އެކި ފަހަރުމަތިން ފަސްކޮށްފައިވާ 14 ވަނަ ސައުތު އޭޝިއަން ގޭމްސް، އަންނަ އަހަރު އޭޕްރީލް މަހު ޕާކިސްތާނުގައި ބާއްވަން ކުރިން ނިންމާފައި އޮތް އޮތުން އަނެއްކާވެސް ބަދަލުކޮށް، ސެޕްޓެމްބަރު މަހަށް ތާވަލު ބަދަލުކޮށްފިއެވެ.

ސަރަހައްދީ އެންމެ ބޮޑު ގޭމްސް ޕާކިސްތާނުގެ އިސްލާމްއާބާދާއި ލަހޯރު އަދި ޕެޝަވާގައި ބާއްވަން ނިންމާފައިވާ އިރު، އެންމެ ފުރަތަމަ ގޭމްސް ބާއްވަން އޮތީ 2021 ގައެވެ. އެހެން ނަމަވެސް ކޮވިޑާ ގުޅިގެން ފަސްވުމަށްފަހު ދެން ގޭމްސް ބާއްވަން އުޅުނީ 2023 ވަނަ އަހަރުއެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާހެދި މިހާރު ތާރީހަށް ވަނީ ހަ ފަހަރެއްގެ މަތިން ބަދަލު ގެނެސްފައެވެ.

އެންމެފަހުން މިއަހަރު އޮގަސްޓް މަހު، ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އިންވެސް ބައިވެރިވި ސައުތު އޭޝިއާ އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ) ގެ ހިންގާ ކޮމިޓީ ބައްދަލުވުމުގައި ނިންމާފައި އޮތީ އަންނަ އޭޕްރީލް މަހު ގޭމްސް ބޭއްވުމަށެވެ.

ޕާކިސްތާނުގައި އެފަހަރު ބޭއްވި ބައްދަލުވުމުގައި ގޭމްސްއަށް މިހާތަނަށް ވެފައިވާ ތައްޔާރީތަކާއި ކުރިއެރުންތައް ރީޖަންގެ ގައުމުތަކާ ހިއްސާ ކޮށްފައިވެއެވެ. އަދި އިސްލާމްއާބާދުގައި ގޭމްސް ހޯސްޓް ކުރާ ތަންތަނަށް ގައުމުތަކުގެ އޮލިމްޕިކް ކޮމިޓީތަކުން ޒިޔާރަތްވެސް ކޮށްފައިވެއެވެ. އަދި ދެން ގޭމްސް ހޯޓްސް ކުރާ ދެ ސިޓީގެ އަދާހަމަވެސް ކޮމިޓީ މެމްބަރުންނާ ހިއްސާ ކޮށްފައިވެއެވެ.

އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ) "ވަން ސްޕޯޓްސް"އަށް ވިދާޅުވީ ގޭމްސް މިފަހަރު ފަސްކުރީ މިއަހަރު ޑިސެމްބަރު މަހު 11 އިން 21 އަށް ސައުދީ އަރަބިއްޔާގެ ރިޔާދުގައި ބާއްވަން އޮތް އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް (އައިމެގް) އަންނަ އަހަރުގެ މާޗު މަހަށް ފަސްކުރުމުން، އެއީ ކުރިން ސައުތު އޭޝިއަން ގޭމްސް ބާއްވަން އޮތް ތާރީހު ކަމަށްވާތީ ކަމަށެވެ.

އެ ނިންމުން ނިންމީ އެސްއޭއޯސީގެ ބައްދަލުވުމެއްގައި ގައުމުތަކުން އެއްބަސްވެގެން ކަމަށާއި، ނިންމުމަށް އޮގަނައިޒިން ކޮމިޓީވެސް އެއްބަސްވެފައިވާ ކަމަށެވެ.

މިފަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި 28 ކުޅިވަރަކުން ޖުމުލަ، 3200 އެތުލީޓުން ބައިވެރިވާނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ.

މީގެ ކުރިން ސައުތު އޭޝިއަން ގޭމްސް ޕާކިސްތާނުގައި ބާއްވައިފައިވަނީ 1989 ވަނަ އަހަރާއި 2004 ވަނަ އަހަރުއެވެ.