އަންނަ ހުކުރު ދުވަހު ފްރާންސްގެ ޕެރިހުގައި ފަށާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، އޮލިމްޕިކްސްގެ ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާނީ ޓީޓީ ތަރި ފާތިމަތު ދީމާ އަލީ އާއި އެތުލެޓިކްސްގެ ދުވުންތެރިޔާ އިބާދުﷲ އާދަމް ކަމަށް ކަނޑައަޅައިފިއެވެ.
އެ ޝަރަފާ އެކު ދީމާ އާއި އިބާދުﷲ އަށް ދިދަ މިއަދު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒެވެ. އެއީ އެކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ހާއްސަ އިވެންޓެއްގައެވެ.
މިއަދުގެ އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކުޅިވަރު ކުރިއެރުވުމަށްޓަކައި މިހާތަނަށް ރާއްޖޭގެ ތާރީހު ނުދެކޭހާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން އިތުރު ކުޅިވަރުތަކުގައި އެތުލީޓުން ނުވަތަ ކުޅިވަރު ކުޅޭ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭ ފެންވަރަށް ރާއްޖޭގައި ކުޅިވަރު ކުރިއަށްގެންދިއުމަކީ މިސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.
އޭގެއިތުރުން ސަރަހައްދީ ފެންވަރުގައި އަދި ބައިނަލްއަގުވާމީ މައިދާނުގައި، އޮލިމްޕިކްސް އާއި އެހެނިހެން މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން ގިނަ އެތުލީޓުން ބައިވެރި ކުރުމަށްޓަކައި ރާއްޖޭގައި ލިބޭ ތަމްރީނާއި ލިބޭ ފުރުސަތުތައް އިތުރުކުރުމާއި ރާއްޖެއިން ބޭރުންވެސް ތަމްރީނުގެ ފުރުސަތުތައް ހޯދައިދީ، އެތުލީޓުން ކުރިއެރުވުމަށްޓަކައި ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ވަކިތަރުތީބެއްގެ މަތީން ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
އުމުރުން އެންމެ 16 އަހަރުގައި ދީމާ އޮލިމްޕިކްސް ކޮލިފިކޭޝަން ޔަގީން ކުރީ ނޭޕާލުގެ ކަތަމަންޑޫގައި ކުރިއަށްދިޔަ ޕެރިސް އޮލިމްޕިކްސް 2024ގެ ދެކުނު އޭޝިއާ ގައުމުތަކުގެ ޓޭބަލް ޓެނިސް ކޮލިފިކޭޝަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިގެންނެވެ. އެ މުބާރާތުގެ ފައިނަލުގައި ދީމާ ވަނީ ސްރީ ލަންކާގެ ބިމާންޑީ ބަންޑާރާ 4-1 ސެޓުން ބަލިކޮށްފައެވެ. އެއީ ދިވެހި އެތުލީޓަކު އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. އެ ޝަރަފާ އެކު ދީމާ މިފަހަރު އޮލިމްޕިކްސްއަށް ދާނީ ރާއްޖޭގެ ތާރީހުގައި އޮލިމްޕިކްސްއަށް ދާ އެންމެ ބޮޑު ކޮންޓިޖެންޓުގައެވެ.
ރާއްޖެއިން މިފަހަރު ހަތަރު ކުޅިވަރެއްގައި ވާދަކުރާ އިރު، އެއީ ޓީޓީ އާއި އެތުލެޓިކްސްގެ އިތުރުން ބެޑްމިންޓަނާއި ސްވިމިން އިވެންޓެވެ.
ޖެމެއިކާގައި ތަމްރީނު ފުރިހަމަކުރަމުން އަންނަ އިބާދުﷲ އަށް އޮލިމްޕިކްސްއިން ފުރުސަތު ދީފައި ވަނީ ޓައިމް ޓްރައިލްސްއަށް ބަލައިގެންނެވެ. އިބާދުﷲ މިއަހަރުގެ އިވެންޓްތަކަށް އެނބުރި އައިސްފައި ވަނީ އަނިޔާގައި ދުވަސްތަކެއް ހޭދަކުރުމަށްފަހުއެވެ. މިދިޔަ އަހަރު އޮތް އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައިވެސް އިބާދުﷲ ފެނިގެން ގޮސްފައެއް ނުވެއެވެ. އެއީ އަނިޔާގެ ސަބަބުންނެވެ. އެހެން ނަމަވެސް، އަނިޔާއިން ރަނގަޅުވެ، އިބާދުﷲ އަންނަނީ އަނެއްކާވެސް ތަފާތު ދައްކަމުންނެވެ.
އޮލިމްޕިކްސްގައި މި ފަހަރު ބެޑްމިންޓަނުން ވާދަކުރަނީ ފާތިމަތު ނަބާހާއެވެ. ސްވިމިން އިން އޮލިމްޕިކްސް އަށް ދާ އެތުލީޓުންނަކީ، މުހައްމަދު އާން ހުސައިން އަދި އައިޝަތު އުލްޔާ ޝާއިގެވެ. އަންނަ މަހުގެ 11 އާ ހަމައަށް ކުރިއަށްދާ އޮލިމްޕިކްސް ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަނަރަކީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ރައީސް އަލީ ރަޝީދު (އައްޔަ) އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