އެންމެންގެ ވެސް ޝަކުވާއެކެވެ. އެއީ ޑޮކްޓަރު ލިޔެދޭ ބޭހެވެ. ދޭ އެއްޗެއް ވިއްޔާ ގަވައިދުން ކަމެވެ. ބޮމެވެ. އެކަމަކު ކެއްސުމެއް ޖެހިއްޖެއްޔާ މިހާރަކަށް އައިސް އަނގަ ހުއްޓާލާނެ ވަގުތެއް ނުވެ އެވެ. ހުމެއް ޖެހިއްޖެ ނަމަ އެކަމަކުން އަރައެއް ނުގަނެ އެވެ. އާދައިގެ ރޯގާއެއް ޖެހިއްޖެ ނަމަ އެކަމެއްގައި ވެސް އެތައް ދުވަހެކެވެ. ޕެނަޑޯލާއި ސިޓްރިޒެންގެ ކާޑުތައް ފުލުފުލުއެވެ. ކޮފްސިރަޕް ފުޅިއެއް ހުސްވާއިރުވެސް ކެއްސުން ހުއްޓޭނެ ގޮތެއް ނުވެއެވެ. ވާކަމެއް ހަރާމެވެ. އެނގެނީ ރަނގަޅު ނުވާ ކަމެވެ. އެކަމަކު ސިންގަޕޫރުން ނުވަތަ މެލޭޝިއާއިން ގެންނަ ޕެނަޑޯލް ގުޅައެއް ކާލީމާ އެނގުންވެ އެވެ. ބޮޑު ތަނުން ތަފާތެވެ. ރަނގަޅުވެ އެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟

ރާއްޖެއަކީ ބޭރުން އެއްޗެހި ގެނެސްގެން ދިރިއުޅޭ ގައުމެއްކަން އެންމެންވެސް ދަނެ އެވެ. އޭގެ ތެރެއިންވެސް ބޮޑުބައެއް މި އެތެރެކުރަނީ އަމިއްލަ ކުންފުނިތަކުންނެވެ. ބޭސް ވެސް އިސްތިސްނާއެއް ނުވެ އެވެ. ރާއްޖެއަށް ބޭސް ގެނެސް، ބޭހުގެ ވިޔަފާރީގެ ބޮޑު ބައެއްގައިވެސް އުޅެނީ އަމިއްލަ ކުންފުނިތަކެވެ.

އެހެންވިޔަސް، ރާއްޖޭގެ ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެ ގެންނަ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރެ އެވެ. އެހެންވީމާ އެ ބޭސްތަކަކީވެސް ގޯސް ނުވަތަ ފެންވަރު ދަށް ބޭހެއް ނޫނެވެ. ނަމަވެސް ބޭހުގެ ބާރުގަދަކަން ނުވަތަ ބެލުން މުހިންމު ހުރިހާ ކަމެއް ރާއްޖެއަކުން ކަށަވަރެއް ނުކުރެވެ އެވެ. ނަތީޖާއަކީ ބޭހުން އެ ލިބެންޖެހޭ އަސްލު ފައިދާ ނުކުރުމެވެ.

ދެން އޮތީ އަގުގެ ވާހަކަ އެވެ. ބޭސް ގެންނަ އަމިއްލަ ކުންފުނިތަކުން ރާއްޖެއަށް ބޭސް ގަންނަނީ ތިންވަނަ ފަރާތެއް މެދުވެރިކޮށެވެ. ނުވަތަ ތާޑް ޕާޓީއަކުންނެވެ. އެހެންވެ ރާއްޖެ ގެނެސް ވިއްކާއިރު ބޮޑެތި ނިސްބަތުން ފައިދާ ނަގަ އެވެ.

މިދިޔަ މާޗު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވަމުން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެފައިވާ ގޮތުން ރާއްޖޭގައި ލިބެން ހުރި ބޭހުގެ އަގުތަކަކީ މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅައިބަލާއިރު 70 ގުނަ ބޮޑު އަގުތަކެކެވެ. ދުނިޔޭގެ ބާޒާރުގައިވެސް ބޭސް ލިބެން ހުންނަ އަގުތަކަށްވުރެ 15 ގުނަ ބޮޑު ކަމަށް ވޯލްޑް ބޭންކުންވެސް ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

މިސާލަކަށް ދަންނަވާ ނަމަ، ބެކްޓީރިއަލް އިންފެކްޝަނަށް ދޭ މެރޮފީނެމް ނަމަކަށް ކިޔާ އިންޖެކްޝަނެކެވެ. ބޭރުން ގަނެގެން ރާއްޖޭގައި 10 ރުފިޔާއަށް ވިއްކޭ އެ ބޭސް ރާއްޖޭގައި ވިއްކަމުންދަނީ 428 ރުފިޔާއަށެވެ. އެއީ 4180 ޕަސެންޓް ބޮޑު އަދަދެކެވެ.

ހަކުރު ބަލިމީހުނަށް ދޭން ބޭނުންކުރާ އިންސުލިންއަކީ 55 ރުފިޔާއާއި 86 ރުފިޔާއާ ދެމެދުގެ އަގަކަށް ވިއްކޭނެ އެއްޗެކެވެ. ނަމަވެސް ރާއްޖޭގައި އިންސުލިން ވިއްކަމުންދަނީ 228 ރުފިޔާއާއި 316 ރުފިޔާއަށެވެ. އެއީ 366 ޕަސެންޓާއި 410 ޕަސެންޓްގެ ބޮޑު އަދަދެކެވެ.

މި ދަންނަވާލެވުނީ އެންމެ ތިން ބޭހަކުން ނަގަމުން އަންނަ ފައިދާގެ ވާހަކައެވެ. މިކަމުގެ ހުރިހާ މަންފާއެއް އޮތީ ބޮޑު އަގުގައި ސަރުކާރަށް ބޭސް ވިއްކާ ފާމަސީތަކާއި މެޑިކަލް މާފިއާތަކަށެވެ. ހުރިހާ ބުރައެއް އޮތީ ދައުލަތުގެ ޖީބަށެވެ. ނަތީޖާއަކީ ކޮންމެ އަހަރަކު އާސަންދައަށް ކަނޑައަޅާ ބަޖެޓު ހުސްވެ، އިތުރަށް ހަރަދު ކުރަންޖެހުމެވެ.

ދައުލަތުގެ އިދާރާތަކުން ލިބެން ހުރި މައުލޫމާތަށް ބަލާއިރު މިދިޔަ އަހަރު އާސަންދައަށް އެއް ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރި އެވެ. ނަމަވެސް އަހަރު ނިމުނުއިރު އެ އަދަދު ހުރީ 2.3 ބިލިއަން ރުފިޔާގަ އެވެ. އޭގެ ތެރެއިން ބިލިއަނަކާ ގާތަށް ހަރަދުކޮށްފައި ވަނީ ފާމަސީތަކުން ދޫކުރާ ބޭހާއި ކޮންސިއުމަބަލްސް އަށެވެ.

ރާއްޖޭގައި ވިއްކާ ބޭހުގެ އަގު ބޮޑުކަމާއި އޭގެ ފެންވަރާމެދު ސުވާލު މި އުފައްދަނީ މިއަދަކު ނޫނެވެ. ކޮންމެ ވެރިޔަކުވެސް ހެޔޮ އަގުގައި މޮޅު ބޭސް ގެނެސް ކާން ދޭން މަސައްކަތް ކުރި އެވެ. މިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޔޫއެންޑީޕީ އާއެކު އެކަން ކުރަން ސޮއިވެސް ކުރި އެވެ. އެއީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. ނަމަވެސް ވެރިކަން ނިމުނުއިރުވެސް އެކަން އޮތީ ނުވެ އެވެ.

ދެން އައީ މި ވެރިކަމެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރެވެ. ހައްލެއް ނެތި ބޮންސުންލާފައިވާ ޒަމާންވީ މައްސަލަތައް ހައްލުކުރުމަކީ އަމާޒު ކަމަށް އެ މަނިކުފާނު އަބަދުވެސް ވިދާޅުވެ އެވެ. އެގޮތުން ރައްޔިތުންނަށް ހެޔޮ އަގުގައި ކޮލިޓީ ބޭސް ފޯރުކޮށްދިނުމަކީ އެ މަނިކުފާނު ސިއްހީ ދާއިރާއިން ވެވަޑައިގެންނެވި އެންމެ ބޮޑު އަދި އެންމެ މުހިންމު ވައުދެވެ. އެއީ މެޑިކަލް މާފިއާގެ ގޮތުގައި ހަރަކާތްތެރިވާ ބާރުގަދަ ވިޔަފާރިވެރިންގެ ދުއްތުރާލަށް ބެއްލެވުމެއް ނެތި، އެ މަނިކުފާނު އެޅުއްވި ހިތްވަރުފުޅު ގަދަ ފިޔަވަޅެކެވެ.

ރައީސް މުއިއްޒުގެ އެ ވައުދުފުޅާ އެއްގޮތަށް ބަލްކް ޕްރޮކިއުމަންޓުގެ ދަށުން ޔޫރަޕްގެ ކޮލިޓީގެ ބޭސް ރާއްޖެއަށް އެތެރެކޮށް، އެސްޓީއޯއިން ސަޕްލައި ކުރަން މިވަނީ ފަށައިފަ އެވެ.

ސުވާލަކީ އޭރާއި މިހާރުގެ ތަފާތަކީ ކޮބައި ހެއްޔެވެ؟

ބަލްކް ޕްރޮކިއުމަންޓުގެ ދަށުން އެތެރެ ކުރާނީ ބޭސް އުފައްދާ، ދުނިޔޭގެ މަޝްހޫރު ފެކްޓަރީތަކުގެ މެދުވެރިއެއް ނެތި ސީދާ އެ ކުންފުނިންނެވެ. އެއީ އިންޑިއާ ނުވަތަ ޕާކިސްތާނުގައި ހުންނަ ފެކްޓަރީއަކަށްވެސް ވެދާނެ އެވެ. ތަފާތަކީ މި ނިޒާމުގެ ތެރެއިން އެ ކުންފުނިތަކުންވެސް ގެންނާނީ ޔޫރަޕުގެ ގައުމުތަކުގައި ބޭނުންކުރުމަށް އެ ގައުމުތަކުގެ އިދާރާތަކުން ހުއްދީފައިވާ ބޭސްތަކެވެ.

މި ބޭސްތައް ބަލްކް ޕްރޮކިއުކުރަނީ ޔޫއެންޑީޕީން ޔޫރަޕަށް ބޭސް ގެންދާ ގައުމުތަކާއެކުގައި ކަމަށްވާތީ، ހަރަދު އެތައް ތަނެއް ކުޑަވެ، ކޮލިޓީ ބޭސް ރާއްޖެއަށް ލިބޭނެކަން ޔަގީންވާނެ އެވެ. އެއާއެކު ބޭހުގެ ފެންވަރު ޑަބަލް ވެރިފިކޭޝަންގެ ތެރެއިން ޔަގީން ކުރެވި، އަސާސީ ހުރިހާ ބޭހެއް ރާއްޖެއިން ލިބޭނެކަން ކަށަވަރު ކުރެވޭނެ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުން ބަލްކް ޕްރޮކިއުމަންޓުގެ ދަށުން ބޭސް އެތެރެކުރަން ފަށާނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި މި އަހަރު ރާއްޖެ ގެނެސް ދައުރު ކުރަން ފަށާނީ ހަތް ބޭހެކެވެ. އެއަށްފަހު ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ފުރިހަމަކުރުމާއި ޑޮކްޓަރުން ބޭސް ލިޔާ ގޮތަށް ބަދަލު ގެންނަން ފަށާނެ އެވެ. އަދި އިތުރު ތިން ބޭހެއް މި އަހަރުގެ ތެރޭގައި ދައުރުކުރަން ފަށާނެ އެވެ.

