ރާއްޖޭގައި ކުރިއަށްދާ ކާވާ ސެންޓްރަލް ޒޯން 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ރާއްޖެ އިން ލަންކާ ކައިރިންވެސް ބަލިވެއްޖެއެވެ.

ލަންކާ އިއްޔެގެ ސެމީ ފައިނަލަށް ނުކުތީ ހުރިހާ މެޗަކުން މޮޅުވެ، ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މުބާރާތުގެ އުސޫލު އޮތް ގޮތުން، ރާއްޖެ މެޗަކުން މޮޅު ނުވިޔަސް ހަތަރު ވަނައިގައި ސެމީ ފައިނަލަށް ގޮސްފައިވެއެވެ. އެއީ އިތުރު މެޗުތަކެއް ކުޅުމަށް ޓީމުތަކަށް ފުރުސަތު ދިނުމުގެ ގޮތުން އެކުލަވާލާފައިވާ އުސޫލެކެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލު ފުރަތަމަ މެޗުގައި ރާއްޖޭގެ މައްޗަށް ލަންކާ އިން ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ލަންކާ އިން ގެންދިޔައީ 25-09, 25-08 އަދި 25-07 އިންނެވެ.

އިއްޔެގެ މެޗުގައި ލަންކާ މާބޮޑަށްވެސް ވަރުގަދަކޮށް ފެނިގެންދިޔައިރު، ރާއްޖެއަށް އެއްވެސް ސެޓެއްގައި ރަނގަޅަށް ވާދަކޮށްލެވިފައެއް ނުވެއެވެ. މިހާތަނަށް ރާއްޖެއަށް މެޗެއްގެ ސެޓެއްވެސް ލިބިފައި ނުވާއިރު، މިއަދު ނޭޕާލާ ދެކޮޅަށް ކުޅެންޖެހޭ ތިންވަނަ ހޮވާ މެޗަކީ ފަހު މެޗެވެ.

ސެމީ ފައިނަލް ދެވަނަ މެޗުގައި ރޭ ނޭޕާލްއާއި ކިރިގިސްތާން ވާދަކޮށްފައިވާއިރު، އެ މެޗު ކިރިގިސްތާނުން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ކިރިގިސްތާނުން ގެންދިޔައީ 25-14, 25-22 އަދި 25-13 އިންނެވެ.

މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅޭނެއެވެ. އެ މެޗުގައި ކިރިގިސްތާނުން ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. ރާއްޖެ އިން ނޭޕާލްއާ ދެކޮޅަށް ނުކުންނަ ބްރޯންޒް މެޑަލް މެޗު އޮންނާނީ މިއަދު ހަވީރުއެވެ.