ރާއްޖޭގައި ބޭއްވި ކާވާ ސެންޓްރަލް ޒޯން 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި ރާއްޖެ ކައިރިން ނޭޕާލް މޮޅުވި އިރު، ރޭ ކުޅުނު ފައިނަލް މެޗުގައި ކިރިގިސްތާނުން ސްރީ ލަންކާ ބަލިކޮށްފިއެވެ.
ޖުމުލަ ހަތަރު ޓީމުން ބައިވެރިވި މުބާރާތުގެ މެޗުތައް ކުޅެފައިވަނީ ފުރަތަމަ ލީގު ބުރެއް ކުޅުމަށްފަހު، ރޭންކަށް ބަލައި ހަތަރު ޓީމުވެސް ސެމީގައި ކުޅޭ ގޮތަށެވެ. ރާއްޖެ އިން ސެމީގައި ސްރީ ލަންކާ އަތް ދަށުވި އިރު، އިއްޔެ ނޭޕާލް ކައިރިން ތިންވަނަ ހޮވި މެޗުން ބަލިވީ ސީދާ ތިން ސެޓުންނެވެ.
ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ނޭޕާލުން ރާއްޖެ ކައިރިން ސެޓުތައް ގެންދިޔައީ 25-14, 25-22 އަދި 25-13 އިންނެވެ. ރާއްޖެ އިން މިފަހަރުގެ މުބާރާތް ނިންމާލީ އެއްވެސް ސެޓެއް ނުލިބި، ކުޅުނު ހުރިހާ މެޗަކުންވެސް ސީދާ ތިން ސެޓުން ބަލިވެގެންނެވެ.
އިއްޔެ ރާއްޖެ އިން ކުޅުނު މެޗުގެ އެންމެފަހު ސެޓާއި ފުރަތަމަ ސެޓުގައިވެސް ރާއްޖެ ދަށްކޮށް ފެނުނުއިރު، އަމިއްލަ ގޯސްތައްވެސް ގިނައެވެ. ދެވަނަ ސެޓުގައި ކޮންމެވެސް ވަރެެއްގެ އެޓޭކުތަކެއް ރާއްޖެ އިން އުފައްދައި ރަނގަޅަށް ކުޅުނެވެ. އެ ސެޓު ކައިރިން ގެއްލިގެން ގޮސްފައިވާ އިރު، ނޭޕާލްގެ ސާވިސްތައް ރިސީވް ކުރުމުގައި ރާއްޖެ ރަނގަޅަށް ކުޅުނެވެ.
ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ކިރިގިސްތާނުން ސްރީ ލަންކާ ބަލިކުރީވެސް ސީދާ ތިން ސެޓުންނެވެ. ލީގު ބުރުގައި ކިރިގިސްތާނުން ލަންކާ ކައިރިން 3-2 ސެޓުން ބަލިވެފައި އޮތުމުން ރޭގެ މެޗު ވަރަށް ވާދަވެރިވާނެ ކަމަށް ކުރިންވެސް އޮތީ ބެލެވިފައެވެ. އެ ވާދަވެރިކަން ފުރަތަމަ ސެޓުގައި ފެނުނު ނަމަވެސް، ދެން ކިރިގިސްތާން ފެނުނީ މާ މޮޅުކޮށެވެ. ލަންކާ އަތުން ކިރިގިސްތާން ސެޓުތައް ގެންދިޔައީ 28-26, 17-25 އަދި 25-19 އިންނެވެ.
މެޗުގެ ކުރީކޮޅުގައި ލަންކާ އިން ކުޅެމުން ދަނިކޮށް، ކިރިގިސްތާނުން މެޗު ތެރެއަށް ވަދެ، ބޮޑު ލީޑެއްވެސް ނެގިއެވެ. 14-9 ގެ ލީޑެއްގައިވެސް ކިރިގިސްތާނުން އޮތްއިރު، އެ ޓީމުގެ އިސްކޮޅުން ދިގު އެޓޭކަރުން ދިޔައީ ލަންކާއަށް އުނދަގޫތައް ކުރިމަތި ކުރުވަމުންނެވެ. ނަމަވެސް ލަންކާ އިން ޑިފެންސް ރަނގަޅުކޮށް، ސެޓުގެ ފަހު ކޮޅަށް ގޮސް، 22-22 އިން އެއްވަރުކުރިއެވެ. އެ ހިސާބުން ވާދަވެރިކޮށް ސެޓު ގޮސް ނިމުނީ ކިރިގިސްތާނުން 26-28 އިން ސެޓު ގެންގޮސްގެންނެވެ.
އެ ސެޓު ހަނި ގޮތަކަށް ގެއްލުމާއެކު ލަންކާއަށް ޕްރެޝަރާ ކުރިމަތިވެ، ދެން ޖެހިގެން އައި ސެޓުގައި ފެނުނީ ދަށް ކުޅުމެކެވެ. އަމިއްލަ ގޯސްތައް ގިނަކޮށް ފެނުނުއިރު، ކިރިގިސްތާނުން ވަނީ 25-17 އިން ސެޓު ގެންގޮސްފައެވެ.
އެންމެފަހު ސެޓުގައި ލަންކާއަށް މާބޮޑު ތަފާތެއް ދެއްކިފައެއް ނުވެއެވެ. މުހިންމު ދަނޑިވަޅުތަކުގައި ސާވިސްތައްވެސް ގެއްލި ލަންކާއަށް މެޗު ގެއްލިގެން ދިޔައެވެ.
ރޭގެ މެޗަށްފަހު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވާ އިރު، ރޭގެ ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދެވެ. ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލްވެސް ހަވާލުކޮށްދެއްވީ އެކަމަނާއެވެ.
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް