ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތްކުރަމުންދާ ފްލެޓް އިމާރާތްތަކުގެ ތެރެއިން ހަ ޓަވަރުގެ މަސައްކަތް ނިމޭނީ އަންނަ އޮކްޓުބަރު މަހު ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހައިދަރު މިހެން ވިދާޅުވީ، އެ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް އޭރުގެ ހައުސިން މިނިސްޓްރީން ގެޒެޓު ކުރި އެންމެހާ ފަރާތްތަކާއި އެކަމުގެ މަސްލަހަތު އޮތް އެންމެހާ ފަރާތްތަކުގެ ފްލެޓުތައް ބާތިލުނުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ބެހޭގޮތުން، މިއަދު ބޭއްވި ޕެޓިޝަން ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ކުރީގެ ސަރުކާރުން އިމާރާތް ކުރަން ފަށާފައިވާ 32 ޓަވަރުގެ ތެރެއިން ހަ ޓަވަރުގެ މަސައްކަތް އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އެޗްޑީސީން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެހިސާބަށް އެތަންތަނަށް ފެނާއި ކަރަންޓް ލެވޭނެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެހާތަނަށް ފައިނަލް ލިސްޓެއް ނެރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ. މިފަހަރު ފްލެޓް ލިބޭނެ މީހުން ކަނޑައަޅާނީ، މިހާތަނަށް އެ މަޝްރޫއުގެ ދަށުން ފްލެޓަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި ކުރިމަތިލި ވިހިހާހަށް ވުރެ ގިނަ މީހުންގެ ޝަރުތު ފުރިހަމަވޭތޯ ވަކިވަކިން ޔަގީން ކުރުމަށްފަހުގައި ކަމަށްވެސް ވިދާޅުވިއެވެ.
އެކަން ކުރާނީ މިނިސްޓްރީގެ ކަމާބެހޭ ކޮމިޓީއަކުން ކަމަށާއި ފްލެޓް ކޮމިޓީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދޭނީ ކަމާބެހޭ ހިޔާލު ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން މި މައްސަލައަކީ މާލޭ ރައްޔިތުންނާ ގުޅުން ހުރި ކަމަކަށްވާތީ، މާލޭ ސިޓީ ކައުންސިލުން ނިންމަންޖެހޭ ކަންތައްތައް ނިންމަށް އެ ކައުންސިލަށް އެދުމުން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަކުން މައްސަލަ ނިންމައި، ސިޓީ ކައުންސިލްގެ ހިޔާލު މިހާރު ދީފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ފްލެޓް މައްސަލަތައް އޭސީސީން ބެލި ނަމަވެސް ފްލެޓް ލިބޭ ޝަރުތު ހަމަވާ މީހުންގެ ލިސްޓު އެކުލަވާލުމަކީ އޭސީސީގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި އެއީ ގާނޫނުން ހައުސިން މިނިސްޓްރީއަށް ލިބޭ ބާރެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރު ކުރިއަށްދަނީ ޝައްކެއް ނެތް މިންވަރަށް ޝަރުތު ފުރިހަމަވާ މީހުން ޔަގީން ކުރުމުގެ މަސައްކަތް ކަމަށާއި އެއަށްފަހު ފްލެޓް ލިބޭ މީހުންގެ ލިސްޓު އާއްމު ކުރާއިރު، ލިސްޓުގައި ހިމެނޭ މީހުންގެ މައުލޫމާތު އާއްމު ކުރެވެން އޮތް މިންވަރެއް އާއްމު ކުރައްވާނެ ކަމަށެވެ. ނަމަވެސް އެމީހުންގެ ޒާތީ މައުލޫމާތުގެ ގޮތުގައި ހިމެނޭ ބައެއް ކަންކަން އުނިކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ފްލެޓް ދިނުމުގައި ދިރިއުޅުމުގެ ހާލަތަކަށްވެސް ބައްލަވާނެ ކަމަށެވެ. ނަމަވެސް އެކަން ކުރައްވާނީ ރަސްމީކޮށް ލިބެންހުރި މައުލޫމާތުތަކަށް ބައްލަވައިގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު