ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތައް ދޫކުރުމުގައި، ހުށަހެޅުންތަކުގައި ހުރި ރަސްމީ މައުލޫމާތުތަކަށް ބިނާކޮށް ފްލެޓް ލިބޭ މީހުންގެ ދިރިއުޅުމުގެ ހާލަތު ވަޒަން ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހައިދަރު މިހެން ވިދާޅުވީ، އެ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް އޭރުގެ ހައުސިން މިނިސްޓްރީން ގެޒެޓު ކުރި އެންމެހާ ފަރާތްތަކާއި އެކަމުގެ މަސްލަހަތު އޮތް އެންމެހާ ފަރާތްތަކުގެ ފްލެޓުތައް ބާތިލުނުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ބެހޭގޮތުން، މިއަދު ބޭއްވި ޕެޓިޝަން ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، އެންމެ ބޮޑަށް އޮޅުވާލާފައިވާ ދާއިރާއަކީ ދިރިއުޅުމުގެ ހާލަތާބެހޭ ބައި ކަމަށެވެ. މީގެކުރިން ދިން ބައެއް ފްލެޓްތައް ހައްގުވެރިންނަށް ނުލިބި ދިޔައީވެސް އެސަބަބާހުރެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން މިހަފަރުވެސް ފްލެޓް ލިބޭ ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބައްލަވާނެ ކަމަށާއި ނަމަވެސް އެކަން ބައްލަވާނީ ރަސްމީކޮށް ލިބެން ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ 4،000 މީހުން ޔަގީން ކުރުމަށްޓަކައި، އެ ސްކީމަށް ފުރަތަމަ ބުރުގައި ހުށަހެޅި 20،000 ފޯމު ރިވިއު ކުރަން ނިންމާފައިވާ ކަމަށެވެ.
ފްކުރީގެ ދަރުކާރުން ފްލެޓް ލިބުނު ކަމަށް އާއްމުކުރި 4،000 މީހުންގެ ލިސްޓްގައި ހިމެނޭ މީހުންގެ ތެރެއިން ޝަރުތު ހަމާނުވާ މީހުންގެ ގޮތުގައި ހިމެނެނީ 825 މީހުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް މިފަހަރު ލިސްޓު ނެރޭ އިރު، ރަސްމީކޮށް ލިބެން ހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް އަދި ލިބެން ހުރި ހެކިތަކަށް ބަލައިގެއް، ފްލެޓް ލިބޭ މީހުންނަކީ ރަނގަޅު ގޮތުގައި އެންމެ ޕޮއިންޓް ލިބިގެން، އެންމެ ބޭނުން މީހާއަށް ފްލެޓް ލިބުނުތޯ ކަށަވަރު ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު