މިއަހަރު ޑިސެމްބަރު މަހު 11 އިން 21 އަށް ސައުދީ އަރަބިއްޔާގެ ރިޔާދުގައި ބާއްވަން އޮތް އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް (އައިމެގް) އަންނަ އަހަރުގެ މާޗު މަހަށް ފަސްކރުަން ނިންމައިފިއެވެ.
އޭޝިއަން އޮލިމްޕިކްސް ކައުންސިލް (އޯސީއޭ) އާއި ސައުދީގެ އިންތިޒާމު ކޮމިޓީއާ ވާހަކަ ދެއްކުމަށްފަހު ގޭމްސް ފަސްކުރަން ނިންމީ ތައްޔާރީތައް ލަސްވެގެން ނޫން ނަމަވެސް، ތައްޔާރީތައް ފުރިހަމަ ކުރުމަށް ވަގުތު ދޭން ކަމަށެވެ. އައިމެގުގެ އިންތިޒާމުކުރާ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ ގޭމްސް ފަސްކުރި އެއް ސަބަބަކީ ރަނގަޅަށް ތައްޔާރުވުން ނަމަވެސް، ފަސްކުރި އަނެއް ސަބަބަކީ ގޭމްސްގެ އެކިއެކި އިވެންޓްތަކަށް ކަނޑައެޅިފައިވާ ކޮލިފިކޭޝަން ކްރައިޓީރިއާ ހަމައަށް ދާން ވީހާވެސް ގިނަ އެތުލީޓުންނަށް ފުރުސަތު ދިނުމަށް ކަމަށެވެ.
އައިމެގް އަންނަ އަހަރު ސައުދީގައި ކުރިއަށްދާނީ މާޗު 28 އިން އޭޕްރީލް އަށަކަށެވެ. އައިމެގްގައި 18 ކުޅިވަރެއް ހިމެނޭ އިރު، ގާތްގަނޑަކަށް 4،500 އެތުލީޓުން ފެނިގެންދާނެއެވެ. އަދި 45 ގައުމަކުން ވާދަކުރާނެ ކަމަށްވެސް ކުރިން ވަނީ އިއުލާނު ކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.
އެންމެފަހުން އައިމެގް އޮތީ 2017 ވަނަ އަހަރު ތުރުކުމެނިސްތާންގެ އަޝްގަބަތުގައެވެ.
ސައުދީން ވިޝަން 2030 އަށް މަސައްކަތް ކުރަމުންދާ އިރު، އެގައުމުން ދަނީ ކުޅިވަރު އިވެންޓްތައްވެސް ހޯސްޓް ކުރާ މިންވަރު އިތުރުކުރަމުންނެވެ. އައިމެގަކީ އޭޝިއާ އެންމެ ބޮޑު ކުޅިވަރު އިދާރާ، އޯސީއޭއިން އިންތިޒާމުކޮށްގެން ސައުދީގައި ބާއްވާ އެންމެ ފުރަތަމަ ބޮޑު ގޭމްސްއެވެ.
އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް
ކޮމެންޓް