް ބާއްވަން ޖެހުމުން އެކަމަށް ކުރަންޖެހޭ ހަރަދު ބޮޑުވެ، ކުރަންޖެހޭ މަސައްކަތް އިތުރުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އަންނަނީ އެކަން މަޖިލީހުގެ ސަމާލުކަމަށް ގެންނަމުންނެވެ.

އަހަރަކު ދެ ފަހަރު ބައި އިލެކްޝަންތައް ބާއްވާގޮތް ހެދުމަށްޓަކައި، ދެ ގާނޫނަކަށް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅައިފައެވެ. އެއީ ލާމަރުކަޒީ ގާނޫނަށާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށެވެ. އެ ދެ ގާނޫނުގެ ފުރަތަމަ ކިއުން މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ އިއްވައިފައެވެ.

ސަރުކާރުގެ ފަރާތުން އިސްދޫ ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއިލް ޝަފީއު ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅުއްވި ބިލްގައި ބުނެފައިވަނީ، ކައުސިލަރެއްގެ މަގާމު ހުސްވާތާ ދެ މަސް ތެރޭ އިންތިހާބު ބާއްވަން ޖެހޭ ގޮތަށް މިހާރު އޮތުމުން، ކައުންސިލްތަކުގެ އުމުރު ތެރޭގައި މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވުމުގެ ސަބަބުން ތަކުރާރުކޮށް ގިނަ އަދަދަށް ބައި އިލެކްޝަންތައް ވަނީ ބާއްވަން ޖެހިފައެވެ.

އެކަމުގެ ސަބަބުން އެކަމަށް ކުރަން ޖެހޭ ހަރަދުތައް އިތުރުވެފައިވާތީ، މި އިސްލާހު ހުށަހެޅުމުގެ ބޭނުމުގެ ތެރޭގައި، އެ ހަރަދުތައް ކުޑަ ކުރުން ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.

އެ ގޮތުން ބިލުގައި ހިމަނާފައި ވަނީ ކައުންސިލެއްގެ ގޮނޑި ހުސްވާތާ ގިނަވެގެން 183 ދުވަސް ނުވަތަ ހަ މަސް ތެރޭ އިންތިހާބު ބޭއްވުމަށެވެ.

ނަމަވެސް ގާނޫނީ އަދަދު ހަމަވާ މިންވަރަށް މެންބަރުން ނެތް ހާލަތެއްގައި ގިނަ ވެގެން ދެ މަސް ތެރޭ އިންތިހާބު ބޭއްވުމަށް ބިލުގައި ހިމަނާފައިވެއެވެ.

މިގޮތަށް އިސްލާހު ކުރުމުން، އަހަރަކު ދެ ފަހަރު ބައި އިލެކްޝަންތައް އެކީ އެއްފަހަރާ އިލެކްޝަންސް ކޮމިޝަނަށް ބޭއްވުމުގެ ފުރުސަތު ލިބޭނެއެވެ.

ލާމަރުކަޒީ ގާނޫނަށް ގެންނަ އެ އިސްލާހާ ގުޅިގެން، ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ ޕީއެންސީ މެންބަރު މުންތަސިމް އިބްރާހިމްއެވެ.

އެ ބަދަލާ އެކު ދެ ބައި އިލެކްޝަން ދެމެދު ހޭދަވާން ޖެހޭ އެންމެ ކުރު މުއްދަތެއް މި ބިލްގައި ވަނީ ހިމަނައިފައެވެ.