އަންނަ ސީޒަނުގައިވެސް ބެލްޖިއަމްގެ ކެޕްޓަން ކެވިން ޑި ބްރޭނާ ފެންނާނީ މެންޗެސްޓާ ސިޓީން ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ އެގޮތަށް ވާހަކަ ދައްކާފައިވަނީ ޑި ބްރޭނާ، ސައުދީ ލީގަށް ބަދަލުވާ ކަމަށް މީޑިއާތަކުގައި އަޑު ފެތުރުމުން، އެކަމަށް ޖަވާބު ދިނުމަށެވެ.

ސިޓީ އާއެކު ޑި ބްރޭނާ ހަދާފައިވާ އެއްބަސްވުމުގައި އެއް އަހަރު ދުވަހުގެ މުއްދަތެއް ބާކީ އޮތުމުން، އަންނަ ސީޒަނުގެ ނިޔަލަށް އެއްބަސްވުން އާނުކޮށްފިނަމަ، ޑި ބްރޭނާ ސިޓީ ދޫކޮށްލާނީ ހިލޭ ޓްރާންސްފާއެއްގައެވެ. ނަމަވެސް އޭގެ ކުރިން އެއްބަސްވުން އާކޮށް، ޑި ބްރޭނާ ސިޓީ އާއެކު މި ސީޒަނަށް މަޑުކުރާނެ ކަމުގެ ޔަގީންކަން ކޯޗު ގާޑިއޯލާއަށް އެބަ އޮތެވެ.

"ކެވިން ނޫޅޭ ދާކަށް. ދާން ބޭނުންވެ، ފައިސާ ހޯދަން ދާނެ ނަމަ، މީގެ މާކުރިން ޑި ބްރޭނާ ދާނެ. އޭނާ ނޫޅޭ އެހެން ދާކަށް. އަދި ސިޓީގެ އެއްވެސް ކުޅުންތެރިޔަކު ކްލަބު ދޫކޮށްލާނަމަ، އެ ވާހަކަ ރަސްމީކޮށް އަބަދުވެސް އަހަންނާ ދައްކާނެ. ސްކޮޑަށް ބަދަލެއް އައުމަށް ކުޑަ ފުރުސަތެއް އޮވެދާނެ ޓްރާންސްފާގެ ފަހު ދުވަހާ ޖެހެންދެން. އެކަމަކު އަހަންނަށް 85، 90 ނޫނީ 95 ޕަސެންޓް ޔަގީންކަން އެބަ އޮތް، މިހާރު އޮތް ސްކޮޑު އޮންނާނެކަމުގެ،" ގާޑިއޯލާ ބުންޏެވެ.

ޑި ބްރޭނާ ސިޓީ އާއެކު މިހާތަނަށް ހަ ލީގު ތަށި ހޯދައި، ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައިވެއެވެ. މިދިޔަ ސީޒަނުގައި އެ ޓީމުން ކާމިޔާބުކުރި ލީގު ތައްޓަކީ ޖެހިޖެހިގެން އެ ޓީމުން ހޯދި ހަތަރުވަނަ ލީގު ތައްޓެވެ. އެއީ އިނގިރޭސި ރެކޯޑެކެވެ.

ސިޓީން ޓްރާންސްފާ ސީޒަނުގައި މަޑުމަޑުން ހަރަކާތްތެރިވަމުންދާ އިރު، ގޯލްކީޕަރު އެޑަސަންގެ މިސްރާބު ހުރީ ސައުދީ ލީގަށެވެ. އަދި ކްރިސްޓަލް ޕެލެސްއަށް ކުޅެމުންދާ އިންގްލެންޑްގެ އުންމީދީ ކުޅުންތެރިޔާ، އެބެރެޗޭ އެޒޭ ގެންދަން ސިޓީގެ ޝައުގުވެރިކަން ހުރި ކަމަށް ނޫސްތައް ބުނެއެވެ.