ދެވަނަ މަރުހަލާގައި އިތުރު ގިނަ ބޭސްތައް ބަލްކް ޕްރޮކިއު ކޮށްގެން ގެނެސް، ރާއްޖެއަށް ބޭނުންވާ އަސާސީ ހުރިހާ ބޭހެއް ކަށަވަރު ކުރާނެ އެވެ. ހުރިހާ ބޭހެއް ޕްރޮކިއުކޮށް ނިމޭނީ 2026 ވަނަ އަހަރަށެވެ.

ސަރުކާރުން ބުނާ ގޮތުން މިގޮތަށް ގެންނަ ބޭހަށް އާސަންދައިން އަސާސީ އަގު ކަނޑައަޅާފައިވާނީ ރީޓެއިލް ފައިދާއަކާއެކު ވިއްކޭވަރަށެވެ. އެހެންކަމުން އެސްޓީއޯއިން ގަނެ، އަމިއްލަ ފާމަސީތަކަށް ފައިދާއަކާއެކު ބޭސް ވިއްކޭނެ އެވެ. ނަމަވެސް ކުރިން ނަގަމުން އަންނަ އިންތިހާއަށް ބޮޑު ފައިދާއެއް ނުނެގޭނެ އެވެ. އަދި ގެންނަ ބޭސް ނޫން ވަކި ބްރޭންޑެއްގެ ބޭހެއް ކާން ޖެހޭނަމަ، ޑޮކްޓަރު މެޑިކަލް ސަބަބާއެކު ވަކި ބްރޭންޑެއް ލިޔެފި ނަމަ، އެ ބޭސް އާސަންދައިން ލިބޭނެ އެވެ.

ސަރުކާރުން ތަންފީޒު ކުރަން ފެށި މި ބަދަލަކީ ބޮޑު ކަމެކެވެ. ބޮންސުންލާފައި އޮތް ޒަމާންވީ މައްސަލައަކަށް އޮތް ހައްލެކެވެ. ދައުލަތުގެ ޖީބުން ބޭހަށް ކުރާ ހަރަދު އެތައް މިލިއަނެއް ކުޑަވެ، ލުއި ލިބޭނެ ކަމެކެވެ. މިކަމާއެކު ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ރާއްޖެއިންވެސް ސިންގަޕޫރު އަދި މެލޭޝިއާ ފަދަ މި ސަރަހައްދުގެ ރަނގަޅު ފެންވަރުގެ ގައުމުތަކުން، ލިބޭ ފަދަ ކޮލިޓީ ބޭސް ލިބެން ފެށުމެވެ. ރޯގާއާއި ކެއްސުމާއި ހުން ޖެހިގެން އުފުލަން ޖެހޭ ތަކުލީފާއި ކުރާ ޝަކުވާއަށް ހެޔޮ ބަދަލެއް އައުމެވެ. ރައްޔިތުންގެ ޖީބުން ކުރަމުން ދިޔަ އިންތިހާއަށް އިންސާފުބޮޑު، ކޮލިޓީއެއް ނެތް ބޭސް ތަކަށް ނިމުމެއް އައުމެވެ. މި ހުރިހާ ކަމެއްގެ ނަތީޖާއަކަށް ވެގެންދާނީ، ބަލިވުމުން އަވަހަށް ފަސޭހަވާނޭ ފަދަ ކޮލިޓީ ބޭސްތަކެއް ލިބުމެވެ. ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިވެގެން ދިއުމެވެ. ހުއްޓުމެއް ނެތި، ކޮލިޓީއެއް ނެތް ބޭސްތައް ކައިކައި ތިބުމަށް ނިމުމެއް އައުމެވެ.