މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންދިޔަ ފްރާންސްގެ ޑިފެންޑަރު ރަފޭލް ވަރާން، އިޓަލީ ލީގުގެ ކޮމޯއަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

ކޮމޯ މި ސީޒަނުގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވީ 21 އަހަރަށްފަހުއެވެ. އެ ޓީމު ދެވަނަ ޑިވިޝަންގައި އޮތް އިރުވެސް ސްޕެއިންގެ ލެޖެންޑް ފެބްރިގާސް ވަނީ އެސިސްޓެންޓް ކޯޗެއްގެ މަގާމުގައި ހަރަކާތްތެރިވެފައެވެ. އޭރު ފެބްރިގާސް އެސިސްޓެންޓް ކޯޗަކަށް ހުރި ނަމަވެސް އަންނަ ސީޒަނުގައި އޭނާ ހުންނާނީ ކޯޗުގެ މަގާމުގައެވެ.

ކޮމޯއިން އެއްވަނަ ޑިވިޝަންގައި ކުޅުމަށް ސްކޮޑު ވަރުގަދަ ކުރަމުންދާއިރު، ވަރާން އެ ކްލަބަށް ގެންދަން އެއްބަސްވެފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެއީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެކުލަވާލައި އެއްބަސްވުމެއްގައެވެ. ނަމަވެސް އެ އެއްބަސްވުން އިތުރު އެއް އަހަރަށް އާކުރުމުގެ ފުރުސަތު ކޮމޯއަށް އޮންނާނެއެވެ.

ވަރާންގެ އިތުރުން އަރުތޫރު މެލޯ ހޯދަންވެސް ކޮމޯއިން މަސައްކަތް ކުރަމުންދާ އިރު، ވަރާންއަކީ ރެއާލް މެޑްރިޑަށް ކުޅެ، 2018 ވަނަ އަހަރު ފްރާންސް އާއެކު ވޯލްޑް ކަޕްވެސް ހޯދި މޮޅު ޑިފެންޑަރެކެވެ. 2011 ވަނަ އަހަރުން ފެށިގެން ރެއާލްއަށް ވަރާން ވަނީ 236 މެޗު ކުޅެދީފައެވެ. އެ ކްލަބާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ތިން ފަަހަރު ލީގުވެސް ވަރާން ވަނީ އުފުލައިލާފައެވެ. ވަރާން ޔުނައިޓެޑަށް ދިޔައީ 2021 ވަނަ އަހަރުއެވެ. އޭގެފަހުން އޭނާ ވަނީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕްވެސް ހޯދައިފައެވެ.